އިދިކޮޅު ފަރާތްތަކުން ރައީސަށް އަމާޒުކުރާ ކޮރަޕްޝަންގެ ތުހުމަތަށް ސިޔާމްގެ ހޫނު ރައްދެއް

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިދިކޮޅު ފަރާތްތަކުން އަމާޒުކުރާ ކޮރަޕްޝަންގެ ތުހުމަތުތަކަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ނ. ވެލިދޫ ރައްޔިތުންނާ ރައީސް ޔާމީން ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ރައީސް ޔާމީނާއެކު ހޭދަވި 25 އަހަރުގެ ރަހުމަތްތެރިކަމުގެ ތެރެއިން ދުވަހަކުވެސް ގޯސް ކަމެއް ކުރަން އެމަނިކުފާނު އެދިވަޑައިގެންފައިނުވާ ކަމަށެވެ.

"މާތް ﷲ ގަންދީ ކުރާ ހުވައެއްމީ. ﷲ ދެނަވޮޑިގެންވާނެ. އަޅުގަނޑު ކައިރީގައި ދުވަހަކުވެސް އަދި މިހާ ހިސާބަށްދިޔައިރުގައި ނެތް ނުސީދާކޮށް ކަމެއް ކުރަން ބުނެފައެއް. ވައްކަން ކުރަން ބުނެފައެއް. ވައްކަމަށް ހިތްވަރުދޭނެ ވާހަކައެއް ބުނެފައެއް. ކޮރަޕްޝަންގެ ވާހަކައެއް ބުނެފައެއް. 25 އަހަރުވީ ރައްޓެއްސެއްއެއީ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ރައީސް ޔާމީނޭ ކިޔައިގެން ބަޔަކު ކޮރަޕްޝަންގެ ވާހަކަ ދައްކަނީ އަމިއްލަ އެދުމެއް ހާސިލް ކުރަން ކަމަށެވެ. އަދި ރައީސް ޔާމީނާކީ އަނިޔާވެރި ބޭފުޅެއް ކަމަށް ސިފަކުރަން ބަޔަކު މަސައްކަތް ކުރިޔަސް އެމަނިކުފާނަކީ އެފަދަ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ ރައްޔިތުންނަށް އޯގާތެރި ބޭފުޅެއް ކަމަށް އެމްޑީއޭގެ ލީޑަރު ވިދާޅުވިއެވެ.

"އެއްވެސް ވަރެއްގެ ހަގީގަތެއް އޮވެގެން ދައްކާވާހައެއް ނޫން އެއިކީ. ޔާމީނަކީ ވައްކަންކުރާ ބެފުޅެކޭ. ޔާމީނަކީ ކަރަޕްޝަން ބޭފުޅެކޭ. ޔާމީނާކީ ގޯސް ބޭފުޅެކޭ. ޔާމީނަކީ މީހުންނަށް އަނިޔާވެރި ބޭފުޅެކޭ. އެއީ ހަގީގަތެއް ނޫން. ޔާމީނާކީ އަނިޔާވެރި ބޭފުޅެއް ނޫން. ޔާމީނަކީ ރައްޔިތުންނަށް އޯގާތެރި ބޭފުޅެއް،" ސިޔާމް ވިދާޅުވިއެވެ.

އެމްޑީއޭގެ ލީޑަރު ވިދާޅުވީ "ނުކުޅެދޭ މީހުން ކުޅެދޭ މީހުންނަށްވެސް" ބަދަލުވީ މި ސަރުކާރުގައި ކަމަށާއި ސިއްހީ ދާއިރާއިންނާއި ތައުލީމީ ދާއިރާއިން ރައީސް ޔާމީން ގެންނެވި ބަދަލު ތަކަކީ ފާހަގަކޮށްލަންޖެހޭ އިންގިލާބީ ބަދަލުތަކެއް ކަމަށެވެ.

ސިޔާމް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން އޭނާގެ އަރިހަށް ޒިޔާރަތްކުރައްވައި އެ ބޭފުޅުންނާ އެކު ކޯލިޝަން ހެދުމަށް އެދުނު ކަމަށެވެ. ނަމަވެސް އެބޭފުޅުންގެ ތެރެއިން ކޯލިޝަން ޕާޓްނަރަކަށް ރައީސް ޔާމީން އިޚްތިޔާރުކުރެއްވީ އެމަނިކުފާނަކީ އެންމެ އިތުބާރުކުރެވޭ ބޭފުޅާއަށްވާތީ ކަމަށް ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް