ހުރިހާ މަޝްރޫއެއް އަންނަ އަހަރު ނިމޭނެ، 2019 ގައި ފަށާނީ ބޮޑެތި އާ މަޝްރޫއުތަކެއް: ރައީސް

ރައީސް ޔާމީން ހޮޅުދޫ ރައްޔިތުންނާ ސަލާން ކުރައްވަނީ --- ފޮޓޯ: ހައުސިން މިނިސްޓްރީ

ޕީޕީއެމްގެ ސަރުކާރުން ފަށާފައި ހުރި ހުރިހާ މަޝްރޫއުތަކެއް އަންނަ އަހަރު ނިމުމުގެ ކުރިން ނިންމާލާނެ ކަމަށާއި ރައްޔިތުން ފުރުސަތު ދެއްވާފައި ނަމަ ވިސްނުމުގައި ހުރީ 2019 ވަނަ އަހަރު ބޮޑެތި އާ މަޝްރޫއުތަކެއް ފެށުމަށް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޮޅުދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނުން ރައީސް ވިދާޅުވީ މި ސަރުކާރުން ބޮޑެތި މަޝްރޫއުތައް ނިންމަމުން ދަނީ ދެ ތިން އަހަރު ބަޖެޓްގައި ފައިސާ ޖަހައިގެން ފައިސާ ހޯދައިގެން ކަމަށެވެ.

ކުރީގެ ސަރުކާރުތަކުން ފައްޓާފައިހުރި މަޝްރޫއުތައް ވެސް ޕީޕީއެމްގެ ސަރުކާރުން ނިންމާދީފައިވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ މަޝްރޫއުތަކެއް ވެސް ނިންމާލެވޭނެ ކަމަށެވެ.

ރައީސް ޔާމީން ހޮޅުދޫ ރައްޔިތުންނާ ސަލާމް ކުރައްވަނީ --- ފޮޓޯ: ހައުސިން މިނިސްޓްރީ

"އެއީ ހުރިހާ ދަރަނިތައް ފިލައި އަޅުގަނޑުމެންގެ ކެޕިޓަލް މަޝްރޫއުތަކަށް ބޭނުންވާ ފަށާފައިހުރި ހުރިހާ މަޝްރޫއުތަކެއް އިރާދަކުރެއްވިއްޔާ 2018ގެ ނިޔަލަށް ނިމޭނެ. އެހެންވީމަ 2019ގެ ބަޖެޓްގައި މުޅިން ވެސް އާ މަޝްރޫއުތަކަށް ޖާގަ ހޯދާނީ. އެއްގޮތަކަށް ވެސް ފެށިފަ އޮތް މަޝްރޫއެއް ނިންމާކަށް ލާރި ލާނީއެއް ނޫން. މުޅިން އާ މަޝްރޫއުތަކަކަށް ޖާގަ ހޯދާނީ،" ރައީސް ވިދާޅުވިއެވެ.

މިހާރު މަސައްކަތް ކުރަމުން ދަނީ އެއް ހޯސް ޕަވަރުގެ އިންޖީނަކުން ކަމަށް ވާ ނަމަ 2019 ގައި ފެނިގެން ދާނީ ދެ ހޯސް ޕަވަރުގެ ދެ އިންޖީނުގެ ސްޕީޑްގައި މަޝްރޫއުތައް ނިންމަމުންދާ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަންވާނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮއްވަވައިފި ކަމަށް ވާނަމަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހިތަށް ހަމަ ގައިމު ވެސް އަންނަނީ ހަމަ ހެޔޮ ނުވަތަ ބޮޑެތި އަޅުގަނޑުމެނަށް ކުރަން ބޭނުންވާ ވަރުގެ ބޮޑެތި ކަންތައްތަކެއްގެ އުންމީދުތަކެއް. އެހެންވީމަ ރައްޔިތުންގެ އުންމީދު ރައްޔިތުން ދެކޭ ހުވެފެން އަޅުގަނޑު ދެކޭ ހުވަފެނާ ސީދާވާކަމަށް ވަންޔާ އަޅުގަނޑުމެން އެކުގައި މަސަތްކަތް ކުރައްވަމާ ހިންގަވާ،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް