އިސްލާމީ ޔުނިވާސިޓީން ފަށާ ހާފިޒު ކަމުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ އިމާރާތުގެ މައި ގޭޓް --- ފައިލް ފޮޓޯ/ އައިޔޫއެމް

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން ފަށާ ޤުރުއާން ހިތުދަސް ކުރުމުގެ ކޯހަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާން ކުރެއްވި ޤުރުއާން ހިތުދަސްކޮށްދޭ ޕްރޮގްރާމެވެ.

ހިފްޒުގެ ބައިތައް ތިން އަހަރަށް ބަހާލައިގެން ފަރުމާކޮށްފައިވާ އެ ޕްރޮގްރާމުުގައި ތަޖުވީދު އިލްމާއި އަރަބި ބަހާއި ފިގުހުގެ ބައިތައް ހިމަނާފައިވާނެ ކަމަށާއި އެ ކޯސް ނިންމުމަށްފަހު އިމާމުވެ ތަރާވީހު ނަމާދު ކުރުމުގެ ހުއްދަ އޮންނަ މީހުންވެސް ބިނާކުރެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އައިޔޫއެމް އިން މިއަދު ކުރި އިއުލާނެއްގައި ވަނީ ސެޓްފިކެޓް އެކަކުން ފެށިގެން އެޑްވާންސް ސެޓްފިކެޓާ ހަމައަށް ކުރިއަށް ގެންދާ އެ ކޯހަކަށް ފުރުސަތު ހުޅުވާލައިފަ އެވެ.

މޯލްޑިވްސް ކްލެފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ އެ ދެ ކޯހަކީ ވެސް ފުރިހަމަކޮށް ނިމުމުން ހާފިޒުކަމުގެ ސަނަދު ދެވޭނެ ދެ ކޯހެވެ. އަދި ޤުރުއާނުގެ ދާއިރާއިން ޑިގްރީ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރަށް ލިބޭނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. ޝަހުނީޒާ ނަސީރު ވިދާޅުވީ، އެ ކޯހަށް ކުރިމަތިލުމުގެ އެންމެ ދަށް ފެންވަރަކީ އުމުރުން 16 އަހަރަށްވުރެ މަތީގެ މީހަކަށްވުމާއެކު ގުރޭޑް ހަތެއްގެ ފެންވަރު ހުރުމެވެ. އަދި ޤުރުއާން ކިޔަވަން އެނގޭ މީހަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހުނީޒާ ވިދާޅުވި ގޮތުގައި، އެ ޕްރޮގްރާމް ކުރިއަށްދާނީ ފަސް މޮޑިއުލަކަށް ބަހާލައިގެން ދެ އަހަރާ ބައި ނުވަތަ ތިން އަހަރުން ސެޓްފިކެޓް އެކަކުން ފެށިގެން އެޑްވާންސް ސެޓްފިކެޓް ހާސިލް ކުރެވޭ ގޮތަށެވެ.

ނަމަވެސް ޤުރުއާނާ ބެހޭ މަރުކަޒުން ނުވަތަ އިސްލާމީ މަރުކަޒުން މީގެ ކުރިން ހާފިޒު ކަމުގެ ކޯސް ހަދައި ނިންމާފައިވާ ކުދިންނަށް ޝަރުތުތަކަކާއެކު ސީދާ އެޑްވާންސް ސެޓްފިކެޓަށް ކުރިމަތިލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ދެ ދަންފަޅި އަކަށް ބަހާލައިގެންނެވެ. ކޯހަށް ހުޅުވާލައިފައިވަނީ 60 ޖާގަ އެވެ.

comment ކޮމެންޓް