ގައުމުގެ ތަރައްގީއަށް ވެރިމީހާ މަސައްކަތް ކުރާ ނަމަ ދެވަނަ ފުރުޞަތެއް ދޭން ޖެހޭ: އަލިބެ

ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ހައުސިން

ވެރިމީހާއަކީ ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރާ ރައްޔިތުންނަށް ހެޔޮއެދޭ ވެރިއެއް ނަމަ ރިޔާސީ ނިޒާމެއްގައި އޮންނަ ގޮތަކީ ދެވަނަ ފުރުޞަތެއް ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު(އަލިބެ)ވިދާޅުވެއްޖެ އެވެ.

ނ. ހޮޅުދޫ ބަނދަރު ހުޅުވާދެއްވުމަށް ފަހު ރައީސް އަބްދުﷲ ޔާމީން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލިބެ ވިދާޅުވީ ރިޔާސީ ނިޒާމުން ދައްކައިދޭ ހަގީގަތަކީ ވެރިމީހާއަކީ ގައުމަށް ވަފާތެރި އަދި ރައްޔިތުންނަށް ހެޔޮއެދޭ ވެރިއެއް ނަމަ އެމީހަކަށް ވެރިކަން ކުރުމަށް އިތުރު ފުރުޞާތެއް ދިނުން ކަަމަށެވެ.

"ރައީސަކު ރަނގަޅަށް ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވައި އަދި ގައުމު ތަރައްގީ ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވައިފިއްޔާ އެ ރައީސަކަށް ދެވަނަ ދައުރެއް ދެއްވާ. އެމެރިކާގައި ވެސް އާންމުކޮށް ކަން ހިނގަނީ އެހެން،" އަލިބެ ވިދާޅުވި އެވެ.

އަލިބެ ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ހޮޅުދޫއަށް ތަރައްގީ ގެނައުމަށް މަސައްކަތް ކޮށްދެއްވާފައިވާ ކަމަށާއި އެ ތަރައްގީ މިއަދު ފެންނަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މިއަދު ތަރައްގީވެގެން ދިޔަ ބަނދަރަކީ އެތައް ދުވަހެއް ވަންދެން ރައްޔިތުން އުންމީދު ކުރަމުން އައި ކަމެއް ކަމަށާއި ބަނދަރު ނިމިގެން ދިޔުމަކީ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ.

އަލިބެ ވިދާޅުވީ ހޮޅުދުއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ދަތިކަން ކަމަށާއި ބިމުގެ ދަތިކަމަށް އަވަސް ހައްލެއް ގެނެސްދިނުމުގެ އުންމީދު ރައްޔިތުން ކުރާ ކަމަށެވެ. އަދި ވިދާޅުވީ އެ ރަށުގެ އާބަދީގެ ބޮޑު ބަޔަކީ 45 އަހަރުން ދަށުގެ ޒުވާނުން ކަމަށާއި އެ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބުމުގެ ޝަކުވާއަކީ އާންމުކޮށް އެ ރަށުގެ ޒުވާނުން ކުރަމުންދާ ޝަކުވާއެއް ކަމަށެވެ. އަލިބެ ވިދާޅުވީ ލަފާފުރުމުގެ ކަންކަން ހަމައަކަށް އަޅުއްވައި ދެއްވުމަށް ބަނދަރެއް ތަރައްގީ ކޮށްދެއްވި ފަދައިން ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް މި ސަރުކާރުން އަވަސް ހައްލެން ގެނެސްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް