ކަޅުއޮށްފުންމި އިއްޒުއްދީން ފާލަމަށް ކައިރި ކުރަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކަޅުއޮށްފުންމިއަކީ އަނގަމަތީ މަސްއޮޑިއެކެވެ. ކަޅުއޮށްފުންމީގެ ނަން ރާއްޖޭގެ ތާރީޚުގެ ތެރެއަށް ވަނީ ވަދެފައެވެ. ދިވެހި ގައުމީ ޖިހާދުގެ އެންމެ ޚިދުމަތްތެރި މަނަވަރުގެ ގޮތުގައެވެ.

ކަޅުއޮށްފުންމިއާ ބެހޭގޮތުން މަޢުލޫމާތެއް ހޯދާލުމަށްޓަކައި އެންމެ ފަސޭހައިން އަތްމަތިވާން މިއޮންނަނީ ބޮޑުތަކުރުފާނުވާހަކައެވެ. ބޮޑުތަކުރުފާނު ވާހަކައިގެ ދެރިވާޔަތެއް އެބަ ގެންގުޅެއެވެ. އެއްގޮތަކީ މަޝްހޫރު ބުރާވަ މުޙައްމަދުފުޅު ކިއުއްވިގޮތަށް ޙާއްޖަ އިބްރާހިމް ބުނި އިސްމާޢީލް (ފިބޯ) ލިއުއްވި ގޮތެވެ. މިލިއުއްވުން ވަނީ ހިޖްރައިން 1377 ވަނަ އަހަރު ރާއްޖޭގެ މަޙްކަމަތުލް އިރުޝާދުން ފާސްކުރައްވައިފައެވެ. ޗާޕުވެސްވަނީ ކުރެވިފައެވެ. މިއީ ޒަމާނުއްސުރެ އެކެއްގެ ކިބައިން އަނެކެއްގެ ކިބައަށް ނަގުލުވަމުން އައިސްފައިވާ ގޮތެވެ.

ދެވަނަ ގޮތަކީ "އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީސަވާދީއްތަ މަހާރަދުން" ގެ ނަންފުޅުގައި ރާއްޖޭގެ ޢިލްމީ އަދީބު ފަޟީލަތުއް ޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން (ރަޙިމަހުﷲ) ލިޔުއްވައި ޗާޕުކުރެވިފައިވާ ބޮޑުތަކުރުފާނުގެ ވާހަކައެވެ. މިފޮތްވަނީ ހިޖްރައިން 1359 ވަނަ އަހަރު ޝާއިޢުކުރެވިފައެވެ. ޞަލާޙުއްދީން މިފޮތް ލިއުއްވި ސަބަބާ ލިއުއްވާފައިވާ ގޮތް ބަޔާންކޮށްދެއްވަމުން ލިއުއްވައިފައިވެއެވެ. " އުތީމު ސިރީސަވާދީއްތަ މަހާރަދުންގެ ވާހަކަ މިރާއްޖޭގެ މީހުން އެރަދުންގެ ޒަމާނުއްސުރެ ކިޔައި އުޅެތެވެ. އެވާހަކަ ކިޔައިއުޅޭ އެންމެންމެ ކިޔާގޮތުގެ މައިގަނޑު އޮންނަނީ ދާދި އެއްގޮތަކަށްމެއެވެ. އެކަމާއިއެކުވެސް އެވާހަކަ ލިޔެގެން ގެންގުޅުމެއް ނެތުމާއި ކިޔާ މީހުންގެ ޖާހިލުކަމުން ވާހަކައިގެ މަލަމަތި ހުތުރުވާހައި ވަރަށް ހިސާބަށްވުރެ ކަންބޮޑުކޮށްގެން އުޅޭން ހަދައިގެން އެހިސާބުގެ މާތްބޭކަލަކު ކުރެއްވި މާތް މޮޅު ކަންތައްތަކުގެ ސިފަ ހުތުރުވެ މުޅީން ފުލޯކުވާހަކައިގެ ތައްގަނޑަށް ޖެހިގެން ނުކުމެދެއެވެ. އަދި އެކަންތައްތައް ހިނގިހިނގި ތާރީޚުތައް ކުޑަކޮށްވެސް ނުދައްކާ ކަމުން އެވާހަކައިން ލިބެންވީ ފައިދާއިން މީސްތަކުންވަނީ މަޙްރޫމްވެގެންނެވެ. އަދި އެޒަމާނުގެ ވާހަކަތައް ޤާޟީހަސަން ތާޖުއްދީން ލިއުއްވާފައިވާ ރާއްޖޭގެ ތާރީޚުގައި ހުރި ގޮތްތަކާއިވެސް ޚިލާފުކަމުން އެއްޗެއް ފިލާހައެއްވެސް ނުވެއެވެ.

މިކަންކަމަށްޓަކައި އަހުރެމެން މިގަސްދުކުރަނީ އުތީމު ސިރީސަވާދީއްތަ މަހާރަދުންގެ ވާހަކަ އަހުރެމެންނަށް ހޯދުނު ވަރަކަށް ހޯދައި ބަލައި ތާޖުއްދީންގެ ތާރީޚުގައިވާ ގޮތްތަކާއި އުތީމު ރަދުންނަށް ފަހު ރެދަލިކުރެއްވި އެރަދުންގެ ދަރިކަލުން އައްސުލްޠާނު އިބްރާހިމް ކަލާފާނު ސިރީ ސުއްދަސުވަރުދަ މަހާރަދުންގެ ޒަމާނުގައި މިރާއްޖެއައިސް ރާއްޖޭގައި އެތައް ދުވަހަކުއުޅެ ރާއްޖޭގެ ވާހަކަތައް ލިއުނު ފަރަންސޭސި (ޕީރާޑް) ލިއުއްވި ފޮތުންވެސް އެނގުނުތަކެތީން ބަޔަކާއި އެޒަމާނުގައި މިރާއްޖެއާއި ހަނގުރާމަކޮށް އުޅުނު ޕޯޗުގީޒް ސަރުކާރުގައި ލިޔެފައިހުރި ތަކެތީންވެސް ލިބުނު މިންވަރަކުން ބަޔަކާއި އަދި އެވާހަކަ ކިޔައިއުޅޭ މީހުން ކިޔާގޮތުގެ ތެރެއިންވެސް ލިޔެ ޤަރާރު ކުޅައުމަށް އެކަށީގެންވާ ތަކެއްޗާއި މިހުރިހާ ގޮތަކުން އަހުރެންނަށް ލިބިހުރި ކުޑަކުޑަ މަޢުލޫމާތެއްގެ މިންވަރުން އެވާހަކަ އިސްލާޙުކޮށް ތާރީޚީ ރިވާޔަތެއްގެ ގޮތުގައި ލިޔެލުމަށެވެ."

މިދެރިވާޔަތުން ޞަލާޙުއްދީން އެލިއުއްވާފައިވާ ތަފާތު ވަރަށް ރީތިކޮށް ފެނެއެވެ. މިތަފާތުގެ ތެރޭގައި ކަޅުއޮށްފުންމިއާ ބެހޭ ވާހަކަތަކުގައި ހުރި ތަފާތުތައްވެސް ހިމެނެއެވެ.

މިވާހަކަ މިހާ ތަފްޞީލުކޮށް މިލިޔެލީ އަޅުގަނޑުގެ މިމަޒްމޫނުގައި ގެންނަންޖެހޭ މަޢުލޫމާތެއްގެ ސަބަބުންނާ ފެންނަ އަދި އެނގިފައިވާ މަޢުލޫމާތުތަކާ ފުށުއަރާގޮތްވާތީއެވެ. ދެފޮތުގެ ތެރެއިން ޞައްޙަކަން ބޮޑީ ކޮން ފޮތެއްކަން ވިސްނާވަޑައިގަތުމަށް ފަސޭހަފުޅުވާނެ ކަމަށް ބަލާފައެވެ. އަދި ހޯދަން ބޭނުންވާ ޙަޤީޤަތް ފެންނަލެއް ސަފުވާނެކަމަށްވެސް ފެންނާތީއެވެ.

ކަޅުއޮށްފުންމި ރަމްޒުކޮށްދޭ އަތުކުރެހުމެއްގެ ފޮޓޯ ދިވެހީން އެބަގެންގުޅެއެވެ. ރާއްޖޭގެ ފައިސާގެ ގޮތުގައި ގެންގުޅުނު ނޫޓްގައިވެސް މިފޮޓޯޖެހިއެވެ. މިނޫންވެސް ރަސްމީ އެތައް މަޤާމެއްގައި މިފޮޓޯ އަންނަނީ ބޭނުންކުރަމުންނެވެ. ޤަބޫލުކުރަން ޖެހެނީ މިފަދަ ފޮޓޯއެއް ކުރަހާނީ ތާރީޚީ ގޮތުން ލިބެންހުރި ހުރިހާ މައުލޫމާތެއް ދިރާސާކުރުމަށްފަހުގައި ކަމަށެވެ. އަދި އެކުރެހުމެއް ކުރެހި ދުވަސްވަރު ދުނިޔޭގައި ތިއްބެވި (އިހުގެ އޮޑިފަހަރު ހުންނަގޮތް އެނގިވަޑައިގަންނަވާ) ބޭފުޅުންގެ ކިބައިންވެސް މަޢުލޫމާތު ހޯއްދަވައިގެން ކަމުގައެވެ.

  • ކަޅުއޮށްފުންމި ބަނުމުގެ ޚިޔާލު:

ކަޅުއޮށްފުންމި ބަނުމުގެ ޚިޔާލު އުފަންވެގެން އައީ އުތީމު ތިންބެއިން (އަލިތަކުރުފާނާ، މުޙައްމަދު ތަކުރުފާނާ، ޙަސަން ތަކުރުފާނު)ގެ މެދުގައި ދެކެވުނު ވާހަކަފުޅެއްގެ ތެރެއިންނެވެ. އިސްވެ ޚިޔާލުފާޅުކުރެއްވީ ޢަލިތަކުރުފާނެވެ. ތިންބެއިންގެ ތެރެއިން ދޮށީފުޅީވެސް ޢަލިތަކުރުފާނެވެ. ވާހަކަފުޅު ދެކެވުނީ ކާބަފައިޒަމާނުއްސުރެ ވިޔަފާރިކަމު ދުއްވަން ބޭނުންކުރި އުޅަނދުފަހަރު ބައުވެއްޖައަތީ އައު އެތިގަނޑެއް ބަނދެވޭނެ ގޮތެއް ހޯއްދަވުމުގެ މައްޗަށެވެ. ވާހަކަފުޅު މިގޮތަށް ބައްޓަންކުރެއްވިނަމަވެސް މިއޮޑި ބަނުމުގައި ބައްޕާފުޅުގެ "މަރުބަލީގައި" (އަވަހާރަވުމުގެ އާލާސްކަންފުޅުގެ ތެރޭގައި) ކުރެއްވި ވަޞިއްޔަތަށް ޙުރުމަތްތެރިކޮށް ހިއްތެވުން ގަސްދުކުރައްވާފައިވާ ކަމީ ކަންހިނގަމުން ދިޔަގޮތުގެ މައްޗަށް ބަލާއިރު ވަރަށް ސާފުކޮށް ފެންނަން އޮތްކަމެކެވެ. އެއީ ރާއްޖެ ކާފިރުކަމުން ސަލާމަތްކުރައްވައި އަޅުވެތިކަމުން މިންޖުކުރެއްވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވުމެވެ.

  • އޮޑި ބަންނާނެ ރުކާއި ލަކުޑި ހޯއްދެވުން:

އޮޑި ބަންނާނެ ރުކާއި ލަކުޑި ހޯއްދެވުމަށް ހިއްޕެވީ އެބޭފުޅުންގެ ނިސްބަތުން އޮތް އެންމެ ރީތިމަގެވެ. ސަރުކާރުގައި ދެންނެވުމެވެ. ސަރުކާރު އުފެދިފައި އޮތީކޮން ގޮތަކުންތޯ ނުވަތަ ވެރިކަމުގައި ތިއްބެވީ ކޮންނަމެއްކިޔާ ކޮންދީނެއްގެ ބައެއްތޯ ބެއްލެވުމެއްނެތި ވެރިކަމުގެ ފުރަމާނަ އެނގިވަޑައިގެންނެވެ.

މާލޭން އުތުރު ހަތަރު އަތޮޅުގެ ވާރުވެރިކަމާ (އަތޮޅުވެރިކަމާ) ޙަވާލުވެވަޑައިގެން ތިލަދުންމަތީ ބާރަށުގައި ވެރިކަން ހިންގަވަން ހުންނެވި ވިޔަޒޯރު އަރިހަށް ވަޑައިގެން އުތީމު ތިންބެއިން ދެންނެވިއެވެ. " ކާބަފައިން ޒަމާނުއްސުރެ ވިޔަފާރިކަމުދުއްވަން ގެންގުޅުނު އުޅަނދުފަހަރު ބައުވެ ދަތުރުކުރެވޭނެ އެތިގަނޑެއް އަތްމަތީގައި ނެތަތީވެ އެފަދަ އެތިގަނޑެއް ބަންނަން ގަސްދުފުޅުކުރައްވަމެވެ." ވީމާ، މިފަދަ އެތިގަނޑެއް ބަންނާނެ ރުއް ލަކުޑިކޮޅަކާ ގަސްލަކުޑިކޮޅެއް ލިބޭނެގޮތް ހައްދަވައިދެއްވުން އެދެމެވެ."

ވާރުވެރިޔާއަށް މިދެންނެވި ދެންނެވުމަށް ވާރުވެރިޔާ ދެއްވީ ވަރަށް ދީލަތިފުޅު ޖަވާބެކެވެ. އެއްރިވާޔަތެއްގައި އޮންނަގޮތުން އަތޮޅުވެރީން ނުވަތަ ވާރުވެރިޔާ ވިދާޅުވީ "ތިޔައީ އަޅުގަނޑަށް ކުރެވިދާނެކަމެކެވެ. މިތަންވަޅަށް އަދި ވަކީން ފަސޭހަކަމެކެވެ. އެގޮތަކީ ފުރެއްދެ އޮޑިއެއް ވަރަށް މޮޅަށް ބަންނާންކަމަށް އެއްކުޅަ ވަކަރުތަކާއި ލަކުޑިތައް އެއޮތީ މިހައިރުދެން ގިނަވެފައެވެ. މިހައިރު އެއޮޑި ބަނުމުގެ ފިކުރެއްނެތެވެ. އެހެންވީމާ، އެތަކެތީން ތިޔަކުދީން ބަންނާނެ ވަރެއްގެ އެތިގަނޑެއް އަވަހަށް ބަންނާށެވެ."

މީގެ އިތުރަށް އަތޮޅުވެރީން ވިދާޅުވިއެވެ. އޮޑި ބަންނާންވާނީ ބާރަށުގައެވެ. އޮޑި ބަންނަ ވަޑީންގެ ކޮއްތު ބަނޑުދޭނީ ވާރުގޭ ބަދިގެއިންނާ ކޮށާރުންނެވެ. ޞަލާޙުއްދީން ލިޔުއްވި ބޮޑުތަކުރުފާނު ވާހަކަ )

އަނެއް ރިވާޔަތެއްގައި އޮންނަނީ އުތީމު ތިންބެއިންގެ ފަރާތްޕުޅުން މިއެދުންފުޅު ހުށަހެޅުއްވުމުން، އަތޮޅުވެރީން މިވާހަކަފުޅު އަނދިރި އަނދިރިންނަށް (ރަދުންނަށް) ދެންނެވުމަށް ނިންމެވިކަމަށެވެ. އަނދިރި އަނދިރީންގެ ވިދާޅުބަސްފުޅުގައި ވަނީ އެބޭފުޅުން އޮޑި ބަންނާން ހިތާވާ ވަރަކަށް ރުއްވަކަރާއި ގަސްވަކަރު މާލޭން އުތުރުގެ ހަތަރު އަތޮޅުގެ ތެރެއިން ކަނޑަން ހުއްދަ ކުރައްވާފައެވެ. މާލޭން އުތުރުން ރުއްވަކަރާ ގަސްވަކަރު ނުލިބިއްޖެނަމަ މާލެއަށް އެންގެމުށާއި އެއިރުން މާލޭން ދެކުނުން ރުއްވަކަރާ ގަސްވަކަރު ފޮނުއްވައި ދެއްވާނަންކަމަށެވެ. އެބޭފުޅުން ބޭނުންފުޅުވެގެން ކަނޑުއްވާ ރުކާއި ލަކުޑި އެރަށްރަށުގެ ރައްޔިތުންނަށް ފުރަބަންޑާރަ ދަތުރު ޖައްސައިގެން އެބޭފުޅުން ވިދާޅުވާ ރަށަކަށް ގެންގޮސް ދެއްވާނީ އަތޮޅުވެރީންކަމަށާއި އޮޑި ބަންނަ ވަޑީންގެ ކޮއްތާއި ބަނޑުދެއްވަންވާނީވެސް އަތޮޅުވެރީންކަމަށް ރަދުން (އަނދިރި އަނދިރީން) ވިދާޅުވިކަމަށެވެ. (މަޝްހޫރު ބުރާރަ މުޙައްމަދުފުޅު ކީގޮތަށް ލިޔެފައި އޮންނަ ބޮޑުތަކުރުފާނު ވާހަކަ)

ކަންހިނގީ މީގެތެރެއިން ކޮންމެ ގޮތަކަށް ކަމަށްވިޔަސް ކަޅުއޮށްފުންމި ބަންނާނެ ރުކާއި ލަކުޑިއާ ވަޑިންގެ ކޮއްތާއި މުސާރަ ހަމަޖައްސަވައިދެއްވީ އެދުވަސްވަރު ރާއްޖޭގައިއޮތް ޕޯޗުގީޒު ސަރުކާރުގެ ދީލަތި އެހީފުޅުގައެވެ.

  • އޮޑި ބަނުން

ކަޅުއޮށްފުންމި ބަނީ ތިލަދުންމަތީ ބާރަށުގައެވެ. ބާރަށު އުތުރު އަވަށަށް ހިމެނޭ ސަރަޙައްދުގައި މިހާރުވެސް ކަޅުއޮށްފުންމި ބަންމަގޭ ކިޔާ މަގެއް އޮވެއެވެ. މިމަގު އޮންނަނީ މެދަށް ކުޑަކޮށް އަޑިކޮންނެވެ. މިއަޑިކަން ކުރީން (މިހާރަށްވުރެ) ބޮޑުކަމަށް ވެއެވެ. މަގުގެ ދެފަރާތުގައި ހެދިފައިވާ ބައެއްގަސް ގަހަކީ އެދުވަސްވަރު ކަޅުއޮށްފުންމި ބަންނާން ހަރުގެ އެޅުމަށް ޖެހި މުޑިތައް ނުވަތަ އެމުޑިތަކުން އުފަންވިގަސްގަސް ކަމަށް ބުނެވެއެވެ. މިމަގުގެ ދެކޮޅުގައި ވެލިގަލުން ހަދާފައިހުރި ދެ ވަޅުއެބަހުއްޓެވެ. މިއީ ކަޅުއޮށްފުންމި ބެންނެވިއިރު ދެލި އުނބަށް ފެންޖަހަން ކޮނުނު ދެވަޅުކަމަށްވެސް ބުނެވެއެވެ. މިދެވަޅު މިހާރު ހުންނަނީ ހިމާޔަތް ކުރެވިފައެވެ. މިސަރަޙައްދުގައި ވަށައިގެން ދިދަ ޖަހައިގެން ބެލެހެއްޓި ގާފޮޅެއް ވަރަށް ފަހަކާޖެހެންދެން ހުއްޓެވެ.

ފެންނަން ހުރި ބައެއް ހެކިތަކަށް ބަލާއިރު އެދުވަސްވަރު ވާރުގެހުރީ މިސަރަޙައްދާ މާދުރުނޫން ހިސާބެއްގައި ކަމަށް ލަފާކުރެވެއެވެ.

ކަޅުއޮށްފުންމި ބަންނަން ރާއްޖޭގެ އެކިކަންކޮޅުތަކުން ސާޅީހަކަށް ވަޑީން ގެނެވުނުކަމަށް ބައެއް ރިވާޔަތްތަކުން ފެނެއެވެ. އިސްމާވަޑިއަކީ ހައްދުންމަތީ އިސްދޫ އިސްމާއިލް މާވަޑި ތަކުރުފާނެވެ. ހިމިތީ ބޮޑު މާވަޑިކަލޭގެއާއި ކާށިދޫ ބޮޑު މާވަޑިކަލޭގެއާއި ކެލާ މާވަޑިތަކުރުފާނުވެސް ގެންނެވިކަމަށްވެއެވެ.

އޮޑި ބަންނަން ފައްޓަވަންވެގެން މުޙައްމަދު ތަކުރުފާނު، މާވަޑިބެއަށް ވިދާޅުވިއެވެ. މާވަޑިބެއޭ، މިއީ މުދާ އަރުވައިގެން ވިޔަފާރިކަމުދުއްވަން ބަންނަ އޮޑިއެއްނޫނެވެ. މިއީ ރާއްޖޭގެ މިނިވަންކަން ދިފާޢުކުރައްވަން ކާފިރުކަމުން ސަލާމަތްކުރެއްވުމަށްޓަކައި ރާއްޖޭގައި ދަތުރުކުރަން ބަންނަ އޮޑިއެކެވެ. އޮޑިއަށް ފަސްމީހުންނާ ފެންގާގަނޑެއް އެރުވެނިކޮށް އެނިމުނީއެވެ. އޮޑި ބަނދެދޭންވާނީ ދުވެލިލާފައެވެ. މާނައަކީ ބާރަށް ދުވާގޮތަށެވެ.

މިއޮޑި ބަނދެފައިވަނީ ރުކުގެ ވަކަރުފުށް ބޭރަށް ހުންނަ ގޮތަށެވެ. ބޭނުމަކީ އޮޑީގައި ފެންއެޅުން ކުޑަކުރުމާއި މޫދުގައި ގިނަދުވަސް އޮތަސް ފެހިޖެހުން ލަސްވުމާ ބާރަށް ދުއްވުމެވެ. ޢާންމު ގޮތެއްގައި ދިވެހީން އޮޑިދޯނިފަހަރު ބަންނަނީ ރުއް ދެފަޅިއަށް ފަޅައިގެންނެވެ. ރުއް ދެފަޅިއަށް ފެޅީމާ ފޮނު ކިއްސަރު ލިބެނީ މަދުފުށް ބޭރަށް ހުންނަ ގޮތަށް ބަނީމައެވެ. ވަކަރުފަރާތް ބޭރަށް ބަހައްޓަންޏާ ރުކަކުން ލިބޭނީ އެއްމަޑުލެވެ. (އެއްފޮއްޗެވެ.) ނުވަތަ އެއްވަކަރެވެ.

ޑިސެމްބަރ 18، 2015: ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮށްފުންމިއާ އެއްގޮތަށް ހދ. ނޭކުރެންދޫގައި ބަނދެފައިވާ ކަޅުއޮށްފުންމި މާލެ ގެނައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

  • އޮޑިއަށް ނަންކިއުން:

މިއޮޑީގެ ފުރިހަމަ ނަމަކީ " ނަޞްރުއްސަޙާ" ކަމަށް ބޮޑުތަކުރުފާނުގެ ވާހަކަ މަޝްހޫރު ބުރާރަ މުޙައްމަދުފުޅު ކިއުއްވާފައިވާ ގޮތުގެ މައްޗަށް ލިޔެފައިވާ ލިއުމުން ފެނެއެވެ. އެފޮތުގައިވެސް މިއޮޑީގެ ނަމަކަށް ކަޅުއޮށްފުންމި ކިޔުނުގޮތް ހިމަނާފައި އޮންނަނީ ޞަލާޙުއްދީނުގެ ލިއުއްވުމުގައި އޮންނަ ގޮތާ ދާދި އެއްގޮތަކަށެވެ. މިއޮޑިއަށް "ނަންކިއުނު ގޮތަކީ އޮޑި ބައިލައްވައިގެން ފުރަތަމަ އޮޑީގެ ގޮތް ބައްލަވައިލެއްވުމަށް ދުއްވައިލި ދުވަހު ވަދުނަނެއްގައި ކަޅުއޮށެއް އަޅައިފައި ދޫކުރެއްވީމާ ނަނުގެ މުގުލަށް ޖެހުނު ފަހުން، ކަޅުއޮށް އަންނަނީ އޮޑި ދުވެފައިދާ ބާރުކަމުން ފުންމަފުންމައިގެންނެވެ. މިހެންވެގެން މުޙައްމަދު ތަކުރުފާނަށް ބުނުއްވެވުނު ބަހަކީ ކޮއިފުޅާ ހަސަނާއޭ، މިއީ ތިންބެއިންގެ ކަޅުއޮށްފުންމިއެވެ. މިބަސް ބުނުއްވެވުނުކަމަށްޓަކައި މިނަން ހަރުވީއެވެ." (ޞަލާޙުއްދީން ލިޔުއްވި ބޮޑުތަކުރުފާނު ވާހަކަ: ޞަފްހާ – 147 )

ކަޅުއޮށަކީ ދަލުން ހިފޭ ދޮށިން ބޭނޭ ކުޑަވަރެއްގެ މަހެކެވެ.

ކޮންމެއަކަސް ކަޅުއޮށްފުންމި ވީ އެޒަމާނުގައި ރާއްޖޭގައި ހުރި ހުރިހައި އެއްޗަކަށްވުރެ ބާރަށްދުވާ އޮޑިއަކަށެވެ.

  • ރިޔާ ވިޔުމާއި ރިޔާ ފެހުން:

އެޒަމާނުގައި ދިވެހި އެހެން އޮޑިދޯނި ފަހަރެކޭ އެއްފަދައިން ކަޅުއޮށްފުންމީގައިވެސް ނެގީ ފަނުރިޔަލެވެ. ފަނުރިޔަލަކީ ރުކުގެ ބޮންތިފަނުން ހަތަރެސްކަނަށް ވިޔެ ދޯނީގައި ނެގޭނެ ހެޔޮވަރު މިންތަކަކަށް ފަހާ އެއްޗެކެވެ. ރިޔާ ފެހުމަކީ ކުރެވިލުމާ، ދިވަރު ލުމާ، ހައްތައް ހަރުކުރުންފަދަ މަސައްކަތްކުރުމެވެ. ރިޔާ ފަހަނީ ހަތޭލިކަށިން ރޯނުން ނުވަތަ ވަކައިންނެވެ.

ކަޅުއޮށްފުންމީގެ ރިޔާ ވިޔުނީ ދޮނަކުޅީ ރައިވެރި ބެއެވެ. ވިޔެގެން ހަތްދުވަހުން ރިޔާ ބައެއް މަރޮށްޓަށް ގެންދަނީވެސް ދޮނަކުޅީ ރައިވެރިބެއެވެ. ރިޔާތައް ފަހަނީ މަރޮށީ ރައިވެރި ބެއެވެ. ކޮންމެ ހަތްދުވަހަކުން ރިޔާ ބައެއް މަރޮށީ ރައިވެރިބޭ ފަހައެވެ.

ބުރާރަ މުޙައްމަދުފުޅު ކިއުއްވިގޮތަށް ލިޔެފައިއޮންނަ ވާހަކައިން އެނގެނީ ރިޔާ ވިޔުނީ ދިއްދޫގައި ކަމަށެވެ. ކަޅުއޮށްފުންމިއަށް ބޭނުންވާ ރިޔާތައް ވިޔެދޭން ކެރިދާނެތޯ ދޮނަކުޅީ ރާވެރިބެއާ، މުޙައްމަދު ތަކުރުފާނު ސުވާލުކުރެއްވުން ރައިވެރިބޭ ދެންނެވިއެވެ. "ވެވޭނީ ކިހިނަކުންތޯއެވެ. މާދަމާ ވެއްޖެޔޭ ބާރަށަށް ވާރުއޮޑިއެއް އެހެލާން ދާން. އަނެއް ދުވަހަކުން ވެދާނެޔޭ ބާރަށަށް ބަންޑާރަ ދަތުރަކުދާން. އެހެންވިއްޔާ ރިޔާ ވިޔަން ތިބޭނީ ކޮން ވަގުތެއްގައިތޯއެވެ. މުޙައްމަދު ތަކުރުފާނު ބުނުއްވިޔޭ، ރައިވެރިބެޔާއޭ ރައިވެރިބޭ ދެބޭންނަށް ތިޔަކަންތައް ކޮށްދޭނީވިއްޔާ ދިއްދޫ އެއީ އުތީމު މިސްކިތްމަތީ ރަށެކޭ. ދިއްދުއަށް ހިގަހަރޭ. އޭރުން ރައިވެރިބޭ އަތުން ވާރުދުރޯއެއް ނޯންނާނެއޭ. އެހެން ކިއުއްވައި ރައިވެރިބެއާ ރައިވެރިބޭގެ އަނބިދަރީން ގެންދަވައި ދިއްދުއަށް ލައްވާފާއި މުޙައްމަދު ތަކުރުފާނު ބުނުއްވިއޭ. ދެބޭންނަށް ރައިވެރިބޭ ރިޔާ ވިޔެދިން ކަމަކީ އައްޑުވަހުން މަރޮށްޓަށް ރިޔާ ބައެއް ރައްދުކުރިއްޔާއޭ. ރައިވެރިބޭ ނަންގަތޭ މާތްކަލާނގެ އަމުރާ އިރާދަކުރެއްވިއްޔާ ގަދަވެ ސަލާމަތުން ހުރިއްޔާ އައްޑުވަހުން މަރޮށްޓަށް ރިޔާބައެއް ރައްދުކޮށްދޭނަމޭ." (ވާހަކަފޮތުގެ -415،416 ޞަފްޙާ) ފަހުގެ ޒަމާންތަކަށްވީ ފަހުންވެސް އޮޑިފަހަރުގައި ފަންރިޔާ ނެގި ދުވަސްވަރު ދިއްދޫ މީހުންނަކީ ފަންރިޔާ ވިޔަން ކުޅަދާނަ އެކަމަށް މަޝްހޫރުބައެކެވެ.

ދިއްދޫ ދެކުނު ކޮޅުގައި ބޮޑުތަކުރުފާނު ރުއްގަނޑޭ ކިޔާ ރުއްގަނޑެއް ކުރީން އޮވެއެވެ. މިރުއްގަނޑުން ބޮޑުބައެއް ހުސްކުރެވުނީ 1968 ވަނަ އަހަރު ހއ. އުލިގަމު މީހުންނާ ހއ ބެރީންމަދޫ މީހުން ދިއްދުއަށް ބަދަލުކުރުމަށްޓަކައި ގެއަޅަން ބޭނުންވެގެންނެވެ. މިމުޅި ސަރަޙައްދު މިހާރު ވަނީ އާބާދުވެފައެވެ.

އުތީމު މިސްކިތު ބޯގަ ފަތްކޮޅުގައި މިރުއްގަނޑުގެ ނަން އޮންނަނީ :ތިލަދުންމަތީ ތިލަދޫގެ ދިއްދުއޭ ކިޔޭ ރުއްގަނޑު" ކަމަށެވެ. މިހާރުގެ ދިއްދުއަކީ ކުރީގެ ތިލަދުއާ ދެރަށް އެކުވެފައިވާ ރަށެކެވެ.

ކޮންމެއަކަސް ދޮނަކުޅީ ރައިވެރިބޭ ވިޔާ ރިޔާތައް ފަހަނީ މަރޮށީ ރައިވެރިބެއެކެވެ. (އަމިއްލަ ނޯޓު)

އަޅުގަނޑުގެ ލޮބުވެތި ބައްޕަ އުތީމު ޚަޠީބު އަލްމަރްޙޫމު ޢަބްދުއްރަޙްމާން ހަސަނަކީ ވަރަށް ޙިކްމަތްތެރި ޙަކީމެކެވެ. ބޮޑުތަކުރުފާނުގެ ހަނދާންތަކަށް ވަރަށް ލޯތްބާއެކު އިޙްތިރާމްކުރެއްވި ބޭފުޅެކެވެ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ގަނޑުވަރުގެ ޚާދިމުކަން ތިރީހަކަށް އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވިއެވެ. އެއްދުވަހަކު ބައްޕައަށް އަޅުގަނޑު ދަންނަވާލީމެވެ. މުޙައްމަދު ތަކުރުފާނު ކޮންމެ ރަށަކުންވެސް ރައްޓެހިފުޅުވެގެން މިއުޅުއްވަނީ ރައިވެރިންނާ ދޮގެއްތޯއެވެ؟ ބައްޕަ ވިދާޅުވިއެވެ. އެކަމުގެ ޙިކްމަތް އެނގޭހޭ؟ އަޅުގަނޑު ނޫނެކޭ، ދެންނެވުމުން ބައްޕަ ވިދާޅުވިއެވެ. މަސްވެރިންނާ ފަރުވެރިންނާ ދަތުރުވެރިން ޢާންމުކޮށް ގިނަވަގުތު އުޅޭނީ ކަނޑުމަތީގައާ ރަށުން ބޭރުގައެވެ. މުޙައްމަދު ތަކުރުފާނުގެ މަސައްކަތްޕުޅު ހުންނަގޮތުން ކޮންމެ ވަގުތެއްގައިވެސް ރަށަކަށް ލައްޕަވަން ބޭނުންފުޅުވެދާނެއެވެ. އެ ކޮންމެ ވަގުތެއްގައިވެސް ރައިވެރީން ތިބޭނީ ރަށުގައެވެ. ބޭނުންފުޅުވެއްޖެނަމަ ކުރުނބާފޮދެއް ނޫނީ ރާފޮދެއް ނޭރުއްވޭނެ ވަގުތެއް ނޯންނާނެއެވެ. އެއީ ރޭގަނޑު ދަންވަރުކަމަށްވިއަސް ވެހެވެ. ރައިވެރިންނާ ރަށްޓެހިކަން ބޭއްވުމުގެ ޙިކްމަތަކީ މިއެވެ.

  • ބައެއް ސިފަތަކާއި ބައެއް ޙާލަތާ ގުޅުންހުރި ކަންތައްތައް:

ކަޅުއޮށްފުންމި އަކީ އަނގަމަތީ މަސްއޮޑިއެކެވެ. މިއީ ދޫދޫމަތިން ކިޔެމުން އަންނަ ގޮތާ ފެންނަންހުރި ލިއުންތަކުގައިވެސް އޮންނަގޮތެވެ. އަނގަމަތީ ދޯނި ފަހަރަކީ ހިޔާނުކޮށް ހުންނަ ދޯނިފަހަރެވެ. ނަމަވެސް ބޮޑުތަކުރުފާނުގެ ވާހަކަ ވިދާޅުވާ ބޭފުޅުންނަށް ކަޅުއޮށްފުންމީގެ ގެ ދަށަށް ވަދެ ވަޑައިގަންނަވާ ކަމަށް ލިޔެފައިވާ ވާހަކަ ވިދާޅުވެވޭނެއެވެ. މިކަން ވާގޮތަކީ މަސްދޯނިފަހަރުގައި (އަނގަމަތީ ދޯނިފަހަރުގައި) ދިގު ދަތުރުކުރާއިރު ގެންގުޅޭ މުދަލާ ސާމާނުތައް އަތްވާ ވާރެއިން ނިވައިކުމަށްޓަކައި ދަނޑިފަނުން ގެގަނޑެއް ހަދާނެއެވެ. މިގެއަށް ކިޔަނީ ގެހެރިއެވެ.

އަނގަމަތީ މަސްއޮޑިފަހަރަކީ ދެކުނބު ހުންނަ އެއްޗެއް ނޫނެވެ. ހުންނަނީ އެންމެ ކުނބެކެވެ. ނަމަވެސް މާމޮޅު އިރުވަރެއްގައި ފުރައިގެން ބޭރުން ރާއްޖެއަށް އަންނަ ނަވެއްގެ ވާހަކަ އުތީމު ތިން ބެއިންނަށް ދެންނެވުމަށްޓަކައި ނޮޅިވަރަންފަރު އެދުރުކަލޭގެފާނު ދުރުވެ ވަނގާރު ކަނޑުތެރޭން ބައްދަލުކުރެއްވި ރޭ ނަވާދިމާއަށް ކަޅުއޮށްފުންމި މިސްރާބު ޖައްސަވާފައި ގިނަ ރިޔާތަކެއް ނެގިކަމަށް އޮވެއެވެ. މިނެގި ރިޔާތަކުގެ ތެރޭގައި ގެމަތި ނެގިކަމަށްވެސް އޮވެއެވެ. އާންމުގޮތެއްގައި ގެމައްޗަކީ އޮޑިދޯނިފަހަރުގެ ކޮޅުފަސްކޮޅު ކުނބަށް ނަގާރިޔަލެކެވެ. މިހެންވުމުން ކަޅުއޮށްފުންމީގައި ކޮޅުފަސްކޮޅުގައި ކުނބެއް ހުންނަނީ ކަމަށް ހީވެދާނެއެވެ. މަސްއޮޑިފަހަރުގައި މިގޮތަށް ގެމަތި ނަގަނީ ވަގުތީ ކުނބެއް ޖަހައިގެންނެވެ. މިކުނބު ޖަހަނީ ވަނޮޅެއްނެތި އިންނަފަތްތަކަށް އައްސައި ހިހޫ އަނުބަރައިގެންނެވެ. އެރޭ ކަޅުއޮށްފުންމީގައި ގެމަތި ނޫނަސް އިތުރު ރިޔާތަކެއް ނެގިކަމަށް އޮވެއެވެ. އެއީ ތުންމައްޗާއި ދެފަރާތުގެ ދެއޮޑިކެނޑިއާއި ގާވިޔާއެވެ. ތުންމަތި ނުވަތަ ޖީބުރިޔަލަކީ މަސްއޮޑިދޯނިފަހަރުގެ ދިރުބާ ކޮޅު މައްޔަލުން ބޭރަށް ދައްސޫރަ ދުއްވައިގެން (ދައްސޫރަނެރެގެން) ނަގާ ރިޔަލެކެވެ. އޮޑި ކެނޑިއަކީ މައިރިޔަލާ ގެމަތިރިޔަލާ ދޭތެރޭގައި ނަގާރިޔަލެކެވެ. ގާވިޔާއަކީ ހަތަރެސްކަން ރިޔާ ނަގާއިރު މައިރިޔަލުގެ މައްޗަށް ނަގާ ކުޑަރިޔަލެކެވެ. މިރިޔާތައް ނަގަނީ ބާރަށްއޮޑިދުއްވުމަށެވެ. ބާރަށް އޮޑި ދުއްވަން ބޭނުންވާ ކޮންމެ ފަހަރަކު މިހުރިހާ ރިޔަލެއް ނުނަގައެވެ. ޢާންމުކޮށް ދެވަނަ ރިޔަލަކަށް ނަގަނީ ތުންމައްޗެވެ. އެރޭ ކަޅުއޮށްފުންމީގައި ހަރިޔާ ނެންގެވީ ވަގުތުގެ މުހިންމު ކަމުންނެވެ. ބޭރުން އެ އަންނަ ނައު ބަނަދަރުޖެހުމުގެ ކުރީން ނަވާ ބައްދަލުކުރުމަށްޓަކައެވެ. ބުނެވެނީ އެރޭ ކަޅުއޮށްފުންމި ދުވެފައިދާލެއް ބާރަކަމުން ހަސަންތަކުރުފާނާ ދަންޑަހެލުވެސް އޮޑިތެރޭގައި ހިންގަވާ އުޅުއްވީ ކުނބުން ސަވަލަށް ވާފުރައިގެން އެވަލުގައި ހިއްޕަވައިގެން ހަތަރެސް ފައިންޕުޅު ޖައްސަވައިގެން ޅަބުޅާހެން ފިރުކެމުން ކަމަށެވެ. (ބޮޑުތަކުރާފާނު ވާހަކަ ބުރާރަ މުޙައްމަދުފުޅު ކިޔާ ގޮތަށް – ޞަފްހާ 441- 442)

  • ކަޅުއޮށްފުންމިއާ އެއްގޮތަށް ދޯންޏެއް ބަނުން:

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރީ 2015 ވަނަ އަހަރުއެވެ. މިމުނާސަބާ ވަރަށް ކުލަގަދަކޮށް ފާހަގަކުރެވުނެވެ. މުޅި އަހަރު ދުވަހަށް ބަހާލައިގެން ގިނަ ކުޅިވަރުތަކަކާ ތަފާތު މަޝްރޫޢުތަކެއް ހިންގުނެވެ. މީގެ ތެރެއިން އެއްކަމަކީ ކަޅުއޮށްފުންމީގެ ހަނދާންތައް ދިރުވުމަށްޓަކައި ކަޅުއޮށްފުންމި ސިފައިގެ އޮޑިއެއްބަނުމެވެ. މިކަން ހޯމް މިނިސްޓްރީން އިއުލާންކުރެއްވީ 2014 ވަނަ އަހަރުއެވެ. މިދޯނި ބަނީ ހދ. ނޭކުރެންދޫގައެވެ. ދޯނި ޑިޒައިންކޮށް ފަރުމާކުރެއްވީ މ.ހަޒާރުމާގެ އަލްފާޟިލް އަޙްމަދު ވަޖީހުއެވެ. ވަޖީހަކީ ނޭވަލް އާކިޓެކެޓް ހައްދަވާފައިވާ ބޭފުޅެކެވެ. ވަޖީހާއެކު މިމަސައްކަތުގައި ދެން އުޅުއްވީ ރ.އަލިފުށީ މުޙައްމަދު ޔޫސުފާއި އަޙްމަދު ޙަސަންއެވެ. މުޙައްމަދު ޔޫސުފަކީ ބޯޓްބިލްޑިންގ ޓްރޭނިންގ ކޯސް ހައްދަފައިވާ ބޭފުޅެކެވެ. އަލިފުށީ މާވަޑި ތުއްތުބޭގެ ދަރިއެކެވެ. ދޯނިބަން މާވަޑިއަކީ ސީނަރީ ޢަބްދުއްލަޠީފު ޔޫސުފެވެ. (މީނާއަށް އާންމުކޮށް ކިޔަނީ މުފީދެވެ. )

މިއީ ޤަބޫލުކުރެވޭ ގޮތުގައި ވަރަށް އެކަށީގެންވާ މަޝްރޫޢެކެވެ. އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެއްވިއްޖެނަމަ ވަރަށް ބޭނުންތެރި މަސައްކަތެކެވެ.

ކަޅުއޮށްފުންމި ބަނުމަށް ފަށަން ބަހައްޓަނީ-- ސަން ފޮޓޯ: އަޒްމީތު

  • އުފެދުނު ބައެއް ސުވާލު:

ކަޅުއޮށްފުންމި ރަމްޒުކޮށްދޭ ގޮތަށް ބަން ދޯނި މާލެ ގެނައިދުވަހު އަޅުގަނޑު ހުރީ މާލޭގައެވެ. ދޯނި ގެނައިއިރު މާލޭ އުތުރުފަރާތު އަތިރިމައްޗަށް ހާދަ ގިނަބަޔަކު އެއްވެފައިތިއްބެވެ. ދެޖިންސުގެ ހުރިހާ ޢުމުރަކުންނެވެ.

ދޯންޏާ ބެހޭ ގޮތުން ބައެއް މަޢުލޫމާތު، ހޯމް މިނިސްޓަރީގެ ފަރާތުން ހުންނެވި، ބޭފުޅަކު ޢާންމުންނަށް ދެއްވަމުން ގެންދެވިއެވެ. އަދި މިމަސައްކަތާ ބެހޭގޮތުން ޢާންމުންގެ ޚިޔާލު ހޯއްދަވަމުންވެސް ގެންދެވިއެވެ. ހޯމް މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދެއްވަމުން، ވިދާޅުވިއެވެ. ކަޅުއޮށްފުންމީގައި ކަތިރިޔާ ނެގިކަން އެނގެން އެބައޮތެވެ. އެއީ ރިޔާ ފަހާވާހަކަ އެބައޮތެވެ. އަޅުގަނޑު ހިތަށް އެރިއެވެ. މިވަނީ ހާދަ ދެރަގޮތެކެވެ. މިއަރަނީ ތާރީޚީ ގޮތުން ހާދަބޮޑު އޮޅުމެކެވެ. ފަންރިޔަލަކީވެސް ފަހާ އެއްޗެކެވެ. ފަން ރިޔާ ފަހާގޮތް މިމަޒްމޫނުގެ ކުރީ ބައިން މިހާރު ވާނީ އެނގިވަޑައިގެންފައެވެ. ރާއްޖޭގައި ފުރަތަމަ ކަތިރިޔާ ކެނޑިކަމަށް އަދި މިހާތަނަށް އެނގިފައި އޮތީ ނައިފަރު ލޯޑްވިލްމާގޭ ދޮންމޫސާ މާލިމީއެވެ. އެއީ ވިހިވަނަ ގަރުނުގެ ކުރީކޮޅުގައެވެ. މިމަޢުލޫމާތު ދެއްވަން ހުންނެވި ބޭފުޅަކު މިހެން ވިދާޅުވާން ޖެހުނު ސަބަބެއްކަމަށް ފެންނަނީ ކަޅުއޮށްފުންމި ރަމްޒުކޮށްދިނުމަށް މިތައްޔާރުކުރި ދޯނި މާލެއައި އިރު ދެކުނބު ޖަހާފައި ހުރުމާއެކު ކޮޅުފަސްކޮޅު ކުނބަށް ކަތިރިޔަލެއް ނަގާފައި ހުރުމެވެ. އެކަމާ ސުވާލު އުފައްދާ ފަރާތްފަރާތަށް ޖަވާބެއްދެއްވުމުގެ ގޮތުންނެވެ.

ޚިޔާލުފާޅުކުރެއްވި ހުރިހާ ބޭފުޅުންވެސް މިމަސައްކަތަށް ތާއީދުކުރެއްވިއެވެ. އަޅުގަނޑަށް އަޑު އިވުނު ހުރިހާ ބޭފުޅުންނެވެ. އެއްބޭފުޅަކު ވިދާޅުވީ "މިދޯނީގެ ސަބަބުން އެކަމަކީ (ބޮޑުތަކުރުފާނުގެ ޖިހާދަކީ) ހިނގާފައިވާ ކަމެއްކަން އެބަ އެނގޭ" ކަމަށެވެ. މިވާހަކައިން އަޅުގަނޑަށް ވިސްނުނީ ރާއްޖޭގެ ތާރީޚާ އަޅުގަނޑުމެން ދެމެދު ހާދަ ދުރުކަމެއް އެބައޮތްކަމެވެ. މިފަދަ ޙާލަތެއްގައި އޮތް މުޖްތަމަޢެއްގެ ތެރެއަށް ކަޅުއޮށްފުންމި ރަމްޒުކޮށްދިނުމުގެ ގޮތުން މިދައްކާލި ދޯނީގައި ދެކުނބު ޖަހާފައި ކަތިރިޔާ ނަގާފައި (އެއް ކުނބަށް) ހުރުމުން މިއެރީ ހާދަބޮޑު އޮޅުމެއް ދޮގެއްތޯއެވެ؟

ޑިސެމްބަރ 18، 2015: ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮށްފުންމިއާ އެއްގޮތަށް ހދ. ނޭކުރެންދޫގައި ބަނދެފައިވާ ކަޅުއޮށްފުންމި މާލެ ގެނައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

  • ބައެއް މަޢުލޫމާތު ސާފުކޮށްލުން

އިސްވެދެންވުނު ސުވާލުތަކަށް ޖަވާބު ހޯދައި އިތުރު ބައެއް މަޢުލޫމާތު ސާފުކޮށްލުމުގެ ގޮތުން، މިދޯނި ބަނުމުގެ މަސައްކަތުގައި ވަރަށް އިސްދައުރެއް އަދާކުރެއްވި ދެބޭފުޅުން ކަމުގައިވާ، މ. ހަޒާރުމާގޭ އަޙްމަދު ވަޖީހުއާ މ.ބަޑިއަލީގެ މުޙައްމަދު ޙަލީމާ އަޅުގަނޑު ބައްދަލުކޮށްލީއެވެ. އެއީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު 10 ވަނަ ދުވަހުއެވެ.

މުޙައްމަދު ޙަލީމު ވިދާޅުވީ ދޯނީގައި ފަސްރިޔާ ނަގާ ވާހަކަ އޮންނާތީ ދެކުނބު ނުޖަހާ ފަސް ރިޔާ ނެގޭނެ ގޮތެއް ނުވިސްނޭތީ ދެކުނބު ޖަހަން ޖެހޭނެކަމަށް ބައްލަވާފައި ދެކުނބު ޖެއްސެވީ ކަމަށެވެ. ދެކެވުނު ވާހަކަތަކަށްފަހު ވިދާޅުވީ އެއީ ވިސްނާނުލައި ކުރެއްވިފައިވާ ކަމެއް ކަމަށެވެ.

  • ދޯނި ބަނދެފައި ހުންނާނީ ރުކުގެ ވަކަރުފުށް ބޭރަށް ކަމަށެވެ.
  • ދޯނީގެ ދިގުމިނަކީ ފަންސާސްއެއް ފޫޓު ހައިންޗި ކަމަށެވެ. އެއީ ބޮޑުތަކުރުފާނު ވާހަކައިގައި އޮންނަ ގޮތުން ކަޅުއޮށްފުންމީގައި ހުންނަ ދިގުމިން ބާވީސްރިޔަން ބާވީސް އަނގޫ، ފޫޓަށް ބަދަލުކުރީމާ ވާ ވަރުކަމަށެވެ. ދޯނީގެ އެންމެ ފުޅާ ދިމާގެ ފުޅާ މިނަކީ ބާރަ ފޫޓޫ ހަތަރު އިންޗިއެވެ.
  • ތާރީޚީ ކަންކަމާ، ތަންތަނާ، ތަކެތި ވީހާވެސް އަސްލާއެއްގޮތަށް އަދި އޮޅުންތައް ނާރާނޭ ސުވާލުތައް ވީހާވެސް ނުއުފެދޭނެ ގޮތަކަށް ރައްކައުތެރިކުރުމަކީ މުހިންމުކަމެކެވެ.

(ނިމުނީ)

comment ކޮމެންޓް