ރާއްޖޭގެ ތަރައްގީ ގުޅިފައިވަނީ ޒުވާނުންގެ ޒިންމާދާރުކަމާ: އިރުތިޝާމް

ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ތަރައްގީއަކީ ޒުވާނުންގެ ހިއްސާއާއި ޒުވާނުންގެ ޒިންމާދާރުކަމާ ގުޅިފައިވާ ކަމެއް ކަމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މެޕްޗް ކޮލެޖުން އިސްނަގައިގެން "ހިއްސާ - ތަރައްގީގެ ދަންމަރު"ގެ ނަމުގައި ކުރިއަށްގެންދާ ވޯކްޝޮޕް ފެށުމުގެ ގޮތުން މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ ތަރައްގީކުރެވޭނީ ޒުވާނުންގެ އެހީތެރިކަމާއެކު ކަމަށެވެ.

"ޒުވާނުންނަކީ ގައުމުގެ އެންމެ އިސް ރޯލެއް އަދާކުރާ މީހުން. އެމީހުންނަކީ ކޮންމެ ގައުމެއްގެ ވެސް ކުރިއެރުން. ރާއްޖެ ތަރައްގީ ކުރުމަށް ޒުވާނުންގެ ހިއްސާ ވަރަށް ބޮޑު. އެކަމަކީ ޒުވާނުންގެ ޒިންމާދާރުކަމާ ގުޅިފައިވާ ކަމެއް،" އިރުތިޝާމް ވިދާޅުވިއެވެ.

މި ޒަމާނަކީ އެންމެ ފެންވަރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިލްމު އުނގެނޭ ޒަމާން ކަމަށާއި މެޕްސް ކޮލެޖުން އިސްނަގައިގެން މިއަދު އެ ދިއްލާލި ބައްތިއަކީ ވަރަށް ވެސް މުހިއްމު ބައްތިއެއް ކަމަށް ޔޫތު މިނިސްޓަރު ވިދާޅުވިއެވެ.

އިރުތިޝާމް ވިދާޅުވީ، މެޕްސް ކޮލެޖުން މިއަދު އެ ދިއްލާލި ބައްތިން ވެސް އެ ކޮލެޖަކީ ނަމޫނާ ކޮލެޖެއްކަން ހާމަވެގެން ހިނގައްޖެ ކަމަށާއި އެ ކޮލެޖަކީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކާމިޔާބު ކޮލެޖެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ކޮންމެ މީހަކުވެސް ގައުމުގެ ހިއްސާއަކަށް ވާން. ތައުލީމު އުނގެނުމުގެ ފުރުސަތު ލިބިފައިވާ ކޮންމެ މީހަކަށްވެސް ހާއްސަ ޓްރެއިންތަކެއް ދީގެން ގައުމުގެ ހިއްސާއަކަށް ހަދަން އަޅުގަނޑުމެން ބޭނުން،" މިނިސްޓަރު ވިދާޅުވިއެވެ.

މެޕްސް ކޮލެޖުން އިސްނަގައިގެން ބާއްވާ ވޯކްޝޮޕްގައި ޖުމްލަ ދިހަ ސެޝަނެއް ކުރިއަށްދާނެއެވެ. ހިއްސާ ޕްރޮގްރާމްގެ ސަބަބުން ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މެޕްސް ކޮލެޖުން ބުނީ، އެ ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކަށް ވޯކްޝޮޕް ނިމުމުން އެ ފަރާތްތަކަށް ނޭނގޭ އެތައް ކަމެއް ދަސްވެގެންދާނެ ކަމަށާއި މިވަގުތު މީހުންނަށް ޒިޔާރަތް ނުކުރެވޭ ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ.

ވޯކްޝޮޕްގެ ސަބަބުން ދަރިވަރުންގެ ކުރިމަގަށް ލިބިގެންދާނެ ފުރުސަތުތައް ވެސް އެނގި ހާމަވެގެންދާނެ ކަމަށާއި ދަރިވަރުންގެ ސިކުނޑިވެސް އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށް މެޕްސުން ބުނެއެވެ.

comment ކޮމެންޓް