މެމްބަރުންގެ ގޮނޑި ގެއްލުމާއި 12 މެމްބަރުންނަށް ކުރި ދައުވާ!

ގޮނޑި ގެއްލުބުކަމަށް ބުނާ ބައެއް މެމްބަރުން---

މި އަހަރަކީ ސިޔާސީ ގޮތުން މަޖިލީހުގައި ގިނަ ކަންތައްތަކެއް ހިނގައި ދިޔަ އަހަރެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ނުވަ ދާއިރާއެއްގެ މެމްބަރުންގެ ގޮނޑި ގެއްލުނު މައްސަލައެވެ.

އެމީހަކު އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލޭގޮތަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ޕީޕީއެމުން އިދިކޮޅާ ގުޅި، އެޕާޓީން ވަކިވާން އޭރު ސިޓީ ލާފައިތިބި ގިނަ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފައެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އެމީހަކު އިންތިހާބުވި ޕާޓީން ނޫން ޕާޓީއަކަށް ބަދަލުވުމުން، ނުވަތަ އިންތިހާބު ވި ޕާޓީން ވަކި ކުރުމުން ނުވަތަ ވަކިވުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

އެގޮތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ލަތީފު އަހުމަދާއި ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ހުސްވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފައެވެ.

އޭގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ ގޮނޑި ހުސްވެފައިވާ ކަން ވެސް އިއުލާނު ކުރިއެވެ.

އޭގެ ފަހުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ގޮނޑި ގެއްލުން ކަންވެސް އިލެކްޝަނުން އިއުލާނު ކުރިއެވެ.

ސައުދާއި އަމީތާއި ވައްޑެގެ އިތުރުން ލަފީތުގެ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލު ކުރަން އެ ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ ގޮނޑީގެ މައްސަލާގައި އިތުރު ގޮތެއް ކަނޑައަޅަން ޖެހޭ ތަނެއް ނެތް ކަމަށެވެ.

ދެން ހިނގައި ދިޔަ އަނެއް ކަމަކީ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މަޖިލީހުގެ ޖަލްސާ ނެތް ދުވަހެއްގައި މަޖިލީހަށް ވަންނަން ގޮސް ފުލުހުންގެ ސަފު ފަޅާލި މައްސަލާގައި 12 މެމްބަރެއްގެ މައްޗަށް ދައުވާ ކުރުމެވެ.

މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ކޮށްފައި ވަނީ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އެވެ. އެ މައްސަލާގައި ދައުވާ ލިބޭ 12 މެމްބަރުންނަކީ:

  • ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
  • ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
  • މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ
  • ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
  • ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
  • ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް
  • ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހް
  • ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
  • ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
  • ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން
  • މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

އެ މެމްބަރުންގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އުފުލީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީސް ސަރަހައްދުން ފުލުހުންގެ ސަފު ފަޅާލި ކަމަށް ތުހުމަތުކޮށެވެ.

ފާހަގަކޮށްލެވުނު ކަންކަމުގެ އިތުރުންވެސް މި އަހަރަކީ ސިޔާސީގޮތުން މިފަހަކަށް އައިސް ވަރަށް ހަލަބޮލި އަހަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަހަރެކެވެ.

comment ކޮމެންޓް