ސީޒަންގެ ފުރަތަމަ "ކްލެސިކޯ"މެޗު، ދެޓީމަށްވެސް ވަރަށް މުހިންމު!

މިސީޒަންގެ ފުރަތަމަ އެލް ކްލަސިކޯ، ރެއާލާ ބާސާއަށް ވެސް ވަރަށް މުހިއްމު -- ފޮޓޯ: ގެޓީ

މިއަދަކީ ސްޕެއިންގެ ފުޓްބޯޅައިގެ ބޮޑު ދުވަހެކެވެ. 2017/18 ފުޓްބޯޅަ ސީޒަންގެ ފުރަތަމަ "އެލް ކްލަސިކޯ" ކުރިމަތިލުން މީގެ ގާތްގަނޑަކަށް ގަޑިއެއްހާއިރު، ފަހުން ފެށޭނެއެވެ. މި މެޗަށް ރެއާލް މެޑްރިޑާއި ބާސެލޯނާ ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެކްލަބުގެ ކުރިމަތިލުން، މިއަދު ހަވީރު ރާއްޖޭ ގަޑިން 17:00ގައި ރެއާލްގެ ސަންތިއާގޯ ބެރްނަބެއުގައި ފެށިގެން ދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މިލިއަން މީހުން މި މެޗަށް އިންތިޒާރުކުރަމުން ދާނެއެވެ.

މެޗަށް ކުޑަތަން ވެފައިވާއިރު، އެއްވެސް ޓީކަމަށް އަނިޔާގެ މާބޮޑު މައްސަލަތަކެއް ނެތެވެ. ބާސާއިން މި މެޗަށް ނެރޭނީ، ކޯޗު އާނަސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ނެރޭ އެންމެ ވަރުގަދަ ޓީމެވެ.

މިއަދުވެ ކްލަސިކޯ މެޗަކީ، ދެޓީމަށް ވެސް ވަރަށް މުހިއްމު މެޗެކެވެ. މި މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން މިސީޒަންގެ ލީގު ޓައިޓަލްއާ މެދު ގޮތެއް ނިންމަން ފަސޭހަވެގެން ދާނެއެވެ. ޚާއްސަކޮށް، ރެއާލްގެ މައްޗަށް 11 ޕޮއިންޓުގެ ތަފާތު ބޮޑު ލީޑަކާއެކު ތާވަލުގެ އެއްވަނައިގައި ބާސާއާ އޮތުމުން އެޓީމާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މި މެޗުން "ހޯމް އެޑްވާންޓޭޖް" ނެގުމަކީ ރެއާލުން ވަރަށް ބޮޑަށް ވިސްނާނޭ ކަމެކެވެ.

ލީގު ޗެމްޕިއަން ރެއާލްގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ، ވޭލްސް ތަރި ގެރެތު ބޭލް ވަނީ މިފަހަކަށް އައިސް ދެ މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ. މިއަދުގެ މެޗުގައި ވެސް ބޭލް ފެނުން ގާތީ ބެންޗުން ފަށާ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ރެއާލަށް މިހާރު އަނިޔާގެ މައްސަލައަކަށް އޮތީ، ތިންވަނަ ގޯލް ކީޕަރު ލޫކާ ޒިދާންއެވެ. އޭނާގެ ކޮނޑަށް ލިބުނު އަނިޔާ ރަނގަޅުވަމުން އަންނައިރު، އެ ނޫން ކުޅުންތެރިއަކު އަނިޔާގެ ސަބަބުން ޓީމާ ނުގުޅިއެއް ނުހުންނާނެއެވެ.

މެޗަށް ނުކުންނައިރު ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި މެޗަށް އޭނާ ފުރިހަމަށް ފިޓްކަން ހާމަކޮށްފައެވެ.

ރެއާލްގެ ފުރަތަމަ 11:

ކޭލާ ނަވާސް، ކަރްވާހަލް، ސާޖިއޯ ރާމޯސް، ވަރާނޭ، ރޮނާލްޑޯ، ކްރޫސް، ބެންޒެމާ، މޮޑްރިޗް، މާސެލޯ، ކަސެމީރޯ، ކޮވަސިޗް،

ބާސާއަށް ބަލާއިރު، ސަމުއެލް އަމްޓިޓީގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއާއެކު މިއަހަރު ދެން އޭނާ މެޗެއް ނުކުޅޭނެއެވެ. އަދި އޮސްމާނޭ ޑެމްބެލޭ ވަނީ އަނިޔާއިން އަރައިގަނެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އެހެން ނަމަވެސް އަދި މެޗަށް އަރާނޭކަމަކަށް ނުބެލެވެއެވެ. މީގެ އިތުރުން ޕާކޯ އަލްކަސޭރާއާއި ޖެރާޑް ޑުލެފޫވެސް އަދި ތިބީ އަނިޔާގައެވެ. އެހެން ނަމަވެސް އަނިޔާގައި އަށް މަސްދުވަހުގެ ބްރޭކަކަށް ފަހު ރަފިންހާ ހުރީ މިހާރު ފިޓްވެފައެވެ.

ބާސާގެ ފުރަތަމަ 11:

ޓާރ ސްޓަޖެން، ޕީކޭ، ރަކިޓިޗް، ސާޖިއޯ، އިނިއެސްޓާ، ސުއަރޭޒް، މެސީ، ޕައުލީނިއޯ، ޖޯޑީ އަލްބާ، ސާޖިއޯ ރޮބާޓޯ، ވަރމައެލަން.

މެޗާ ގުޅޭގޮތުން ބާސާގެ ކޯޗު ވަލްވާޑޭ ބުނީ، ތަފާތު ބޮޑުކޮށް، ތާވަލުގެ ކުރީގައި އޮތަސް މިއަދުގެ މެޗުގެ ފޭވަރިޓަކީ ބާސާއޭ ނުބުނެވޭނެކަމަށެވެ.

ރެއާލަކީ ވަރުގަދަ ޓީމެއް ކަމަށާއި އަދި އަމިއްލަ ދަނޑުގައި ކުޅޭތީ ބާސާއަށް މި މެޗު ވަރަށް އުނދަގޫ ވާނޭ ކަމަށް އެ ޓީމުގެ ކޯޗު ބުންޏެވެ.

މެޗާ ގުޅޭގޮތުން ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ، ތަފާތު ބޮޑު ނަތީޖާއަކުން ބާސާ ކުރީގައި އޮތް ނަމަވެސް މި މެޗަށް ނުކުންނައިރު އޭނާގެ ޓީމު ހާސްނުވާ ކަމަށެވެ.

މިސީޒަންގައި ބާސާ ކިތަންމެ މޮޅަށް ކުޅުނު ނަމަވެސް، މިއަދު ރެއާލުން ނުކުންނަނީ، މި މެޗުން މޮޅުވެ ތާވަލުގައި އޮތް ފަރަގު ކުޑަކުރުމަށް ކަމަށް ޒިދާން ބުންޏެވެ.

comment ކޮމެންޓް