މެސީ އަންގަނީ ބާސާއަށް ނޭމާގެ ހަނދާންތަކާ ދުރަށް ނުދެވޭކަމަށް!

ބާސެލޯނާގެ ސުޕަރސްޓާ ލިއޮނަލް މެސީ ބުނީ، އެޓީމުގެ ކުރީގެ ތަރި ބްރެޒިލްގެ ނޭމާ ޖޫނިއާ މަތިން އަދިވެސް ކްލަބުގެ ހުރިހާ ކުޅުންތެރީންވެސް ވަރަށް ބޮޑަށް ހަނދާވާކަމަށް -- ފޮޓޯ: ގެޓީ

ނިމިދިޔަ ހޫނުމޫސުމުގެ ފުޓްބޯޅަ ޓްރާންސްފަރ އަކީ ހަމަ ގައިމުވެސް ބާސެލޯނާއަށް އެހާ ހިތްގައިމު ޓްރާންސްފަރއަކަށް ނުވާނެއެވެ. ސަބަބަކީ އެއީ ދުނިޔޭގެ ރެކޯޑް ފީއަކާއެކު ނޭމާ ޖޫނިއަރ ފްރާންސްގެ ޕީއެސްޖީއާ ގުޅި، ބާސާގެ ވަރުގަދަ އެޓޭކިން ފޯސް ރޫޅާލި ޓްރާންފަރ ކަމަށް ވާތީއެވެ.

ބާސާގައި ނޭމާއާއެކު އެންމެ ގާތްކޮށް މަސައްކަތްކުރި ކުޅުންތެރީންގެ ތެރޭގައި، ލިއޮނަލް މެސީއާއި ލުއިސް ސުއަރޭޒް ހިމެނޭނެއެވެ. އެ ކުޅުންތެރީން އަންގަނީ ކޮންމެ ފަދަ ހާލަތެއްގައި، ނޭމާ ބާސާއާ ވަކިވެގެން ދިޔަ ނަމަވެސް، އޭނާގެ ހަނދާންތައް އަދިވެސް އެ ކްލަބުން ފިލައިގެން ނުދާކަމަށެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ނޭމާ ޕީއެސްޖީއަށް ބަދަލުވުމާއެކު، ބާސާގައި މެސީއާ ސުއަޒް އަދި ނޭމާ ގުޅިގެން އުފެއްދި ނުރައްކާތެރި އެޓޭކިން ކުޅުން ފޯސް ރޫޅުނީއެވެ.

އާއަހަރަށް މަރުހަބާކިޔަން ތައްޔާރުވަމުން ދާއިރު މެސީ މިވަނީ އޭނާގެ ހިތުގައި ނޭމާއާ މެދު އުފެދިފައިވާ އިހްސާސްތައް ބަންޑުން ޖަހާލައިފައެވެ.

ކުރު ވީޑިއޯ މެސެޖެއްގައި ނޭމާއަށް މެސީ ބުނެފައި ވަނީ، ބާސާއިން ވަކިވެގެން ނޭމާ ދިޔައިރު ދެކުޅުންތެރީންގެ މެދުގައިވެސް ހިތްހަމަ ނުޖެހިދާނޭ ފަދަ ވާހަކަތަކެއް ބަދަލުކުރެވުނު ކަމަށެވެ.

"ހަގީގަތަކީ އަހަރެމެން އަދިވެސް ނޭމާ މަތިން ހަނދާވޭ،" އަވައްޓެރި ބްރެޒިލް ތަރިއަށް ނިސްބަތްކޮށް އާޖެންޓީނާގެ ސުޕަސްޓާ ބުނެފައިވެއެވެ.

މެސީ ބުނީ، ދެކުނު އެމެރިކާއަށް ނިސްބަތްވާ އެ ތިން ރަހްމަތްތެރީން (މެސީ، ނޭމާ، ސުއަރޭޒް)ގެ މެދުގައި ކޮންމެ ދުވަހަކު ހެނދުނު، އެކުރާ މަޖަލާއި އެކުގައި ހޭދަކުރި އުފާވެރި ވަގުތުތައް އަދިވެސް ހަމަ އެގޮތުގައި ކުރިއަށް ގެންދަން ބޭނުން ކަމަށެވެ.

ނޭމާ ކޮންމެ ތަނެއްގައި ހުއްޓަސް އޭނާއަށް އަބަދުވެސް ހެޔޮއެދޭކަން ހާމަކުރަމުން އާޖެންޓީނާ އަދި ބާސާގެ ތަރި ބުނީ، އަދި ކޮންމެވެސް ދުވަހަކުން ދަންޑުމަތިން ދެމީހުން އެކުގައި ދިމާވާނޭކަމީ ޝައްކެއްވެސް އޮތްކަމެއް ނޫންކަމަށެވެ.

މިއަދަކީ ބަސާއަށް ބޮޑު ދުވަހެކެވެ. ރާއްޖޭ ގަޑިން 17:00ގައި މެޑްރިޑްގެ ސަންތިއާގޯ ބެރްނަބެއުގައި، މިއަދު މަޝްހޫރު އަލް ކްލެސިކޯގެ ކުރިމަތިލުމެއް އޮންނާނެވެ. ސްޕެއިން، ޔޫރަޕް އަދި ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް މިއަދު ބާސާ ނުކުންނައިރު ހަމަ ޔަގީނުންވެސް މެސީއަށް ވަރަށް ބޮޑަށް ނޭމާ "މިސް"ވާނެއެވެ.

މިއަދުގެ އަލް ކްލެސިކޯ މެޗުން ރެއާލް މޮޅުވެއްޖެ ނަމަ، އެޓީމުގެ މައްޗަށް މިހާރުވެސް 11 ޕޮއިންޓްގެ ލީޑަކާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސާއާ ދެމެދު ފަރަގު ކުޑަކުރެވި ލީގަށް ވާދަކުރުމުގެ ފުރުސަތު ބޮޑުވާނެއެވެ. އެ މެޗުން ބާސާ މޮޅުވެއްޖެ ނަމަ، މިފަހަރުގެ ލީގު ހޯދުމަށް ކުރާ ދަތުރު އެޓީމަށް ވަރަށް ބޮޑަށް ލުއިވެގެން ދާނެއެވެ.

comment ކޮމެންޓް