ހަ މީހުންނާއެކު ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓު އެމްއެންޑީއެފުން ހޯދައިފި

ސްރީ ލަންކާގެ މަސްބޯޓު 'ލަކްޕްރިޔާ' ހާލުގައި ޖެހި ގެއްލިގެން ހޯދަމުން ދަނިކޮށް، އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ފެނުނީ ނ. މަނަދުއާ 12 ނޯޓިކަލް މޭލު ބޭރުން -- ފޮޓޯ: އެމްއެންޑީއެފް

މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ރާއްޖޭގެ ސަރަހައްދަށް ގެއްލިގެން ހޯދަމުން ދިޔަ ސްރީ ލަންކާގެ މަސްބޯޓު، އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހޯދައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، ލަންކާގެ 'ލަކްޕްރިޔާ' ނަމަކަށް ކިޔާ އެ އުޅަނދުގެ ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އުޅަނދު ފެނިފައި ވަނީ، ނ. މަނަދޫއާ 12 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑް އެފްއައިސީއަށް މިއަދު 9:45 ކަންހާއިރު އުޅަނދު ފެނުމާއެކު އުޅަނދާ ގުޅޭ މައުލޫމާތު، ކޮލަމްބޯގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް އަންގާފައިވާ ކަމަށް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

"ބޯޓުގައި ތިބީ ހަ މީހުން. އެންމެންގެ ހާލުވެސް ރަނގަޅު. މިހާރު ވާނީ ކޮލަމްބޯގެ އެމްއާރުސީސީއަށް އަންގާފައި،" ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

އިއްޔެ ހަވީރު 1730ގައި ކޮލަމްބޯ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ވަނީ، އެގައުމުގެ ހާލުގައި ޖެހިފައިވާ މަސްބޯޓެއް ރާއްޖޭ ސަރަހައްދުން އޮޔާދާތީ އެ ބޯޓު ހޯދައިދިނުމަށް ރާއްޖޭގެ ކޯސްޓުގާޑުގައި އެދިފައެވެ.

comment ކޮމެންޓް