މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވެފައިވަނީ ހަތަރު ޓީމެކެވެ. އެއީ ކްލަބް އީގަލްސްއާއި، ޔުނައިޓެޑް ވިކްޓަރީއާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ގދ. ތިނަދޫއެވެ. ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން މުބާރާތުގައި ބައިވެރިފައެއް ނުވެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ރަނަރަފް ޓީސީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި ކްލަބު ވެލެންސިއާ ހިމެނެއެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މިއަހަރު ހަތަރު ޓީމު ބައިވެރިވެފައިވުމުން، އެފްއޭއެމުން މުބާރާތުގެ އޮނިގަނޑު ރާވާފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

އެފްއޭއެމްއިން 2011 ވަނަ އަހަރު ބާއްވަން ފެށި އެ މުބާރާތް މެދުނުކެނޑި 2014 ވަނަ އަހަރުގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު މުބާރާތް ދެން ބާއްވާފައިވަނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ޓީސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އީގަލްސްއެވެ.