ނޭނގި ހިތާ ކުޅެލީ - 12

"އަހަރެން މިއުޅެނީ އެގެއަށް ބަދަލުވާން. ނަންނިގެ ބައްޕަ ދައުވަތުދިނީ...." ލިވިއާ ލުކުމާންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ލިވިއާ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ކެތްތެރިކަމާއިއެކު އަޑުއަހަން އޭނަ ހުރީ ހިމޭންކަން ޚިޔާރުކޮށްގެންނެވެ. ދެރަވެފައެވެ. ހިތުގައި ޖެހިފައެވެ. އޭނަ ލިވިއާގެ ފަރާތުން އުއްމީދުކުރީ މިފަދަ ޖަވާބަކަށް ނޫނެވެ. އަދިވެސް ލިވިއާ އެވިސްނަނީ އެ އާއިލާއާއި ގުޅުން ވަރުގަދަކުރުމަށެވެ. އެގެއަށް ބަދަލުވުމަށެވެ. އެވެސް ފިރިހެނެއްގެ ދައުވަތަކަށެވެ.

ކުއްލިއަކަށް ލުކުމާންގެ ނަޒަރު އެއް ދިމާލަކަށް ހުއްޓުމުން ލިވިއާއަށްވެސް ބަލައިލެވިއްޖެއެވެ. އެތަނުން ލިވިއާގެ ލޮލަކު އެއްވެސް އެއްޗެއް އަޅައެއްނުގަތެވެ. ރީތިވާ މޭޒާއި ދިމާލުން ތަށިމުށިމައްޗަށް ވެއްޓިފައި އޮތް ރޫބީ އަނގޮޓި ނަގަން ލުކުމާން ގުދުވިއެވެ. އޭނަ ޕްރޮޕޯސްކޮށްފައި އަތުގައި އޮތް އަނގޮޓިއަށް ލިވިއާ އެއްވެސް ގަދަރެއް ނުކުރާކަން އެނގުމުން ހިތަށް ލިބުނު ދަތިކަން ފިލުވައިލަން ލުކުމާން ހީލިއެވެ. މިއީ އޭނައާއި ބަލާއިރު އެހާ އަގުބޮޑު އެއްޗަކަށް ވިނަމަވެސް ލިވިއާ މި އެއްލައިލުމުން ދެން ނުދޭނެކަމަށާއި ކައިވެނިކުރާ ދުވަހަކުންވެސް އަނގޮޓިއެއް ނުދޭނެކަމުގައި ބުނެލިއެވެ. އަނގޮޓީ އަޅާ ހިތްނުވާ ކުއްޖަކަށް މީގެ ބޭނުމެއް ނެތްކަމަށް ބުނަމުން ލުކުމާން އެ އަނގޮޓި ލީ ވޮލެޓަށެވެ. ލިވިއާ އަޅައެއްނުލިއެވެ. އެއީ ނަގުލީ އެއްޗެއްކަން ލިވިއާއަށް ޔަގީންވާއިރު އެއާއިހެދި އެހާވަރުން އުޅެންވީ ކީއްކުރަންހެއްޔެވެ.

"އަދިވެސް ލިވީ ބޭނުންވަނީ އަހަރެން ސަވާނާއާއި ކައިވެނި ކުރަންކަމަށް ވަންޏާ ބުނޭ....."

"އަހަރެން ބުނީމެއްނު ލޫކްއަކަށް ދެނެއް ނަންނި ނުލިބޭނެއޭ. އެކަން ހަދާން ނައްތާލާށޭ. ޓު ބީ އޮނެސްޓް ދެން އަހަރެން ބޭނުމެއްނޫން ލޫކް އޭނައާއި އިންނާކަށް..." ލިވިއާ އިރުކޮޅެއްވާންދެން ލުކުމާންގެ މޫނަށް ބަލަން ހުރެފައި ގޮސް ލުކުމާންގެ މޭގައި ބޯ އަޅާލައިފިއެވެ.

"މޭޕްލް ވިލާއިން ޖޮބެއް ލިބުނީމަތަ " ލުކުމާން ހުރީ ހިތްހަމަނުޖެހިފައެވެ. ލިވިއާ އުޅޭ ވައްތަރަކުން ފޫހިކަން ހިތުގައި އުފެދުނެވެ. ލިވިއާއަށްޓަކާ އޭނަގެ ހިތުގައި އެވަރަށް ލޯބި ލެއްވިކަމަށްޓަކާ ހިތާ ޝަކުވާކުރެވުނެވެ. އޭނަ މޮޔަވާވަރުގެ އަންހެންކުއްޖަކަށް ނުވާ ހިނދު މިހާވަރުން އުޅެވެނީ ކީއްވެބާވައެވެ. މިހާރަކަށް އައިސް ލިވިއާ ފެނިފައި އެހާ އުފާވެރިކަމެއްވެސް އިހުސާސެއް ނުކުރެވެއެވެ.

"އެހެން ކަމަށް ހީކޮށްލާ. ލޫކް. ބުނެބަލަ. މިހުރިހާ ދުވަހު ފިލައިގެން އުޅުނީ ކޮންތާކު؟ ކައިވެންޏަށް ފިލައިގެން ޚަބަރުވެސް ބަލާ ނުލާ ހުރީ ކީއްވެތަ؟ "

ލުކުމާން ކޮނޑު އަރުވައިލީ އެކަމާއި ގުޅޭގޮތުން އެއްޗެއް ބުނަން ބޭނުންނުވާފަދަ ގޮތަކަށެވެ.

"ޕްލީޒް ލޫކް......." ލިވިއާ ރުޅިއަންނަ ގޮތްވިއެވެ.

"އަހަރެން ކިޔާ ދިނަސް ނުދިނަސް އެކަން އެއޮތީ ހިނގާފައި. ނޫސްތަކުގައި ޖަހާނެ ކަމަށް އަހަރެން ހީކުރީ. އެހެނެއް ނުވި. އެނީވޭސް އައި އޯވް ހާ އެން އެޕޮލޮޖީ. އައިސީޔޫގައި އޮތަސް ބޯއިފްރެންޑަށް ވަދެވޭނެ ދޯ.............."

"ނޫނޭ ލޫކް. އެހިސާބުން އެއޮތީ އެޗެޕްޓާ ނިމިފަ. އެޗެޕްޓާ އަލުން ހުޅުވައިގެން އިތުރު ޕްރޮބެލްމްތައް ކްރިއޭޓްވުން ނޫންކަމެއް ނުވާނެ. ކުށްވެރިއަކީ އަހަރެން ކަމަށް ގަބޫލުކޮށްފިން. އަހަރެން އުޅުނީ ނަންނިއާއި ލޫކް މެރީކުރުވައިގެން އަހަންނަށް ފައިދާގަނޑެއް ހޯދަން. އެކަމަކު ހަގީގަތަކީ އަހަރެން ބޭނުންވާގޮތަކަށް ނުދާނެކަން މިހާރު މަގޭ ސިކުނޑިވެސް ބުނެދީފި. ލޫކްއަށް ނަންނިގެ ފަރާތުން އެހާ ބޮޑު ފައިދާތަކެއްނުވާނެ. ނަންނިގެ އަމިއްލަ އެއްޗެއް ނޫން ދޯ އެއީ. އޭނަގެ ބައްޕަގެ. ޓު ބީ އޮނެސްޓް ލޫކް އޭނައަށް ބަލައިލިޔަސް އަހަރެންގެ ހަށިގަނޑުގައި ހުޅުރޯވޭ. އަހަންނަށް މާ ފަހުން އެނގުނީ ހަސަދަވެރިކަމަކީ އޮންނަ އެއްޗެއްކަމާއި އެއްވެސް މީހަކަށް އަނެކަކާއި ޝެއާ ނުކުރެވޭ އެއްޗެހި ހުރިކަން. އެ ލިސްޓުގެ އެންމެ ކުރީގައިވާނީ އެމީހާގެ ލޯބިވެރިޔާ. އަހަންނަށް ލޫކް ސަވާނާއާއި ކައިވެނިކޮށްގެން އުޅޭތަން ދެކޭކަށް ކުޅަދާނައެއް ނުވާނެ. ބަތްތަށީގެ އެއްފަޅިން ކާން ރުހޭނީ ކޮން އަންހެންކުއްޖެއްތަ. ދެން ލޫކް އެކަމާއި އުޅޭނެކަމެއްނެތް. ޖަސްޓް ފޮގެޓް އިޓް އޯކޭ؟ އެގޭ މީހުން އަހަންނަށް ރުޅިއެއް ނާދޭ. އަހަރެން ހުންނާނީ އެގޭގައި. ސަވާނާ ކައިރީގައި. އޭރުން ވިޔަސް ފައިދާއެއް ވާނީ. ފަހަރެއްގައި ކައުންސެލިންއަށް ބޭރު ގައުމަކަށްވެސް ފޮނުވަފާނެ....." ލިވިއާ ހިނިތުންވެލަމުން ލުކުމާން ކައިރިއަށް ޖެހިލާފައި ގަމީހުގެ ގިރުވާނުގައި އެ ނާޒުކް ދެއަތުން ހިފަހައްޓާލައިފިއެވެ. އެ ފަރި ފަރި ދެލޯ ލުކުމާންގެ ލޮލާއި ގުޅުވާލެވުނެވެ. އެހާ ކައިރިވުމުން ލުކުމާންއަށްވެސް އަސަރުކުރުވައިފިއެވެ. އެހާ ރީތި އަންހެންކުއްޖަކު ގައިގޯޅިވާންފެށުމުން ކޮންމެ ފިރިހެނަކަށްވެސް ވާނީ އެހާވަރުކަން ނޭގެއެވެ. އިޝްގުގެ އޮއިވަރުގައި ޖެހި އޮޔާ ބެހެމުން ދިޔަ ދެހިތުގެ އަޑު ފިޔަވާ އެހެން އަޑެއްނީވެއެވެ.

ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް ސަވާނާއަށް ޒިޔާރަތްކޮށްފައި ނުކުތްއިރު ލުކުމާންގެ އަމިއްލަ ނަފުސް އިތުރަށް ކުށްވެރިކުރެވުނެވެ. ވެންޓިލޭޓަރުގައި އޮތް އިރު އެކުއްޖާގެ މުޅި މޫނުމަތިވެސް އޮތީ ބެންޑޭޖްކޮށްފައެވެ. އަނގަމަތި ދުޅަކަމުން ސަވާނާހެނެއްވެސް ހިޔެއްނުވިއެވެ. އޭނައަށް އޮޅުވާލައިގެން އެހެން މީހަކު ކައިރިއަށް ގެންދިޔައީ ނޫންބާވައެވެ. ލުކުމާން އެދުނީ ސަވާނާގެ ޑޮކްޓަރާއި ބައްދަލުކުރާށެވެ. ނަރުސްކުއްޖަކު ސުވާލުކުރުމުން އޭނަ ބުނީ ފިރިމީހާގެ ހައިސިއްޔަތުންކަމަށެވެ. ނަރުސްކުއްޖާ އިރުކޮޅެއްފަހުން ލުކުމާން ގެންގޮސް ކެބިންއަކަށް ވެއްދިއެވެ. އެތާ އިން ޒުވާނާ އަމިއްލަ ތަޢާރަފެއް ދިނުމަށްފަހު ސަވާނާގެ ކާކުހެއްޔޭ އެހުމުން ލުކުމާން ހަމަޖެހިލާފައި ބުނީ ފިރިމީހާކަމުގައެވެ.

"ވަޓްސް ދަ ޕްރޮގްނޯނިސް. " ލުކުމާން އަހާލައިފިއެވެ.

"މިރެކްލެސް ޑޫ ހެޕެން. ވަރަށް ބޮޑުވަރުވެފައި އޮތީ. ކުރިންވެސް ޑީޓެއިލްކޮށް ކިޔާދީފައިވާނެ. މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައި އަދި ބާއްވާފައި އެއޮތީ.... ފަހަރެއްގައި މެމޮރީ ލޮސްވެ ލޯ އަނދިރިވުންފަދަ ދެރަގޮތެއްވެސް ވެދާނެ. ހޭއެރީމަ އެއްޗެކޭ ދަންނަވަން އެނގޭނީ. ވެއިޓް އެ ސެކް...." ޑޮކްޓަރު ކޮންމެވެސް އެއްޗެއް ހަދާންވި ކަހަލަގޮތަކަށް ބުމަ ކައިރިކޮށްލާފައި ފޯނު ހިފައިގެން ނުކުތީ ކެބިނުން ބޭރަށެވެ. އިރުކޮޅެއްފަހުން ވަންއިރު އޭނަހުރީ ކޮންމެވެސް ވަރަކަށް ނުރުހުންވެފައެވެ.

"ދޮގު ނެހެދިޔަސް ވެދާނެ ދޯ. އޭނަގެ ބައްޕަ ފޯމުގައިވެސް ސޮއިކުރީ. މީހަކާއި ނީދެ ކަމަށްވަނީ..ވީއިރު ފިރިމީހާއޭ ބުންޏަސް އަދި ގަބޫލެއް ނުކުރެވޭނެ ދޯ. ހޫ އާ ޔޫ............."

"ފިރިމީހާއާއި ވާން އުޅޭ ފިރިމީހާއާއި މާ ތަފާތެއް ނުހުންނާނެ....."

"ވެލް....."

"ނުބެހޭ ކަންތައްތަކާ ނުބެހި މައިތިރިވެގެން ހުރެ ކަލޭމެންގެ މަސައްކަތްކުރިއްޔާ މާ ތާހިރުވާނެ. ޕޭޝަންޓެއްގެ ވާހަކަ އެހީމަ އެކްސްޕްލެއިން ކޮށްދޭން ޖެހޭނީ. ކޮންމެހެން މައްސަލަ ބޮޑުކުރަން އުޅޭނެކަމެއްނެތް އިނގޭ. ތިހާ މޮޅު މީހެއްނަމަ ހުރިހާ އެއްޗެއް ކިޔާދީފައެއް ނޫނެއްނު ތިގުޅި މީހަކަށް ގުޅައިގެން މަށަކީ ސަވާނާގެ ކާކުކަން އަހާނީ. އަހަންނަކީ ސަވާނާގެ ލޯބިވެރިޔާ. އިންނަން ހަމަޖެހިފައިވާ ލޯބިވެރިޔާ............" ކަމަކާއި ނުލާ ރުޅިގަދަވާން ފެށުމުން ލުކުމާން މޭޒުމަތީގައި އަތުން ޖަހާފައި ނުކުމެގެން ދާން ހިނގައިތެވެ. މި ދުވަސްކޮޅު އޭނައަށް ވެގެން އުޅޭގޮތެއް ޚުދު އޭނައަކަށްވެސް ނޭގެއެވެ. އެއްވެސް މީހަކަށް އިތުބާރުކުރެވޭގޮތެއް ނުވެއެވެ. އެންމެނަކީ ދުޝްމަނުންކަމުގައި ހީކުރެވޭފަހަރުވެސް އާދެއެވެ.

ލުކުމާން އޭނަގެ މަންމަ އަރުޖަމަންދުއާއި ދިމާވީ ލުކުމާން އުޅޭ އެޕާޓްމެންޓުންނެވެ. މަންމަ އެގޮތަށް އައުމުން ބޭޒާރުވެދާނެތީ ލުކުމާން ހާސްވިއެވެ. އަރުޖަމަންދު ބުނީ އެހެން މީހަކަށް އެނގުނަ ނުދޭނެކަމުގައެވެ. އަރުޖަމަންދު އެކި ވާހަކަދައްކަމުންގޮސް ލުކުމާން ކައިވެނިކުރަން އެދުނެވެ. ރޯޒްގޯލްޑުން ހަދާފައިވާ ޖަވާހިރެއްޖެހި އަގުބޮޑު އަނގޮޓިއެއް ލުކުމާންއަށް ދިނެވެ.

"މިއީ މަންމަގެ ޕެރިސް އެކުވެރިއަކު ޑިޒައިންކޮށްދިން އަނގޮޓިއެއް. މީގެ ދެ އަނގޮޓި މަންމަ ހެއްދީ. އެކަތި މިދިނީ ލުގުމާންއަށް. ކައިވެނިކުރާ ދުވަހު ޅީދަރިފުޅުގެ އަތުގައި ލުގުމާންގެ އަތުން އަޅުވާދޭންވާނެ އިނގޭ. ޚުލްގު ހުރި ދީންވެރި ކުއްޖަކު ހޯދައްޗޭ...." މަންމަ ނަސޭހަތްދިނެވެ. ލުކުމާން އެ އަނގޮޓިއަށް ބަލަންއިންއިރު އިރުގެ ދޯދިތައް އެޅި އެކިފަރާތަށް އޭގެ ދަޅަ އަރުވައިލިގޮތުން އޭގެ އަގު އަންދާޒާކުރެވުނެވެ. އޭނަގެ އަތުގައި އޮތް ރޫބީ އަނގޮޓިއާއި މީގެ އަގު ނުބައްދަލުވާނެކަން އެނގުނެވެ. ލިވިއާގެ ހިތް އާސްމާނުގައި އުދުހޭނެކަމާއިމެދު ޝައްކެއްނެތެވެ. ލިވިއާ މިކަހަލަ ރީތި ގަހަނާތައް އަޅުވާފައިވާ އިރު އެދޮން ރީތި ހަށިގަނޑު ވަރަށް ފުރިހަމަވާނެއެވެ. ލުކުމާން އެ އަނގޮޓީއަށް ބަލަންއިން އިރު ލިވިއާގެ ޚިޔާލުތަކުން ތުންފަތް މައްޗަށް ހިނިތުންވުމެއްވެރިވިއެވެ. ނަމަވެސް އެހިނިތުންވުން ފިލައިގެން ދިޔައީ އޭނަގެ ސަބަބުން މަރާއި ހަގުރާމަ ކުރަމުންދާ ކުށެއްނެތް އަންހެންކުއްޖާގެ ޚިޔާލު ހިތަށް ވެރިވުމުންނެވެ.

އެއާއިއެކު އެހެން ކަހަލަ އުދަގޫ ޚިޔާލުތަކެއްވެސް ހިތަށް ވެރިވާންފެށިއެވެ. މަންމަވެސް އޭނަދެކެ ލޯބިވާކަން އަންގަން ހަޔާތަށް އަންނަންވީ މިހާރުހެއްޔެވެ؟ އޭނަ ހާދަ ވަރަކަށް މަންމައާއިހެދި ކަރުނަ އޮއްސިއެވެ. ހާދަ އިންތިޒާރެއްކުރިއެވެ. އޭނަގެ ބައްޕައާއި ދޮންމަންމަގެ ފަރާތުން ލިބުނު އަނިޔާތަކާއި ޒަޚަމްތައް ހިތުގައި އަދިވެސް ލަކުނުލައްވާފައިވިއެވެ. އެއްވެސް މީހެއްގެ ފަރާތުން އޭނައަށް ލޯތްބަކީ ކޯންޗެއްކަން ދަސްވެފައެއްނެތެވެ. ލޯތްބަށްޓަކާ ފެންބޮވައިގެންފާ ހުއްޓާ އެފަދަ ލޯތްބެއްލިބުނީ ހަމައެކަނި ލިވިއާގެ ފަރާތުންނެވެ. އޭނައާއި ހެދި މޮޔަވިއެވެ. ދުވާލު ސަތޭކައެއްހާ މެސެޖްކޮށް އެތައްފަހަރު ލޯބިވާ ވާހަކަ ބުނާނެއެވެ. ކިރިޔާ ކަމެއްވިޔަސް ލިވިއާ ރޯންފަށާނެއެވެ. އެހާ އަޅާލާނެއެވެ. ނަމަވެސް ލިވިއާވެސް އޭނައަށް ދެއްކީ ކުލަނެތް ހުވަފެނެކެވެ. މަޑުމަޑުން ދުރަށްގޮސް ގެއްލިދާނެހެން ހީވާން ފަށައިފިއެވެ. ލިވިއާވެސް ފޫހިވީކަން ނޭގެއެވެ. އެންމެން ދުވަނީ ހަމަ ފައިސާގެ ފަހަތުންހެއްޔެވެ؟ ފައިސާ ނެތް މީހެއްވެއްޖެއްޔާ އެމީހަކީ ލޯބި ހައްގު ނޫން ފަރާތަކީބާވައެވެ.

ލުކުމާން އެޕާޓްމެންޓުން ނިކުތްއިރު އަވިގަދަކަމުން ލޮލުގައި އަވިއައިނުޖެހިއެވެ. ގޯޅިއަކުން ލަނބައިލިތަނާ ފަހަތުން އައި ސައިކަލެއް އޭނަގެ ގައިގާ ޖައްސާފައި ދިޔުމުން ވިއްސައިގެންގޮސް ޖެހުނީ މަގުމެދުގައެވެ. ފައި މަށައިގެން ދިޔުމުގެ އިތުރުން މާ ބޮޑު ހާނިއްކައެއް ނުވިކަމީ އޭނަގެ ނަސީބެވެ. އެހެންނޫންނަމަ އެއީ މަރުގެ އެތިފަހަރެކެވެ.

"ޑެލިބެރެޓްކޮށް މަގޭ ގައިގާ ޖައްސާފައި އެދިޔައީ ކާކުބާ..." ލުކުމާން ތެދުވުމުން ފަޔަށް ތަދުވެފައިވާވަރު ފާހަގަވިއެވެ. އަމިއްލައަށް ފައި ޗެކްކޮށްލުމުން ލިގަމެންޓަކަށް ގެއްލުންވީކަން ޔަގީންވިއެވެ. ގަނޑުފެން އަޅައަޅާފައި ދުޅަމަޑުކުރާ ބޭހާއި އެއްޗެހި ކައިގެން ބެންޑޭޖް އޮޅާލައިގެން ޖައްސާލެވުނުއިރުވެސް އޭނައާއި ދުޝްމަންވެގެން މަރާލަން އުޅުނީ ކާކުބާވައޭ ހިތަށް އެރިއެވެ. އޭނައާއި އެހާ ޖައްސާލާފައި މީހަކު އުޅެކަމެއް މިވީހާތަނަށް އެނގިފައެއްނުވެއެވެ.

ލިވިއާގެ ފޮށިތައް މަތީބައިގެ ކޮޓަރިއަކަށް ވައްދާދިނީ އިމާދުއްދީނެއެވެ. އޭނަ ބުނީ ގޭގައި އުޅޭ ހުރިހާ ނޯކަރުންނަށް ޗުއްޓީދީފައިވާ ކަމުގައެވެ. އެވާހަކަ އިވުމުން ކޮންމެވެސް ވަރަކަށް ލިވިއާގެ ތަބީއަތު ގޯސްވިއެވެ. އޭނަ އެގެއަށް ގެނައީ ގެންގުޅޭ އަންހެންކުއްޖަކަށް ހަދަން ބާވައޭ ހިތަށް އަރާފައި މޫނުހުރި މިލާފައެވެ. އެންމެ ފުރަތަމަވެސް އިމާދުއްދީން އެދުނީ މީރުކޮށް ކޮފީއެއް ހަދާދިނުމަށެވެ. ނަބީލާ ހަތަރުދަމުހެން ސަވާނާގެ ކައިރީގައި އިންނާތީ އޭނަ ހުންނަން ޖެހެނީ ނުކައެވެ. އިމާދުއްދީން އެގޮތަށް ކިޔައިގެންވެސް ލިވިއާ ލައްވާ ކޮފީއާއި އެއްޗެހި ހަދުވަން ބޭނުންވިއެވެ. ކުރިމަތީގައި ޒުވާން އަންހެންކުއްޖަކު ބައިންދައިގެން އިންނަންވުމުން އިމާދުއްދީންގެ ހިތާމަތައްވެސް ފިލައިފިއެވެ. ތިމާގެ ދަރިއެއްފަދަ ޅަ އަންހެންކުއްޖެކޭ ވެސް އޭނަގެ ހިތަކަށް ނޭރިއެވެ. އޭނަގެ ހަޔާތަށް އައިސްފައިވާ އެތައް އަންހެނުންތަކުގެ ތެރެއިންވެސް މިވަރުގެ ރީތި ކުއްޖަކު އޭނަ ދެކެފައެއް ނުވެއެވެ. ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާކަންވެސް އޭނަ ހަދާން ނައްތާލައިފިއެވެ. ލިވިއާއާއިއެކު އުޅެވުމުން ވާހަކަދައްކާލެވުމުން އެލިބުނު ފަދަ ހިތްހަމަޖެހުމެއް މިވީހާތަނަށް އޭނައަށް ލިބިފައެއްނުވެއެވެ. ޒުވާން ދުވަސްވަރު އަލުން އިއާދަވީފަދައެވެ.

ދެމީހުން އެކީ ކޮފީ ބޯން ތިބިއިރު އިމާދުއްދީން ދެއްކި ވާހަކަތަކާއި ލިވިއާ އިނީ ނިކަން ގަޔާވެފައެވެ. އޭނަގެ ހުވަފެންތައް ފުރިހަމަވެދާނެކަމުގެ ސިގްނަލް ލިބުނެވެ.

"ލިވިއާ އިތުރަށް ކިޔަވަން ބޭނުމިއްޔާ ބޭނުން ޔުނިވާސިޓީއަކުން ހަމަ ޖާގަ ހޯދަންވީ. އަހަރެންމިހިރީ ލޯނު ދޭގޮތަށް. ބައެއްތަންތާ އަހަރެންގެ ގެއާއި އެޕާޓްމެންޓްތައްވެސް ހުންނާނެ...." އިމާދުއްދީންގެ ހުށަހެޅުން ލިވިއާގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ. އުފަލުންގޮސް ހީލެވުނެވެ.

"ތެންކިއު. ތޭންކްސް އެލޮޓް ސަރ...."

"ދެން އަހަރެން މީ ލިވިއާގެ ބޮސްއެއްނޫނޭ ތިހެން ކިޔަން. ހަމަ އިމާދު ކިޔަސް އޯކޭވާނެ........" އިމާދުއްދީން ފުޅާ ހިނިތުންވުމަކާއިއެކު ބުނެލައިފިއެވެ. އިމާދުއްދީން އެކި ސުވާލުތައްކުރިއެވެ. ލިވިއާގެ އާއިލާއާއި ބެހޭގޮތުންނާއި ކިޔެވުމާއި ބެހޭގޮތުންނެވެ. ކުޑައިރުގެ ވާހަކަތަކެވެ. ކުރާހިތްވާ ކަންތައްތަކުގެ ވާހަކައެވެ. ސަވާނާގެ ގާތް އެކުވެރިޔަކަށްވީ ހިނދު އެފަދަ އެކުވެރިކަމެއް އޭނައާއިވެސް އޮންނަންވާނެ ނޫންހެއްޔޭ ބުނެލީ މާނަވީ ހީލުމަކާއިއެކުގައެވެ.

"ތިހާ ރީތި އަންހެންކުއްޖެއްގެ އަދިވެސް ލޯބިވެރިޔެއްވެސް ނުހުންނަނީތަ؟ " އިމާދުއްދީން ކޮށްލި ސުވާލުން ދޭން ޖަވާބެއް ލިވިއާއަކަށް ނުވިސްނުނެވެ. ހުރެޔޭ ބުނެފިއްޔާ އެއީ ކާކުކަން އޮޅުންފިލުވައިދޭން ޖެހިދާނެއެވެ. ނޫނެކޭ ބުނެފިއްޔާ މަގު ކޮށާލަން ނިކަން ފަސޭހަވާނެއެވެ.

"އަދި އެކަހަލަ ނަސީބެއް ނުލިބޭ..." ލިވިއާ ރަކި ހިންޏަކާއިއެކު ކިޔާލައިފިއެވެ. އިމާދުއްދީންގެ ހިތް އުފަލުން ނަށާލައިފިއެވެ. މިދުނިޔެއިން މިހާރު ހާސިލްކުރަން ބޭނުންވާ ހަމައެކަނި އުފަލަކީ ލިވިއާކަމުގައި ވެ ނިމިއްޖެއެވެ. އެކަމަށްޓަކާ އޭނަ ކޮންމެފަދަ ކަމެއްކުރަންވެސް އެވަގުތު ނިޔަތް ކަނޑައެޅިއެވެ.

ނަބީލާ ގެއަށް ވަންއިރު ދެމީހުން ކޮފީބޯން ތިބި މަންޒަރު ފެނިފާ މަޑުކޮށްލުމުން އިމާދުއްދީންގެ ތަބީއަތު ގޯސްވިއެވެ. ހަމަ މި ގަޑިއަށް ނަބީލާ ގެއަށް ވަންނަންޖެހޭ ހެއްޔެވެ؟

ނަބީލާ ކޮޓަރިއަށްވަން އިރު ލުކުމާން ހުރީ ފާޚާނާތެރޭގައެވެ. އިސްތަށިގަނޑު ކަޅުކުލައިން ޑައިކުރަން ހުރިތަން ފެނުމުން ނަބީލާގެ ހިތަށް ބިރުވެރިކަންވަނެވެ. އިމާދުއްދީންއަށް އެކަމުގައި އޮންނަ ދީނީ ހުކުމް ގައިމު އެގެންވާނެއެވެ. އިސްތަށިގަނޑުން ނުރަ ފޮރުވަން ކަޅުކުލަ ބޭނުންކުރުމަކީ ނަހީކުރައްވާފައި ކަމެކެވެ. މާތް ﷲގެ ރުހިވޮޑިގަތުން ހޯދަން އެފަދަ އެންމެ ކުދި ކަންތައްތަކާއިވެސް ދުރުވާންވާނެއެވެ. އިމާދުއްދީން ބޭނުންނަމަ ރަތްކުލައިގެ ހީނާފަތްއެޅިދާނެއެވެ. ނަބީލާ އެހެން ބުނުމާއިއެކު އިމާދުއްދީން ރުޅިގަދަވެގެން ގޮސް ފަޅަފަޅައިގެންދާވަރުވިއެވެ.

"އަހަރެންގެ ޒާތީ ކަންތައްތަކާއި ނުބެހޭށޭ ކިތައްފަހަރު ބުނާނީ؟ ކަލޭކަހަލަ މުސްކުޅި ކަޓު ޚިޔާލު ގެންގުޅޭ އަންހެނަކާއި އިދެވުނީތީ އަހަރެން ހިތާމަކުރާވަރު އެނގޭތަ؟ ތިހިރަ ހެދުން އަޅާފައި ހުރި ގޮތް ފެނުނަސް ހޮޑުލަވާ. އަހަރެންގެ އެކުވެރިންނާއި ބައްދަލުކުރުވަންވެސް ލަދުގަނޭ. ސަވާނާއަށް ދީން ދަސްކޮށްދޭންވެގެންނޭ ކިޔާފައި ގެނެވުނުކަމުގެ މޮޔަ ހިތަށް އަރައިފި. މިހާރު ވިސްނިއްޖެ. އަހަރެންގެ އެކުވެރިން ބުނާހެން ތިއީ ދީނީގޮތުން ހައްދު ފަހަނަޅާދަނީ. ކޮން ކަޅުހެދުމެއް ލާކަށް؟ މިގޭތެރޭގެ ރޫލްސް ގިނަކަމުން ނަންނިވެސް ހުންނަނީ ރުޅިގަދަވެފަ. އެހެންވެ އެކުއްޖާ ސުއިސައިޑްކުރީވެސް....." އިމާދުއްދީން ރުޅިގަދަވެގެން ކަރުގައިވާ ނާރުތައް ފުއްޕާލާފައި އެއްޗެހި ގޮވައިގަތްއިރު ނަބީލާދެކެ ކުރިއަށްވުރެ ބޮޑަށް ފޫހިވާގޮތްވެއްޖެއެވެ. ލިވިއާގެ ރީތިކަމާއި ޒުވާންކަމަށް ހިތް ލެނބުނު ލެނބުނުހެން އޭނަގެ ކައިރީގައި ނަބީލާ އެއްވެސް އެއްޗަކަށްނުވިއެވެ.

އިމާދުއްދީން ދެކޭގޮތުން ނަބީލާ މާބޮޑަށް ހައްދުފަހަނަޅާ ދިޔައީއެވެ. ފޫހިވީ ދީނީކަމުން ކަމަށް ހަދަންވެގެން އެކަން ސަބަބަކަށް ދެއްކިއެވެ. ނަބީލާގެ ފަރާތުން އެހެން ކުށެއްނުފެނުމުން ދީނީގޮތުން ހައްދުފަހަނަޅާދިޔުން ކުށްވެރިކުރީއެވެ. ނަބީލާހުރީ ފެންކަޅިވާގޮތްވެފައެވެ. ޖަދަލުކުރާކަށްވެސް ނުކެރުނެވެ. އިމާދުއްދީންގެ ރުޅިގަދަކަން އޭނަ ތަޖުރިބާކޮށްފައިވެއެވެ. ރުޅިގަދަވެއްޖެއްޔާ ދުލު ކުރިއަށް ވަރި އެލަފުޒު އަންނަލެއް ނިކަން ފަސޭހަވާނެއެވެ. އެހެންވެ ނަބީލާ އެތަނުން ނުކުންނަން ހިނގައިގަތީ އެފަދަ ފުރުސަތެއްނުދޭން ވެގެންނެވެ. ލޯބިވާ ފިރިމީހާ ސާލިހު އަޅަކަށް ވުމަށް އެދި ދުޢާކުރެވުނެވެ.

ލުކުމާން "މޭޕްލްވިލާ" ގެ ގޭޓު ހުޅުވާލާފައި ވަނީ ހަމަޖެހިލާފައި ހުރެއެވެ. އެއްވެސް ވަރެއްގެ ހާސްކަމެއް އެމޫނުމައްޗަކުން ނުފެނެއެވެ. ހަރުކޮށް ހިނގާލާފައި ވަނީ ތިމާގެ އަމިއްލަ ތަނަކަށް ވަންނަފަދައިންނެވެ. ބެލް އަޅާލުމަށްފަހު ފެންޑާގައި ހުރި ކައުޗެއްގައި ޖައްސާލީ ބޫޓާއިއެކުގައެވެ. ކޮންމެވެސް މީހަކު ހިނގާފައި އަންނަ އަޑުއިވުމުން ލުކުމާން ބޯދަށަށް އަތްލަވައިގެން އޮވެފައި ކުޑަކޮށް އުފުލައިލިއެވެ.

(ނުނިމޭ)

comment ކޮމެންޓް