100,000 ޔޫރޯ ދެއްކުމަށް ފަހު މެސީގެ ބޭބެ ބަންދުން ސަލާމަތްވެއްޖެ

އާޖެންޓީނާގެ ފުޓްބޯޅަ މެގަސްޓާ ލިއޮނަލް މެސީ، އަދި އޭނާގެ ބޭބެ މާޓިއަސް މެސީ -- ފޮޓޯ: ގެޓީ

ބުއެނޮސް އައިރެސް (20 ޑިސެމްބަރ) - ހަތިޔާރު ގެންގުޅުމުގެ ކުށުގައި ގޭބަންދުކޮށްފައިވާ، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ އެއްބަނޑު އެއްބަފާ ބޭބެ މާޓިއަސް މެސީ ކަފާލާތުގެ ދަށުން މިނިވަން ވެއްޖެއެވެ.

އާޖެންޓީނާގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން، އުމުރުން 35 އަހަރުގެ މަޓިއަސް މެސީ ގޭބަންދުކުރުމަށް މީގެ ހަފްތާއެއްހާ ދުވަސްކުރިން ހުކުމްކުރީ، ބަޑިއެއް ގެންގުޅުމުގެ ކުށުގައެވެ.

އެހެންނަމަވެސް، މިއަދު އޭނާ ވަނީ، 100،000 ޔޫރޯގެ ބޮންޑެއް ދެއްކުމަށްފަހު، ކަފާލާތުގެ ދަށުން މިނިވަންވެފައެވެ.

މާޓިއަސް މެސީގެ ސްޕީޑް ބޯޓް -- ފޮޓޯ: ގެޓީ

މާޓިއަސް މެސީ ބަންދުކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު، އޭނާ ދުއްވާ ކުޑަ ސްޕީޑް ލޯންޗް އެކްސިޑެންޓެއްވެ، އޭގެ ތެރޭން ގިނައަދަދެއްގެ ލޭ ފެނިފައިވަނިކޮށް، އެ ލޯންޗު ތެރޭން، ރެޖިސްޓްރީ ކޮށްފައި ނުވާ، 380-ކެލިބަރގެ ފިސްތޯލައެއް ފެނިފައިވާތީއެވެ.

މިއީ ގަވައިދާ ޚިލާފަށް ހަތިޔާރު ގެންގުޅުމުގެ ކުށުގައި މެސީގެ ބޭބެ ހައްޔަރުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2015 ވަނަ އަހަރުވެސް އޭނާ ވަނީ، ހަތިޔާރު ގެންގުޅުމުގެ ކުށުގައި ހައްޔަރުކޮށްފައެވެ. ގަވައިދާ ޚިލާފަށް ހަތިޔާރު ގެންގުޅޭ ފަރާތްތަކަށް އަދަބުގެ ގޮތުގައި ތިން އަހަރާ ބައި އަދި އަށް އަހަރާ ދެމެދުގެ ޖަލުހުކުމެއް އިއްވޭނެއެވެ.

ކަފާލާތުގެ ދަށުން ގޭބަންދުން މިނިވަންވި ކަމުގައި ވީ ނަމަވެސް، މެސީގެ ބޭބެއަށް އާޖެންޓީނާއިން ބޭރަކަށް ނުދެނެއެވެ.

comment ކޮމެންޓް