ވޯލްޑް ކަޕްގެ ފައިނަލަށް ދިއުމަށް އާޖެންޓީނާ ކުރަންޖެހޭ ކަންކަން މެސީ ބުނެދީފި!

މެސީ ވަނީ، މި ސީޒަންގައި ސްޕެނިޝް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި -- ފޮޓޯ: ގެޓީ

ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ ކުޅެން ބޭނުން ނަމަ، ކުރަންޖެހޭ ކަންކަން ލިއޮނަލް މެސީ ބުނެދީފިއެވެ.

އާޖެންޓީނާ އަދި ބާސެލޯނާގެ އުމުރުން 30 އަހަރުގެ ފޯވާޑް ބުނީ، އާޖެންޓީނާގެ ގައުމީ ޓީމުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލްގައި ކުޅެން ބޭނުންވާނަމަ، ގްރޫޕް ސްޓޭޖްގައި ނައިޖީރިއާ، ކްރޮއޭޝީއާ އަދި އައިސްލޭންޑް ބަލިކުރާން ޖެހޭ ކަމަށެވެ.

ސްޕެނިޝް ލީގަށް ކުޅޭ އެންމެ މޮޅުކުޅުންތެރިޔާއަށް ދޭ ޑި ސްޓެފާނޯ އެވޯޑާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ޕިޗިޗީ އެވޯޑް ހާސިލްކުރިތާ މާ ގިނަ އިރުތަކެއް ނުވެ މީޑިއާއާ ވާހަކަދައްކަމުން މެސީ ބުނީ، އަދި އެއްފަހަރު ވޯލްޑް ކަޕް ފައިނަލްގައި ކުޅެލަން ލިބިއްޖެ ނަމަ އެކަން ވެގެން ދާނީ ވަރަށް ބޮޑު އުފަލަކަށް ކަމަށެވެ.

ބްރެޒިލް އާ ދެކޮޅަށް ކުޅުނު މެޗަކަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ -- ފޮޓޯ: ގޯލް

ކުރިއަށް އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާއާ ސްޕެއިންއާ ވާދަކުރާން ޖެހިދާނެތޯ، ސްޕެއިންގެ ނޫހެއް ކަމަށްވާ މާސާއިން ކުރި ސުވާލަކަށް ޖަވާބުދެމުން މެސީ ބުނީ، ފުރަތަމަ ބަލަންވީ ގްރޫޕް ސްޓޭޖުން ވާނޭ ގޮތަކާ މެދު ކަމަށެވެ.

"ފުރަތަމަ ބަލަންވީ ގްރޫޕް ސްޓޭޖްގައި ވާނެ ގޮތަކާ މެދު، އެއީ އެންމެ އުނދަގޫ މަރުހަލާއަކީ، ދެން އެއަށް ފަހު އެހެން ކަންކަމާ އަހަރެމެން ވިސްނާނީ،" އާޖެންޓީނާ އަދި ބާސާގެ ސުޕަރސްޓާ ބުންޏެވެ.

އާޖެންޓީނާ ވަނީ، އެންމެ ފަހުން ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައިވެސް ވާދަކޮށްފައެވެ. ބްރެޒިލް 2014ގެ ފައިނަލްގައި ޖަރުމަނާ ވާދަކޮށް އާޖެންޓީނާ ބަލިވީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މިފަހަރަކީ ވޯލްޑް ކަޕުން މެސީ ފެންނާނޭ އެންމެ ފަހު މުބާރާތަށް ވެގެންދާއިރު، މި މުބާރާތް އޭނާއަށް ވަރަށް ޚާއްސަވާނެއެވެ.

ފަސްފަހަރު ބެލޮންޑިއޯ އެވޯޑް ހާސިލްކޮށް، ސްޕެނިޝް ލީގު އަށްފަހަރު، ޔޫރަޕްގެ ހަތަރު ޓްރޮފީ، އަދި ކްލަބް ވޯލްޑް ކަޕް ތިން ފަހަރަށް ކާމިޔާބުކުރުމުގެ ޝަރަފް ލިބިފައި ވީ ނަމަވެސް، މެސީއަށް އަދި މިހާތަނަށް ވޯލްޑް ކަޕް ކާމިޔާބުކޮށް އެ ޓްރޮފީގައި ބީހިލުމުގެ ޝަރަފެއް ނުލިބެއެވެ.

comment ކޮމެންޓް