ޗެލްސީން ފާރަލަމުން ދަނިކޮށް އޮބަމެޔަންގް ޑޯޓްމަންޑްގެ ކޮންޓްރެކްޓް އާކޮށްފި

ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް ޕިއެރޭ އެމަރިކް އޮބަމެޔޮންގ ވަނީ، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2021 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފައި-- ފޮޓޯ: ގެޓީ

އިނގިރޭސި ޗެމްޕިއަން ޗެލްސީން ފާރަލަމުން ދަނިކޮށް، ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް ޕިއެރޭ އެމަރިކް އޮބަމެޔޮންގ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިހިނގާ ޖެނުއަރީ ޓްރާންސްފަރގައި ގެބޯންގެ ފޯވާޑް އެހެން ކްލަބަކާ ގުޅޭނޭކަމަށް އަޑުފެތުރިފައި ވަނިކޮށް، އޭނާ ވަނީ 2021 ވަނަ އަހަރާ ހަމައަށް އެ ކްލަބުގައި މަޑުކުރުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޗެލްސީގެ އިތުރުން އިޓަލީގެ އޭސީ މިލާނުންވެސް ވަނީ، އޮބަމެޔޮންގ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ޑޯޓްމަންޑްގެ ސްޕޯޓިންގ ޑައިރެކްޓަރު މިޝޭލް ޑޯކް ސްކައި ސްޕޯޓްސްއަށް ވިދާޅުވީ، އޮބަމެޔޮން ކޮންމެވެސް ދުވަހަކުން ދާނެ ކަމަށާއި އެހެން ނަމަވެސް މިވަގުތު އޭނާ ހުރީ އެކްލަބާއެކު ކުރިއަށް ދިއުމަށް ކަމަށެވެ.

"އޭނާ އެހެން ކްލަބަކަށް ދާން އަދި ވަރަށް ދުވަސް އެބައޮތް. ކޮންޓްރެކްޓްގެ މުއްދަތު ވަނީ 2021 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފައި. ކޮންމެވެސް ދުވަހަކުން އޭނާ ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށްދާނެ، އޭނާ ކެރިއަރު ނިންމާނީ މި ކްލަބުގައެއް ނޫން،" މިޝޭލް ޑޯކް ވިދާޅުވިއެވެ.

ޑޯކް ވިދާޅުވީ، އޮބަމެޔޮންގަކީ ޑޯޓްމަންޑަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި އަދި އެ ކްލަބުގެ ކުރިއަށް އޮތް ޕްލޭންތަކުގައި އޭނާގެ ހިއްސާ ވަރަށް ބޮޑުކަމަށެވެ.

comment ކޮމެންޓް