އަންނަ ހުކުރު ދުވަހު ޔޫތު ޗެމްޕިއަންޝިޕް ފަށަނީ

މިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވަނީ ކުލަބު އިގަލްސް އިން މުބާރާތުގެ ތަށި ހިއްލާލަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 21 އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ ޔޫތު ޗެމްޕިއަންޝިޕް އަންނަ ހުކުރު ދުވަހު ފެށުމަށް ތާވަލު ކޮށްފިއެވެ.

އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހަމަވިއިރު މުބާރާތުގައި ބައިވެރިވީ އެންމެ ހަތަރު ޓީމަކުންނެވެ. އެއީ ކްލަބް އީގަލްސްއާއި ޔުނައިޓެޑް ވިކްޓްރީއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން ގދ. ތިނަދޫ އެވެ. ފުރަތަމަ ޑިވިޝަންގެ ބައެއް އެހެން ކުލަބުތަކުން މުބާރާތުގައި ބައިވެރިނުވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ރަނަރަފު ޓީސީ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް، ވިކްޓަރީ ވެލެންސިއާ ހިމެނެ އެވެ.

އެހެންކަމުން އެފްއޭއެމުން މުބާރާތުގެ އޮނިގަނޑު ރާވާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

އެފްއޭއެމް އިން 2011 ވަނަ އަހަރު ބާއްވަން ފެށި އެ މުބާރާތް މެދުނުކެނޑި 2014 ވަނަ އަހަރުގެ ނިޔަލަށް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެއަށްފަހު މުބާރާތް ދެން ބާއްވާފައިވަނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ކްލަބް އީގަލްސްއެވެ.

އީގަލްސް އާއި ތިނަދޫ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 3:50 ގައި ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ގައެވެ.

comment ކޮމެންޓް