ގްރީޒްމަން ގެންދަން އުޅޭތީ އެތުލެޓިކޯއިން ބާސާގެ މައްސަލަ ފީފާއަށް ހުށަހަޅަނީ

އެންޓޮއިން ގްރީޒްމަން އެތުލެޓިކޯ ދޫކޮށް އެހެން ކްލަބަކަށް ހިނގައިދާނޭ ވާހަކަތައް ވަނީ އިތުރުވެފައި -- ގެޓީ ފޮޓޯ: ބީބީސީ ސްޕޯޓްސް

އެންޓޮއިން ގްރީޒްމަން ގެންދިއުމަށް ބާސެލޯނާއިން ގަވައިދާ ޚިލާފަށް މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ބާސާގެ މައްސަލަ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)އަށް ހުށަހަޅަން އެތުލެޓިކޯ މެޑްރިޑުން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ފްރާންސް ފޯވާޑް، މިއަހަރުގެ ކުރީކޮޅު ވަނީ، 22-2021 ސީޒަންގެ ނިޔަލަށް އެތުލެޓިކޯގައި މަޑުކުރުމަށް އެ ޓީމާއެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ގްރީޒްމަން ގެންދަން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ، ހަމައެކަނި ބާސެލޯނާއަކުން ނޫނެވެ. މެންޗެސްޓާ ޔުނައިޓެޑް ފަދަ ކްލަބުތަކުން ވެސް އޭނާއަށް ޝައުގުވެރިކަން ފާޅުކުރަމުން ދެއެވެ. އެހެން ނަމަވެސް، އެތުލެޓިކޯއިން ފީފާއަށް ހުށަހަޅާނީ ހަމައެކަނި ބާސާގެ މައްސަލަ ކަމަށް ބީބީސީ ސްޕޯޓްސްއިން ބުނެއެވެ.

އެތުލެޓިކޯއިން ތުހުމަތު ކުރާ ގޮތުގައި، ބާސާއިން ވަނީ، ފީފާގެ ގަވާއިދުތަކާ ޚިލާފަށް، ގްރީޒްމަންގެ އާއިލާގެ މެންބަރުންނާއި އޭނާގެ ގާތްފަރާތްތަކާ ބައްދަލުކޮށްފައެވެ.

ސްޕެއިންގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ މުންޑޯ ޑިޕޯޓިވޯއިން ރިޕޯޓުކޮށްފައިވާ ގޮތުން، ބާސާގެ ޕްރެޒިޑެންޓް ޖޯޒެފް މާރިއާ ބާޓޮމެއު ވަނީ، މި ހަފްތާ ތެރޭގައި ގްރީޒްމަންގެ އާއިލާއާ ބައްދަލުކޮށްފައެވެ.

comment ކޮމެންޓް