އެސްޓީއޯ: ދިގު މާޒީއަކާ އެކު އަދިވެސް ރައްޔިތުންގެ އެންމެ ގާތް މިތުރު

އެސްޓީއޯ ޓްރޭޑް ސެންޓަރު- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއީ މީގެ 53 އަހަރު ކުރިއެވެ. ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ފޯރުކޮށްދޭނޭ ނިޒާމެއް ގާއިމުކުރަން ސަރުކާރުން އުފެއްދި ކުންފުންޏަށް އޭރު ކިޔަނީ އަތިރީ މާފަންނު ޓްރޭޑިން އޭޖެންސީ (އޭޓީއޭ)ގެއެވެ. ފަހުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ނަމަށް ބަދަލުކުރި އެވެ. އޭގެ ފަހުން މިހާރު މިވަނީ 38 އަހަރުވެފަ އެވެ. ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި އެސްޓީއޯ ވަަނީ ތަފާތު މަރުހަލާތަކެއް ކަޑަތުކޮށްފަ އެވެ. ކުންފުނި ތަރައްގީކޮށް ކުރިއެރުވުމުގައި ބޮޑެތި ލަނޑުދަނޑިތަކެއް ހާސިލްކޮށްފަ އެވެ.

ރައްޔިތުންގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ ގޮތުގައި ހިންގަމުންދާ އެސްޓީއޯގެ އެންމެ ބޮޑު މަގްސަދަކަށް އަބަދު ވެސް ވެފައި އޮންނަނީ ގައުމުގެ ތަރައްގީއާ އިގްތިޞާދު ކުރިއަރުވައި، އާންމުންނަށް ބޭނުންވާ ޒަރޫރީ މުދަލުގެ ބާވަތްތައް ހެޔޮއަގުގައި ފޯރުކޮށްދިނުމެވެ.

އެސްޓީއޯ ހެޑް އޮފީސް

ޚިދުމަތް ފޯރުކޮށްދޭ މައިގަނޑު ދާއިރާތަށް

އެސްޓީއޯ އިން މައިގަނޑު ހަތަރު ދާއިރާއަކުން ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެ އެވެ. އެއީ ތެޔޮ، ކޮންސްޓްރަކްޝަން، ސިއްހީ އަދި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމެވެ. މި ދާއިރާތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި އެސްޓީއޯގެ ވިޔަފާރި މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފަ އެވެ. ރައްޔިތުން ބޭނުންވާ ޒަރޫރީ ބޭނުންތައް ފޯރުކޮށްދޭ ރައްޔިތުންގެ ކުންފުނި މިވަނީ ރައްޔިތުން އެތަކެއްޗަކަށް ބޭނުންވާނެ ގިނަ ހިދުމަތަކެއް ފޯރުކޮށްދޭ ކުންފުންޏަކަށްވެފަ އެވެ. އެސްޓީއޯގެ ދަށުން ގިނަ ސަބްސިޑަރީ ކުންފުނިތަކެއް އުފެދި ކުންފުނިވަނީ ވަރުގަދަ ވެފަ އެވެ. ރާއްޖޭގެ އާބާދީ ބޮޑު ބައެއް ސަރަހައްދުތަކުގައި އެސްޓީއޯގެ ފިހާރަތައް އެބަ ހުއްޓެވެ.

ޖޫން 17، 2015: އެސްޓީއޯ ސުޕަމާކެޓް ބޮޑުކުރުމައްފަހު އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާރުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެސްޓީއޯ އަބަދުވެސް އިސްކަމެއްދެނީ ރައްޔިތުންގެ ބޭނުންތަކަށް

އެސްޓީއޯއަކީ ރައްޔިތުންގެ ހިއްސާ އޮންނަ ސަރުކާރުގެ މައި ވިޔަފާރި ކުންފުންޏަށް ވުމާ އެކު އެސްޓީއޯ އިން އަބަދުވެސް އަންނަނީ ރައްޔިތުންގެ ބޭނުންތަކަށް ހާއްސަ އިސްކަމެއް ދެމުންނެވެ. ވިޔަފާރީގެ ފައިދާއަށްވުރެ ބޮޑަން އާންމުންގެ ޒަރޫރީ ބޭނުންތަކަށް އަބަދުވެސް އެސްޓީއޯ އިން ހާއްސަ އިސްކަމެއް ދެއެވެ.

އެގޮތުން ގޭތެރޭގައި ކާބޯތަކެތީގެ ޚިދުމަތުން ފެށިގެން، ގޭގައި ބޭނުންކުރާ ތަފާތު އާލާތްތަކާއި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށް ބޭނުންވާ ވަސީލަތްތައް ވެސް މި ކުންފުނީގެ ޚިދުމަތްތަކުގެ ތެރޭގައި ގުނައިލެވެ އެވެ. ޚާއްސަކޮށް އެސްޓީއޯ އިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭސްފިހާރަ ހުޅުވުމަށް ކުރިއަށް ގެންދިޔަ ބިޔަ މަޝްރޫއު ފާހަގަކޮށްލެވެ އެވެ.

އެސްޓީއޯ ހެންވޭރު ފާމަސީ: މިއީ މާލޭގައި ހުޅުވި އެސްޓީއޯގެ ދެވަނަ ބޭސްފިހާރަ -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

ސަން އަން މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސްފިހާރަތައް ހުޅުވައި ބޭނުންވާ ހުރިހާ ޒަރޫރީ ބޭހެއް ހުސްނުވެ އާންމުންނަށް ފޯރުކޮށްދިނުމަށް އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަަމުން އަންނަ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް އެ މަޝްރޫއު ނިންމާލެވުމަކީ ކާމިޔާބީއެއް ކަމަށެވެ.

އެ ކުންފުނިން ފޯރުކޮށްދޭ އެ ހިދުމަތަކީ ވާ ފައިދާއަށް ބެލުމަށް ވުރެ އާންމުންގެ ބޭނުންތަކަށް ވިސްނާފައިދޭ ހިދުމަތެއްކަމަށް ޝަހީރު ވިދާޅުވި އެވެ.

"ބައެއް ވިޔަފާރިތަކަކީ މާބޮޑަށް ވިޔަފާރިއަށް ބަލައިގެންދޭ ހިދުމަތްތަކެއް ނޫން. އަޅުގަނޑުމެން ބަލަނީ އާންމު ރައްޔިތުންނަށް ބޭނުންވާނެ ބައެއް ހިދުމަތްތައް ބޭނުންވާ ގޮތަކަށް ދިނުން،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯ އިން ގަބޫލުކުރާ ގޮތުގައި އެސްޓީއޯ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި އޮތުމަކީ ވެސް އޭގެ ސަބަބުން އާންމު ރައްޔިތުންނަށް އޭގެ އެތަކެއް ފައިދާ ތަކެއް ކުރާ ކަމެކެވެ. ބާޒާރުގައި ތަކެތީގެ އަގު އުފުލެމުން އަންނަ އައުން ވެސް އެސްޓީއޯގެ ސަބަބުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެންދާ ކަމަށް އެސްޓީއޯ އިން ގަބޫލުކުރެ އެވެ.

އެސްޓީއޯ ސުޕަރމާޓް --

އެސްޓީއޯއަކީ ސަރުކާރާއި ރައްޔިތުންގެ މައި ވިޔަފާރި ކުންފުނިކަމަށް ވުމުން، ރާއްޖޭގެ އެހެން ކުދި ވިޔަފާރި ތަކުގެ މައްޗަށް އަމިއްލަ ޒިންމާއެއް އޮންނަ ކަމަށް ވެސް އެ ކުންފުނިން ގަބޫލުކުރެ އެވެ. ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ޓަކައި އެސްޓީއޯ އިން އަންނަނީ ހާއްސަ، އަދި ލުއި ފަސޭހަ ގޮތަކަށް ކްރެޑިޓް ފެސިލިޓީސް ފޯރުކޮށްދީ ގާތް ގުޅުމެއް ކުދި ވިޔަފާރިތަކާއެކުގައި ބާއްވަމުންނެވެ.

ކުދި ވިޔަފާރި ތަކަށް ބެލިއަސް އާންމު ވަކިވަކި ފަރުދުންނަށް ބެލިކަމުގައި ވިޔަސް އެސްޓީއޯގެ ހިދުމަތެއް 24 ގަޑިއިރު ވެގެންދާއިރު ބޭނުން ނުކުރާ އެއްވެސް މީހަކު ހުރުމަކީ ވަރަށް ނާދިރު ކަމެކެވެ. އެސްޓީއޯ ވަނީ އެސްޓީއޯގެ ހިދުމަތާއި މުދަލުން ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދީފަ އެވެ.

ވިޔަފާރީގެ ދާއިރާގައި އެސްޓީއޯއަށް 53 އަހަރު

ރައްޔިތުންނަށް ބޭނުންވާ ހިދުމަތާއި މުދާ ފޯރުކޮށްދިނުމުގައި އެސްޓީއޯއަށް މިހާރު 53 އަހަރު ވީއެވެ. ފަންސާސް ތިން އަހަރުގެ ދިގު މުއްދަތުގައި އެ ކުންފުނިން ވަނީ ތަފާތު ކާމިޔާބީތަކާ އެކު ނަމޫނާ ކުންފުންޏެއްގެ ގޮތުގައި ގިނަބަޔަކު ބަލައިގަނެފަ އެވެ.

އެސްޓީއޯ ސުޕާމާޓް -- ސަންފޮޓޯ/ އަހުމަދު ޝަރުވާން

ވޭތުވެދިޔަ ދިގު މުއްދަތުގައި އެސްޓިއޯއަށް ލިބުނު ކާމިޔާބީތައް ފާހަގަ ކުރައްވައި ވާހަކަފުޅު ދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ، އެސްޓީއޯ އަށް 53 އަހަރު ވެފައިވާއިރު އެ ކުންފުންޏަކީ ވިޔަފާރީގެ މިންގަނޑުތައް ކަނޑައަޅަމުންދާ އަދި ބެސްޓް ޕްރެކްޓިސް ކޯޕަރޭޓް ގަވާނަންސްގެ ގޮތުންވެސް އެހެން ކުންފުނިތަކަށް ނަމޫނާ ކުންފުންޏެއް ކަމަށެވެ.

ޝަހީރު ވިދާޅުވީ، ވޭތުވެ ދިޔަ އަހަރުތަކުގައި ކުރި އެންމެ ބޮޑު އެއް މަސައްކަތަކީ ނުވަތަ ހޯދި ކާމިޔާބީއަކީ އެ ކުންފުނިން އިންސާނީ ވަސީލަތްތައް ބިނާ ކުރުމަށް ހިންގި ތަމްރީނު ޕްރޮގްރާމްތައް ކަމަށެވެ. ބޮޑު ހޭދައެެއްކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން، މިއަދު ގިނަ ބަޔަކު ރާއްޖޭގެ އެކި ކުންފުނިތަކުގައި އެކި ލެވެލްގައި މަސައްކަތްކުރަމުންދާކަން ޝަހީރު ފާހަގަ ކުރެއްވި އެވެ.

އެސްޓީއޯ ހެންވޭރު ފާމަސީ: މިއީ މާލޭގައި ހުޅުވި އެސްޓީއޯގެ ދެވަނަ ބޭސްފިހާރަ -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

ރާއްޖޭގެ ހުރިހާ ހިސާބެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯގެ ހިދުމަތް ދެމުން އައި ނަމަވެސް އެ ކުންފުނިވަނީ، އެ ކުންފުނީގެ ހިދުމަތްދޭ ހުރިހާ މަރުކަޒެއް ހާއްސަ ވިއުގައަކުން ގުޅާލައިފައެވެ. ޓެކްނޮލޮޖީގެ ދާއިރާއިން ފުރިހަމަ އެހީތެރިކަން ލިބިގަނެ، ކުންފުނި ހިންގުމުގެ ކަންކަންވެސް ވަނީ ވޭތުވެދިޔަ 53 އަހަރުގެ ތެރޭގައި ކުރިއަރާފަ އެވެ.

ވިޔަފާރީގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުން

ވިޔަފާރިއަކީ އަބަދުވެސް ތަފާތުގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ އެހެން ނަމަވެސް ހިންގަން ތިބޭ ބައެއްގެ ހުޝިޔާރުކަމާއެކީ ކުރިއަރައިދާ މަސައްކަތެކެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި އެސްޓީއޯއިންވެސް ވަނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލައިފަ އެވެ.

އެސްޓީއޯއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން ފާހަގަ ކުރައްވައި ޝަހީރު ވިދާޅުވީ، ކުންފުނީގެ ހިއްސާދާރުން ތިބޭއިރުގައި އަދި އާންމުންނަށް ވެސް ފަސޭހަކަމާ ހެޔޮ އަގުގައި މުދަލާ ހިދުމަތް ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެންގުޅުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"ކުންފުނީގެ ހިއްސާދާރުންތަކެއް ވެސް އެބަތިބި. އެހެން ވީމާ ހިއްސާދާރުންނަށް ބޭނުންވާނެ ރީޒަނަބަލް ރިޓާން އަކާއެއްކޮށް، ހަމަ އަނެއް ކޮޅުން އަޅުގަނޑުމެން އެބަ ދޭން ޖެހޭ އަޅުގަނޑުމެންގެ ހިދުމަތްތައް ވީހާ ވެސް ލުއިފަސޭހަ އަގުތަކެއްގައި. އެހެންވީމަ އަސްލު މިއަށް ގެންގުޅެން ޖެހޭ ބެލެންސް ގެންގުޅުމަކީ ވަރަށް އުނދަގޫކަމެއް،" ޝަހީރު ވިދާޅުވި އެވެ.

މޭ 30، 2017: އެސްޓީއޯގެ 2016ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުންފުނީގެ ހިއްސާދާރުންނަށް ފައިދާއާއި އާންމުންނަށް ވެސް ލުއިފަސޭހަކޮށް ހެޔޮ އަގުގައި ހިދުމަތް ދިނުމުގައި ގޮންޖެހުންތައް ދިމާވަމުން އައިނަމަވެސް އެސްޓީއޯ އިން އަންނަނީ މުވައްޒަފުންގެ ގާބިލުކަމާއެކީގައި ކުންފުނި ހިންގަމުންނެވެ. ކުންފުނީގެ ހިއްސާދާރުންނާއި އާންމު ރައްޔިތުން ވެސް ހިތްހަމަޖެހޭނެ ގޮތަށެވެ.

ހިދުމަތް ދިނުމުގައި ރައްޔިތުންނާ އެހެން ކުދި ވިޔަފާރިތަކުގެ ވެސް ގާތް ބައިވެރިއެއްގެ ގޮތުގައި ކުރިއަރަމުން އަންނަ އެސްޓީއޯގެ މިހާރުގެ މައިގަނޑު އަމާޒަކީ އެ ކުންފުނި އިތުރު އާ ދިމާލަކަށް ފުޅާ ކުރުމެއްނޫނެވެ. ނުވަތަ އެހެން އާ ދިމާލެއްގައި އިންވެސްޓްކޮށް ކުންފުނި ބޮޑު ކުރުމެއްވެސް ނޫނެވެ. އެސްޓީއޯގެ މިހާރުގެ އަމާޒަކީ މިހާރު އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ފެންވަރު ރަނގަޅު ކުރުމެވެ. އިންސާނީ ވަސީލަތްތަކާއި ލޮޖިސްޓިކްގެ ކަންތައްތަކާއި އިންފްރާސްޓްރަކްޗާ ބިނާކުރުމެވެ.

ޝަހީރު ވިދާޅުވީ، އެ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ނުކުރެވޭތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި މިހާރު އިސްކަންދެނީ ކުންފުނީގެ ސްޓޯރޭޖާއި ޓޭންކަރާއި އަދިވެސް އެހެން ވަސީލަތްތައް ފުރިހަމަ ކުރުންކަމަށް ކަމަށް ޝަހީރު ވިދާޅުވި އެވެ. އަދި އެކަންކަމުގެ ސަބަބުން ކުންފުންޏަށް ދިގު މުއްދަތުގެ ދެމެހެއްޓެނިވި ތަރައްގީއާއި ކުރިއެރުން އަންނާނެކަމަށް ޝަހީރު ވިދާޅުވި އެވެ.

"ކޯ ވިޔަފާރިތައް އިތުރަށް ރަނގަޅުކޮށް ބޭނުންވާވަރަށް ކެޕޭސިޓީ ބިލްޑް ނުކުރެވެނިސް އާ ދިމާލަކަށް ދާކަން މިވަގުތު ވިސްނުމެއް ނެތް." ޝަހީރު ވިދާޅުވި އެވެ.

comment ކޮމެންޓް