އެމެރިކާ، ޗައިނާ ކުންފުންޏަކުން ޓީއެމްއޭ 550 މިލިއަން ޑޮލަރަށް ގަތުމަށް ސޮއިކޮށްފި

-- ޓީއެމްްއޭގެ ސީޕްލޭންތަކެއް އިބްރަހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލްގައި. އެމެރިކާއާ ޗައިނާ ކުންފުންޏަކުން ވަނީ ޓީއެމްއޭ 550 މިލިއަން ޑޮލަރަށް ގަނެފައި--

ރާއްޖޭގައި ސީ ޕްލޭންގެ ހިދުމަތްދޭ ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ)، 550 މިލިއަން ޑޮލަރަށް ގަތުމަށް އެމެރިކާ އާއި ޗައިނާގެ ޖޮއިންޓް ވެންޗާ ކުންފުންޏަކުން ސޮއިކޮށްފި އެވެ.

އިކޮނޮމިކްސް ޓައިމްސް އިންޑިއާ އިން ބުނީ ޓީއެމްއޭގެ ހިއްސާ ގަތުމަށް ސޮއިކޮށްފައި ވަނީ މުޅިި ދުނިޔޭގައި ވެސް އެންމެ ފުޅާކޮށް ސީޕްލޭންގެ ހިދުމަތްދޭ އެމެރިކާގެ ބައިން ކުންފުންޏާއި އަދި ޗައިނާގެ ޓެމްޕަސް ގްރޫޕުން ކަމަށެވެ. ޓެމްޕަސްއަކީ ޗައިނާގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ޗެންޒަން ޓެމްޕަސް ގްލޯބަލް ޓްރެވަލް ހޯލްޑިންގްސްގެ އިތުރުން ޓީބީއާރުޖީ ފަންޑުވެސް ހިންގާ ގްރޫޕެކެވެ.

އިކޮނޮމިކްސް ޓައިމްސް އިން ބުނީ އެ ދެ ކުންފުނިން ޓީއެމްއޭ ގަތުމަށް ސޮއި ކޮށްފައި ވަނީ އާދިއްތަ ދުވަހު ކަމަށެވެ. އަދި ބުނީ އެ އެއްބަސްވުމުގެ ދަށުން އެ ދެކުންފުނިން ޓީއެމްއޭގެ 80 ޕަސެންޓް ހިއްސާ ގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބައިން ކެޕިޓަލް ޕްރައިވެޓް އިކުއިޓީ ފަންޑުގެ މެނޭޖިން ޑިރެކްޓަރު ޖޮނަތަން ޒޫ ވިދާޅުވީ، އެ ކުންފުނިން ސީޕްލޭން އިންޑަސްޓްރީ ރާއްޖޭގައި އިތުރަށް ކުރިއަރުވައި، ޓީއެމްއޭގެ މިހާރުގެ މެނޭޖްމަންޓާއި މުވައްޒަފުންނާ އެކު މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ބްލެކްސްޓޯން އިން 2013 ވަނަ އަހަރު ވަނީ އޭރު ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދެމުން އައި މޯލްޑިވިއަން އެއާ ޓެކްސީ އާއިި ޓްރާންސް މޯލްޑިވިއަން އެއާވޭސް 98 މިލިއަން ޑޮލަރަށް ގަތުމަށް ފަހު ދެ ކުންފުނި އެއްކޮށްލައިފަ އެވެ.

ބްލެކްސްޓޯންގެ ދަށުން ހިންގާ ޓީއެމްއޭ ކުންފުނިން މިހާރު ވެސް ދަނީ 48 ސީޕްލޭން ބޭނުންކޮށްގެން އަހަރަކު މިލިއަނެއްހާ ފަސިންޖަރުންނަށް ހިދުމަތް ދެމުންނެވެ.

comment ކޮމެންޓް