ރާއްޖޭގެ އިމްޕޯޓް ދަށްވެ އެކްސްޕޯޓް އިތުރުވެއްޖެ

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ/ ކަސްޓަމްސް

ފާއިތުވި ނޮވެންބަރު މަހު ރާއްޖެއަށް އިންޕޯޓްކުރި މިންވަރު ފަސް ޕަސެންޓް ދަށްވެ، އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން އިއްޔެ ނެރުނު މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ނޮވެންބަރު މަހު ރާއްޖެ އަށް އިންޕޯޓްކޮށްފައިވާ މުދަލުގެ އަގަކީ 3.1 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރު ނޮވެންބަރު މަހު އިމްޕޯޓްކުރި 3.2 ބިލިއަން ރުފިޔާއަށް ވުރެ ފަސް ޕަސެންޓް ދަށް އަދަދެކެވެ.

ރާއްޖެ އަށް މުދާ އެންމެ ގިނައިން އެތެރެކުރި ގައުމުތަކުގެ ތެރެއިން 23 ޕަސެންޓް އެތެރެކޮށްފައި ވަނީ ޔޫއޭއީ އިންނެވެ. އަދި ސިންގަޕޫރުން 13 ޕަސެންޓް، އިންޑިއާ އިން 13 ޕަސެންޓް، ޗައިނާ އިން އަށް ޕަސެންޓް އަދި މެލޭޝިއާ އިން އަށް ޕަސެންޓްގެ މުދާ މިދިޔަ ނޮވެންބަރު މަހު ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތައް ލިބިފައި ވަނީ 246 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު 252 މިލިއަން ރުފިޔާއަށް ވުރެ ދެ ޕަސެންޓް ދަށް އަދަދެއް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓްކުރި މުދަލުގެ އަދަދަކީ 386 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެއީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެކްސްޕޯޓްކުރި 194 މިލިއަން ރުފިޔާއަށް ވުރެ 99 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެ އިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ ނޮވެންބަރު މަހު އެކްސްޕޯޓް ކުރި މުދަލުގެ 36 ޕަސެންޓް އެކްސްޕޯޓްކޮށްފައި ވަނި ތައިލެންޑަށް ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި ފަރަންސޭސި ވިލާތް، އެމެރިކާ އަދި އިނގިރޭސިވިލާތަށް އެކްސްޕޯޓްކޮށްފައި ވަނީ، އެކްސްޕޯޓް ކުރި މުދަލުގެ 10 ޕަސެންޓް ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

comment ކޮމެންޓް