ރާއްޖެ-މެލޭޝިޔާ: ބައިގަރުނުވީ އިސްލާމީ އަދި އިގްތިސާދީ ގުޅުމެއް

މިދިޔަ މާޗު މަހު ރައީސް ޔާމީން މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރު ނަޖީބު ރައްޒާގާ އެކު --

މެލޭޝިޔާއަކީ އިސްލާމީ ސަރުކާރެއް އޮންނަ ގައުމުގެ އާބާދީގެ އަޣުލަބިއްޔަތު މުސްލިމުން ހިއްސާކުރާ ގައުމެކެވެ. ރާއްޖެ އާއި މެލޭޝިއާގެ ގުޅުމަށް ބަލާއިރު އެ ގުޅުން އުފެދިގެން އައީ 1968 ވަނަ އަހަރު އެވެ. އެ ގުޅުމަށް 49 އަހަރު ފުރިގެން ދިޔައިރު މިއަދު ރާއްޖެ އަދި މެލޭޝިޔާއަކީ އިސްލާމީ ގޮތުން ވެސް އަދި އިގްތިސާދީ ގޮތުން ވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ.

މެލޭޝިޔާ އަދި ރާއްޖޭ ދެ ގައުމަކީ ވެސް މުސްލުމުން އުޅޭ ގައުމަކަށްވާތީ ދެ ގައުމުގެ ޘަގާފަތްތައް ވެސް ބައްޓަންވެފައި ހުންނަނީ ދާދި އެއްގޮތަކަށެވެ. ދެ ގައުމުގެ ގުޅުން މިހާ ހިސާބަށް އައިއިރު ވެސް ބަދަހިކަމާ އެކު އޮތީ އެ ކަންތައްތަކުގެ ސަބަބުންނެވެ. މެލޭޝިޔާ އިން އަބަދު ވެސް ރާއްޖެ އަށް އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެ އެވެ. އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދެނީ ތައުލީމީ ދާއިރާއިންނާއި އިގްތިސާދީ އެކިއެކި ދާއިރާއިންނެވެ.

ރައީސް ޔާމީން މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވަނީ --

ވިޔަފާރި އަދި އިގްތިސާދީ ގުޅުމަށްބަލާ އިރު ވޭތުވެ ދިޔަ 49 އަހަރު މެލޭޝިޔާއަކީ ވިޔަފާރި އާއި އިގްތިސާދުގެ މުހިންމު ބައިވެރިއެކެވެ. މެލޭޝިޔާ އަކީ ދިވެހިރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ އެއް ގައުމެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ ތަކެތި އެތެރެކުރާ ގައުމުތަކުގެ ލިސްޓުން ފަސް ވަނަ ލިބެނީ މެލޭޝިޔާ އަށެވެ.

ދިވެހިން ބޭސްފަރުވާ އަދި ޗުއްޓީ ހޭދަކޮށްލަންދާ މަންޒިލުތަކުގެ ތެރެއިން މެލޭޝިޔާއަކީ މަގުބޫލު މަންޒިލެކެވެ. މެލޭޝިޔާގެ އެއާލައިނަކުން ރާއްޖެއަށް މިހާރު ވެސް ދަތުރުކުރަމުންދެ އެވެ. މީގެ 23 އަހަރު ކުރިން 1994 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއާ ސާވިސަސް އެގްރިމެންޓުގެ ދަށުން އެ ގައުމުގެ އެއާލައިންތައް ރާއްޖެއަށް ދަތުރުކުރާ އިރު އަންނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވުމާ އެކު އެ އަދަދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.

މެލޭޝިއާގައި ކުރިއަށްދިޔަ ސްޓަޑީ ޓުއާގައި ބައިވެރިވާ ސްކޫލްތަކުގެ އިސްވެރިންނާ އެކު އެބޭފުޅުން ޒިޔާރަތްކުރި ސްކޫލެއްގެ އޮފިޝަލުން ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖެ އާއި މެލޭޝިޔާގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔައީ މިދިޔަ އަހަރު ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. އެ ދަތުރުގައި މަޝްވަރާ ކުރި މުހިންމު ކަންކަމަށް ބަލާއިރު މެލޭޝިޔާގެ ގައުމީ ތެޔޮކުންފުނިން ރާއްޖެ އަށް އަލުން ސާފުކުރި ތެޔޮ ފޯރުކޮށްދިނުމުގެ މަސަކަތްތައް ފެށުމަށް ވާހަކަ ދައްކައި އެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.

އަދި އެ ގައުމުގައި ކުރިއަށްގެން ދިޔަ މަޝްވަރާތަކަށް ފަހު ރައީސް ޔާމީން މިދިޔަ އަހަރު ވިދާޅުވީ އެއްގައުމު އަނެއް ގައުމަށް ޓެކްސްދައްކަން ނުޖެހޭ ގޮތަށް، އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން އެގްރީމެންޓެއްގައި ރާއްޖެއާ އެކު ސޮއިކުރުމަށް މެލޭޝިޔާ އިން ވެސް ބޭނުންވާ ކަމަށެވެ. އަދި ސަރުކާރުން ބުނެފައި ވަނީ މިހާރު ވެސް އެ ފަދަ އެގްރީމެންޓްއެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.

ރައީސް ޔާމީން މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ ދަ ސްޓާ

މިއަދު މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބު ބިން ތުން ހާޖީ އަބްދުލްރައްޒާގު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު މިއީ މީގެ ކުރިން މެލޭޝިޔާގައި ކުރިއަށް ދިޔަ ބައެއް މުހިންމު މަޝްވަރާތަކަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށް ގަބޫލުކުރެވެ އެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިއަދުގެ ހަވީރު ވަގުތެއްގަ އެވެ.

comment ކޮމެންޓް