ބާސާއިން ރެއާލްގެ މައްޗަށް 11 ޕޮއިންޓުގެ ލީޑެއް

ސްޕެނިޝް ލީގުގައި ޑިޕޯޓިވޯ ލަ ކޮރޫނާއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ތެރޭން. 4-0 ލަނޑުން ބާސާ މޮޅުވި މެޗުގައި އެޓީމަށް ލަނޑު ޖަހައި ދިނީ ލުއިސް ސުއަރޭޒް 2 ލަނޑު އަދި ޕައުލީނިއޯ 2 ލަނޑު-- ފޮޓޯ: ގެޓީ

ލުއިސް ސުއަރޭޒާއި ޕައުލީނިއޯގެ ލަނޑު ތަކާއެކު 4-0ގެ ނަތީޖާއަކުން ޑިޕޯޓިވޯ ލަ ކޮރޫނާ ބަލިކޮށް ބާސެލޯނާއިން ސްޕެނިޝް ލީގުގައި، ވާދަވެރި ރެއާލް މެޑްރިޑްގެ މައްޗަށް 11 ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

ބާސާގެ ދަނޑުގައި އާދީއްތަ ދުވަހު ލަ ކޮރޫނާއާ ދެކޮޅަށް ކުޅުނު ލީގު މެޗުގައި ސުއަރޭޒް 2 ލަނޑު އަދި ޕައުލީނިއޯގެ ފަރާތުން ވެސް 2 ލަނޑު ފެނިގެން ދިޔަ މި މެޗުގައި ލިއޮނަލް މެސީއަށް ވެސް ވަނީ ލަޑު ޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އާނެސްޓޯ ވަލްވާޑޭގެ ބާސާއިން މިހާތަނަށް ލީގުގައި 16 މެޗު ކުޅެފައި ވާއިރު، ލީގު ތާވަލުގެ އެއްވަނައިގައި އެޓީމު އޮތީ، 42 ޕޮއިންޓާއެކު އެވެ. ބާސާއަށް ވުރެ އެއް މެޗު މަދުން ކުޅެ، ތާވަލުގެ ހަތަރު ވަނައިގައި އޮތް ރެއާލަށް ލިބިފައި ވަނީ 31 ޕޮއިންޓެވެ.

އަންނަ ހޮނިހިރު ދުވަހު، ރެއާލްގެ ސަންތިއާގޯ ބެރްނަބެއޫގައި ބާސާއާ ރެއާލްގެ ކުރިމަތިލުމަށް ދެ ޓީމުން ވެސް ތައްޔާރު ވަމުން ދާއިރު، ރެއާލުން ވަނީ، މިދިޔަ ހޮނިހިރު ދުވަހު ޔޫއޭއީގައި ކުޅުނު ފީފާ ކްލަބު ވޯލްޑް ކަޕް 2017ގައި ބްރެޒިލްގެ ގްރެމިއޯ އަތުން 1-0 ލަނޑުން މޮޅުވެ އެ މުބާރާތް ތިން ވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ.

ކްލަބް ވޯލްޑް ކަޕް ފައިނަލް މެޗުގައި ފެނުނު ހަމަ އެކަނި ލަނޑު، އެ މެޗުގެ ދެވަނަ ހާފްގައި ރެއާލަށް ކާމިޔާ ކޮށްދިނީ، އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން 53 ވަނަ މިނިޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

comment ކޮމެންޓް