ކަކާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އޭސީ މިލާނާއި ރެއާލް މެޑްރިޑްގައި ވިދާލި ބްރެޒިލްގެ ވޯލްޑް ކަޕް ތަރި ކަކާ ވަނީ އުމުރުން 35 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައި -- ފޮޓޯ: ގެޓީ

ރެއާލް މެޑްރިޑް އަދި އޭސީ މިލާންގެ ބްރެޒިލް ލެޖެންޑް ކަކާ އުމުރުން 35 އަހަރުގައި ފުޓްބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލައިފިއެވެ.

ބްރެޒިލަށް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޓީމުގައި ހިމެނުނު ކަކާ، އެންމެ ފަހުން ކުޅެފައިވަނީ، އެމެރިކާގެ އެމްއެލްއެސްގެ ކްލަބެއް ކަމަށްވާ އޯލެންޑޯ ސިޓީއަށެވެ.

އޮކްޓޫބަރު މަހުގެ ތެރޭގައި އޯލެންޑޯއަށް ސިޒަން ނިމިފައި ވާއިރު، ނޮވެމްބަރު މަހުގެ ތެރޭގައި އޭސީ މިލާނުން އޭނާއަށް ސްޕޯޓްސް ޑައިރެކްޓަރެއްގެ ރޯލް ހުށަހަޅާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަކާ އަކީ 2007 ވަނަ އަހަރުގެ ފީފާ ބެލަންޑޯ އެވޯޑް އަދި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ -- ފޮޓޯ: ބްރެޒިލް ފުޓްބޯލް ކޮންފެޑެރޭޝަން

ކަކާއަކީ، ވޯލްޑް ކަޕް، ޔޫރަޕިއަން ކަޕް/ ޗެމްޕިއަންސް ލީގު އަދި ބެލޮންޑިއޯ، ތިން ޓްރޮފީ ހާސިލް ކުރި އަށް ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

ލަނޑު ޖެހުމާއި، މޮޅު އެސިސްޓް ތަކާއި އޭނާގެ ކޮށްޓުމުގެ މޮޅު ހުނަރުތަކުގެ ސަބަބުން މަޝްހޫރުކަން ހޯދި ކަކާ، ފުޓްބޯޅަ ކެރިއަރު ފެށީ ބްރެޒިލްގެ ސައޮ ޕޯލޯއިންނެވެ. އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 92 މެޗު ކުޅެ 29 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ކަކާގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނިގެން ގޮސްފައި ވަނީ، 2003 އިން 2009 އަށް އޭނާ މިލާނުގައި ހޭދަކުރި ހަ އަހަރު ދުވަހުގެ ތެރޭގައެވެ. 2007 ވަނަ އަހަރު ކަކާ ވަނީ މިލާނާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ބެލޮންޑިއޯ އަދި އެ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

އޯރލެންޑޯ ސިޓީ ސްޕޯޓްސް ކްލަބާ އަތުން 3-1 ލަނޑުން ނިއު ޔޯކް ރެޑް ބުލްސް މޮޅުވި މެޗުގެ ތެރޭން --

ދުނިޔޭގެ ރެކޯޑް އަގަކަށް (56 މިލިއަން ޕައުންޑަށް) ރެއާލް މެޑްރިޑަށް ކަކާ ބަދަލުވީ 2009 ވަނަ އަހަރުއެވެ. 2011 ވަނަ އަހަރު ކަކާ ވަނީ ރެއާލްގައި ކޮޕާ ޑެލްރޭ ކާމިޔާބުކޮށް އޭގެ އަހަރެއް ފަހުން، ލަ ލަލީގާ ޓްރޮފީވެސް އުފުލައިލައިފައެވެ.

ކަކުލު ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށް ފަހު، 2013 ވަނަ އަހަރު ކަކާ ވަނީ މިލާނުގައި ސީޒަނެއް ހޭދަކޮށްފައެވެ. އޭނާ އޯލެންޑޯ ސިޓީއާ ގުޅުނީ 2014 ވަނަ އަހަރުއެވެ.

ކަކާ ބުނީ، މިހާރު އޭނާއަށް އުންމީދުކުރި ވަރަށް ވުރެ އިތުރަށް ވެސް ފުޓްބޯޅަ ކުޅުމުގައި ކުރިއަށް ދެވިއްޖެ ކަމަށާއި ދެން އޮތީ، ފުޓްބޯޅައިގެ ދާއިރާގައި އެހެން ދަތުރެއްގެ ފެށުން ކަމަށެވެ.

ކަކާ ބްރަޒިލްގެ ޤައުމީޓީމުގައި ލަނޑު ޖެހުމަށް ފަހު އުފާކުރަނީ --- ފައިލް ފޮޓޯ/ ބްލީޗާ ރިޕޯޓް

"އަހަރެން ފުޓްބޯޅައިގައި ކުރިއަށް ދާނަން، އެކަމަކު އެހެން ދައުރެއް ދެން އަދާކުރާނީ. ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެއް ދެން ނުފެންނާނެ،" ކަކާ ބުންޏެވެ.

"އަހަރެން ދެން ބޭނުންވަނީ ކްލަބެއްގެ މެނޭޖަރު ނުވަތަ ސްޕޯޓިން ޑައިރެކްޓަރު ފަދަ މަގާމެއް- ދަނޑާ ކްލަބާ ދެމެދު މަސައްކަތްކުރާ ވަޒީފާއެއް."

ކަކާ ބުނީ، ކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބުތަކެއް ހޯދިފައި ވީ ނަމަވެސް ޓީމެއް މެނޭޖް ނުކުރެވޭނެ ކަމަށާއި އެހެންކަމުން މިހާރު އޭނާ ބޭނުންވަނީ، އެކަންކަން ރަނގަޅަށް ދަސްކުރާން ކަމަށެވެ.

comment ކޮމެންޓް