ދެކުނަށް ކުރަމުންދާ ވިއްސާރާގައި ވިލިނގިލީގައި ފެންބޮޑުވެއްޖެ

ގއ. ވިލިނގިލީގައި ފެންބޮޑުވެފައި--- ފޮޓޯ/ ގއ. ވިލިނގިލި

ދެކުނުގެ ރަށްތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގއ. ވިލިނގިލީގައި ފެންބޮޑުވެއްޖެ އެވެ.

ވިލިނގިލީ ކައުންސިލަރުގެ ރައީސް މުސްތަފާ މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ރަށުގައި ފެންބޮޑުވެފައިވާ ކަމަށާއި މިހާރު ކޮންމެވެސް ވަރަކަށް ރަށުން ފެން ހިންދާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިވަގުތަށް ވާރޭ ވެހުން ހުއްޓާލާފައިވާ ކަމަށާއި އެހެން ނަމަވެސް މިހާރު ވެސް ބައެއް ގޭތަކަށް ފެންވަދެފައިވާ ކަމަށާއި ބައެއް ގޭތަކަށް ކުދި ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މިހާރު ރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖަންކްޝަންތަކުން ނަޖިސް ބޭރަށް ނުކުތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގޭގެއަށް ނަޖިސްފެން ވަދެފައި ހުރީ. ޕަމްޕް ސިސްޓަމްސް ވެސް އެއްކޮށްހެން ހަލާކުވެފައި. ނަރުދަމާ ނިޒާމު ވެސް ހަލާކުވެގެން އެ ދަނީ. އަޅުގަނޑު ނަންގަތިން ވެރިންނަށް ވެސް. މިއަދު ވެސް ވެރިއަކަށް ގުޅިން. ނަމަވެސް ޖަވާބެއް ނުދެއްވާ. މެސެޖަކުން އޭނާ ދެންނެވި އަޅުގަނޑުމެން އެކަންތައްތައް އެބަ ބަލަމޭ،" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ ފެން ހިންދުމުގެ މަސައްކަތް ކުރަނީ އާއްމު ރައްޔިތުން ކަމަށެވެ.

"އެމްއެންޑީއެފް އަށް ވެސް އެންގިން. އެކަމަކު އެ މީހުން ތިބީ ތިނަދޫގައިި. އެހެންވެ އަޅުގަނޑުމެން ބުނިން ސީރިއަސް ހާލަތެއް މެދުވެރިވެއްޖެ ނަމަ އަންގާލާނަމޭ،" އޭނާ ވިދާޅުވި އެވެ.

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި މޫސުމާ ބެހޭ ގައުމީ އިދާރާ( މެޓް އޮފީސް) އިން ވަނީ މެދު ރާއްޖޭގެ އަތޮޅުތަކަށާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފަ އެވެ.

comment ކޮމެންޓް