އަހަރެން ފިކުރާވި އިސްލާމްދީން: އިސްލާމްދީން- މުޢުޖިޒާއަކާ ނުލައި

ހައްޖު ދުވަސް --- ފޮޓޯ: އޭޕީ

މުޢުޖިޒާއަކާ ނުލައި އެންމެ ބޮޑު މުޢުޖިޒާއެއް ދެއްކެވި ނަބިއްޔާއެވެ!

ދީނީ ލިޑަރުންނަށް އިތުބާރުކުރުމަކީ ޢާއްމުންނަށް މާފަސޭހަކަމެއްނޫނެވެ. ކުރީއްސުރެ އެމީހުން ޤަބޫލުކުރަމުން އަންނަ ޤަބޫލުކުރުންތަކާ އިންޤިލާބީ ދީނީ ލީޑަރުން ދެއްވާ ދައުވަތާ ތަފާތުވާތީއެވެ. އެހެންކަމުން ދީނީ ވަރަށް ގިނަ ލީޑަރުން ވަނީ އާދަތައް ފޫވައްޓައިފަނިވި އަޖާއިބުތައް ދައްކަވައިފައެވެ. ޢާއްމުންގެ އަޖާއިބުތަކަށް ލޯބިކުރާ ސިކުނޑިތައް އެކަންތައްތައް ފެނުމުން އެބޭކަލުންނަށް އިތުބާރުކުރާން ފަށައެވެ.

ވަރަށްގިނަ މަޒްހަބުތަކެއްގައި ކަލަކުވޮޑިގެންވާކަން ޤަބޫލުކުރުމުގެ ޢަޤީދާވެސް ބިނާވެފައި އޮންނަނީ މިދެންނެވި އާދަތައް ފޫވައްޓައިލާފަދަ އަޖާއިބުތަކުގެ ބިންގަލުގެ މަތީގައެވެ. އިންސާނާ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ހެޔޮލަފާ މީހުންނަށް ތާއަބަދުގެ ބާއްޖަވެރިކަމުގެ މައްޗަށް ބިނާވެފައިވާ ހަޔާތެއް ލިބޭނެއެވެ. ނުބައި ނުރަގަނޅު މީހުންނަށްޓަކައި މިންވަރުކުރައްވައިފައިވަނީ ތާއަބަދު ގެއްލުމާއި ހަލާކެވެ. ކުށުން އެއްކިބާވެހުރެ ހެޔޮލަފާ ދިރިއުޅުމެއް ޚިޔާރުކުމުގެ މަގުގައި އަޒުމާއި ޔަޤީންކަމާއެކު ކުރިޔަށް ދިޔުމުގެ އެކަށޭނަކަން އިންސާނާއަށް ލިބޭނީ މިޙަޤީޤަތްތައް ޤަބޫލުކުރުމުންނެވެ.

އަޅުގަނޑުމެންނަށް ފެނިފައިވަނީ އިސްވެދެންނެވި ޙަޤީޤަތްތައް އިންސާނުންގެ ހިތްތަކަށް ވައްދައިދިނުމުގެ މަޤްޞަދު ހާޞިލުކުރުމަށްޓަކައިވެސް ޢާއްމު ފިޠުރީ އުސޫލުތަކަށް ވުރެ ބޮޑަށް ފިޠުރަތަށްވުރެ މަތީގައިވާ ބާވަތް ބާވަތުގެ ގޮތްތައް އިޚްތިޔާރުކޮށްފައިވާ ތަނެވެ. ޕުރާންތަކާއި، ވެދުތަކާއި، މުސްކުޅި ޢަހްދުނާމާ (ތައުރާތު) އާއި، އައުޢަހްދުނާމާ (އިންޖީލް) އިންވެސް ފެންނަނީ އެކަމެވެ.

މިފަދަ އަޖައިބުތައް ދެއްކެވުމުން އެއްކިބާވެވަޑައިގެން ހުންނަވައި ކުށެއްނެތް ސާފުތާހިރު ޙަޔާތްޕުޅެއް ވޭތުކުރެއްވި މަންޒަރު ފެންނަނީ ހަމައެކަނި އިސްލާމްދީނުގެ މާތް ނަބިއްޔާގެ ޙަޔާތްޕުޅުންނެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުންވެސް ތަކުރާރުކޮށް މުޢުޖިޒާތަކަށް އެދެވުނެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޖަވާބުގައި ހުށަހެޅުއްވީ ކީރިތި ޤުރުއާނެވެ. ލޮލަށް ފެނި ހާމަވާ މުޢުޖިޒާތަކުގެ ބަދަލުގައި ޢިލްމާއި، ޙިކުމަތާއި، ވިސްނައިފިކުރުމުގެ މަގަށް ދައުވަތުދެއްވި އިންޤިލާބީ ޝަޚްޞިއްޔަތަކީ ހަމައެކަނި އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ހަޔާތްޕުޅަށް ބަލައިލަމާ ހިންގަވާށެވެ. އެމާތް ސާހިބާ އަކީ ދީނީ ޤާއިދަކަށް ވެވަޑައިގަތުމުގެ އިތުރަށް ހަނގުރާމައިގެ މައިދާނުގައި މުސްލިމުންގެ ކޮމާންޑަރ އިން ޗީފެވެ. އާދެ، ވަޢުޡާއި ނަސޭހަތްދެއްވާ ބަސްމޮށުންތެރި ނާސިހެވެ. ކަންކަމުގެ އެކޮޅުމިކޮޅު ނިކަން ރަނގަޅަށް ދެނެވަޑައިގަންނަވާ މަތިވެރި މުދައްބިރެކެވެ. ޙާކިމެކެވެ. މަގުދައްކަވާ ހާދީއެކެވެ. ކޯފާމަޑު މުދައްރިސެކެވެ. މިހުރިހާ ޙައިޘިއްޔަތަކުންވެސް އިތުރު ސާހިބާގެ ޝަޚްޞިއްޔަތުން ފެންނަނީ ވަރަށް ރީތި އެހާމެ ވަޒަންހަމަ ފުރާފުރިހަމަ ވުމެކެވެ. ހުރިހާ ޤާބިލިއްޔަތުތަކެއް ނުހަނު އޮމާންކޮށް އެކުވެފައިވާތީއެވެ.

ބަދުރުގެ މައިދާނަށްބެލިކަމުގައި ވިޔަސް ޤައިނުޤާޢުވަންހައިގެ މީހުން ޙިޞާރުކުރެއްވުމުގައި ވިޔަސްވެސްވެހެވެ. ޣަޒުވަތުއްސަވީޤު އާއި، އުޙުދު ހަނގުރާމަޔަށް ނަޒަރު ހިންގިކަމުގައި ވިޔަސްމެއެވެ. ޚައިބަރު ހަނގުރާމަ އާއި ތަބޫކު ހަނގުރާމަޔާ މެދު ފިކުރުކޮށްލިކަމުގައިވިޔަސްމެއެވެ. މިއިން ކޮންމެ މައިދާނަކުންވެސް އިތުރުސާހިބާގެ ޝަޚްޞިއްޔަތު ފެނިގެން އަންނަނީ ދުރަށް ވިސްނުންފުޅު ފޯރުއްވެވޭ އަދި ނުހަނު ރޯފިލާ އަދި އެހައިމެ އަޒުމުފުޅުވަރުގަދަ ހިތްވަރުފުޅުގަދަ ރޭއްވެވުންތައް މޮޅު ޖެނެރަލެއްގެ ޙައިޘިއްޔަތުންނެވެ. ދީނީ ޒައީމެއްގެ ގޮތުންނާއި އަސްކަރީ ކޮމާންޑަރެއްގެ ގޮތުން ބަލާއިރު މިދެފަންނުގެވެސް އެންމެ ފުރިހަމަ އެންމެ ޤާބިލު ޒަޢީމުގެ ޙައިޘިއްޔަތުން ފާހަގަކުރެވޭ ދެވަނަ މިސާލެއް އެމާތް ސާހިބާ ނޫނީ ނެތެވެ.

ޖިހާދާއި، ހަނގުރާމައިގެ ފަންނުގައިވެސް އިތުރުސާހިބާ ފެންނަނީ އެންމެ ކުޅަދާނަފުޅު މާހިރުގެ ހައިޘިއްޔަތުންނެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ އީމާނާއި ޢަޤީދާގެ ބިންގަލުގެ މަތީގައި އެމާތް ސާހިބާގެ ޞަޙާބީންގެ ޝަޚްޞިއްޔަތުގައި އުފައްދަވައިދެއްވި ހިތްވަރުފުޅާއި، ކެރިވަޑައިގެންނެވުމާއި، ދުރު ވިސްނައިވަޑައިގަތުމުގެ ޤާބިލިއްޔަތަކީވެސް ތާރީޚުގައި ރަންކުލައިން ފަވައިލެވިފައިވާ މަސައްކަތްޕުޅެކެވެ. (މިޒަމާނުގެ މުއައްރިޚުން އިތުރު ސާހިބާގެ ތަރުބަވީ މަދަރުސާ ސިފަކުރައްވަނީ ބަތަލުންގެ ނާސަރީއެއްގެ ގޮތުގައެވެ.)

އިތުރު ސާހިބާ ހަނގުރާމަކުރެއްވީ ރަށްތައް ހިއްޕަވައި ޤައުމުތައް އަޅުވެތިކުރެއްވުމުގެ އެދުންފުޅުގައެއްނޫނެވެ. އިދިކޮޅު ފަރާތްތައް އުއްޑުން ޖައްސަވައި ލެއްވުމުގެ މުހުތާދުފުޅުގައެއްވެސް ނޫނެވެ. އިތުރުސާހިބާގެ އަމާޒުފަތްގަނޑަކަށް ހެއްދެވީ ޙައްޤު މަތިވެރިކުރެއްވުމެވެ. ޙައްޤު ދީނުގެ ދައުވަތަށް މަގުހުޅުއްވައިލެއްވުމެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ މުސްލިމުންގެ އަސްކަރީ ޙަރަކާތްތަކަށް ދެއްވީ ޖިހާދުގެ ނަމެވެ. ގަދައަޅައި މަސައްކަތްކުރުމުގެ ނަމެވެ. އެޖިހާދުގައި ތިމާމެންގެ ފުރާނަތައް އެފުރާނަތަކުގެ ވެރިފަރާތާ ޙަވާލުކުރައްވާ ހިތްވަރުފުޅުގަދަ ބަޠަލުންނަށް ދެއްވީ ޝަހީދުންގެ ލަޤަބެވެ. ޝަހީދުންނަކީ ތިމާމެންގެ ފުރާނަތައް ޤުރްބާންކޮށްގެން ޙައްޤަކީ ޙައްޤުކަމަށް ހެކިދޭ މީހުންނެވެ. އިތުރުސާހިބާ އިރްޝާދުދެއްވި ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ބިރުގަނެ ފިނޑިވުމާއި، ދުނީގެ ވާރޭގެ ސަބަބުން ފުރަގަސްދީފައި ފިލައިގެން ދިޔުންވާނީ ނަރަކަވަންތަވެރިކަމުގެ ސަބަބުތަކުގެ ތެރޭގައެވެ. އާދެ، މިއީ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޖިހާދާ ބެހޭގޮތުން ދެއްވައިފައިވާ މަތިވެރި ދަރުސުތަކެވެ. ފިލާވަޅުތަކެވެ. ނަތީޖާއެއްގެ ގޮތުން އިތުރުސާހިބާގެ ޞަޙާބީންވަނީ ފިސާރިކެރިވަޑައިގެން ތިއްބަވައި ޙައްޤުގެ ދީނުގެ ދިދަ ހިއްޕަވައިގެން ސްޕޭނާއި ޗައިނާއާ ދެމެދު ފެތުރިވަޑައިގެންފައެވެ. (އެދުވަސްވަރު މުސްލިމުންގެ ދިދަޔަކަށް އިރެއް ނުއޮއްސެއެވެ. ނާކާމިޔާބީގެ މޫނު ދުށުމަކީ މުސްލިމުން ކުރާންޖެހުނު ކަމެއް ނޫނެވެ.) މުސްލިމުންގެ އިރުމެދުންލަނބައިލީ ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އިރްޝާދުފުޅުތަކާމެދު ފަރުވާކުޑަކޮށްލުމުންނެވެ.

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަޔާތްޕުޅުގައި ރޯމަން އެމްޕަޔަރަކީ ވަރަށް ވަރުގަދަ ވަރަށް ބޮޑުބާރެކެވެ. ނަމަވެސް ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބިރުފުޅުކުޑަކަމާއި ގުޑުމެއްނާރާ ޔަޤީންކަމުގެ ކުރިމަތީގައި ރޯމަނުންގެ ގަދަފަދަ ބާރަކަށް ހިފަހައްޓައެއްނުލެވުނެވެ. އެކަމަކު ކައުސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަކީ ވާދީތެރޭގެ ރަށެއްކަމުގައި މައްކާގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ބޭކަލެކެވެ. ސަހަރާގެ ތެރޭގައި ބޮޑުފުޅުވި ފަޤީރުފުޅު ބޭކަލެކެވެ. އިންސާނިއްޔަތު ދުށް އެންމެ މަތިވެރި ޤާއިދުކަމުގައި ވެވަޑައިގަތީ އެމުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. އެހެންވީއިރު މުއުޖިޒާއަކީ ހަމައެކަނި މީހަކު ދައްކާ އާދަތައް ފޫވައްޓައިލާފަދަ އަޖާއިބު ކަންތައްތަކެއްބާވައެވެ؟ މުޢުޖިޒާއަކީ މިއީ ނޫންބާވައެވެ؟

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ރޫމީންގެ ގޮންޖެހުންތައް ޤަބޫލޫކުރައްވައި އަސްކަރީ މައިދާނަށް ނުކުމެވަޑައިގެންނެވިއިރު ހަނގުރާމައިގެ ހަތިޔާރުގެ ގޮތުންވެސް މުސްލިމުންތިބީ ވަރަށް ދެރަވަރުކޮށެވެ. ހަނގުރާމަމަތީ އަސްތަކުގައި އަޅުވާނެ ހަމުގެ ލަގަނެއްހައިވަރުވެސް މުސްލިމުންނަކަށް ނުލިބެއެވެ. މުސްލިމުން އަހުގައި ލަގަންއަޅުވައި އުޅުނީ ފޮތިވީދައިގެން ފޮތީންނެވެ. ހަތިޔާރުގެ ގޮތުން މުސްލިމުންގެ ކިބައިގައި މިހައިވެސް ފޯރުންތެރިކަމެއްނެތެވެ. އަނެއްކޮޅުން ރޯމަނުންގެ ބޮޑު ޝަހެންޝާހިއްޔަތު އޮތީ ހުރިހާ ބާވަތެއްގެ ޒަމާނީ އައު ހަތިޔާރުތަކުން ހަތިޔާރު އަޅައިގެންނެވެ. ކުރިމަތިލުން ހިނގީމިހައިވެސް ތަފާތު ދެބައެއްގެ ދެމެދުގައެވެ. ނަމަވެސް މަތިވެރި އުސޫލުތަކަށް ފުރިހަމަ ޔަޤީންކަން ބާއްވަވާ މާތްނަބިއްޔާ އާއި އެމާތް ސާހިބާގެ ޞަޙާބީން ރޫމީންނާ ކުރިމަތިލެއްވިއެވެ. މާތްﷲއަށް ވަކީލުކުރައްވައިގެންނެވެ. ކާމިޔާބު ހޯއްދެވީ އެބޭކަލުންނެވެ.

އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމައަކީ އެމާތްސާހިބާގެ ޝަޚްޞިއްޔަތާމެދު އެއްދިމާޔަކުން ނަޒަރުހިންގާއިރު އެމާތް ސާހިބާއަކީ އަރަބިކަރައާއި، އެކަރައިގެވަށައިގެން ހުރި ތަންތާނގެ ކާމިޔާބު ވެރިޔާއެވެ. ނަމަވެސް އެމާތްސާހިބާގެ ދިރިއުޅުއްވުން ހުރީ އެހެނިހެން ރަސްރަސްކަލުންނާއި އަމީރުންގެ ދިރިއުޅުއްވުން ހުންނަ ގޮތަކަށެއް ނޫނެވެ. ދުނިޔެ އަޅައިފައި ތިބޭ ރާހިބުންނަށްވުރެވެސް އެމާތް ސާހިބާގެ އަމިއްލަ ބޭނުންފުޅުތައް މަދެވެ. އެހެންކަމައެކުވެސް އެމާތްނަބިއްޔާގެ ދިރިއުޅުއްވުންހުރީ ނުހަނު ސާދާކޮށެވެ. ދިރިއުޅުއްވީ ވަރަށް ސަހަލު ގެކޮޅެއްގެއެވެ. އެމާތް ސާހިބާގެ ފަރީއްކޮޅުހުރީވެސް ވަރަށް ސާދާކޮށެވެ. ވަރަށް ގިނަފަހަރަށް ހުންނަވަނީ ހައިހޫނުފުޅުކަންވެސް ނުފިލައެވެ. ބަނޑުހައިފުޅުކަންމަތީގައެވެ. އެކަން ހަނދާންވުމުން އަޅުގަނޑު މޮޅިވެއެވެ. ލޮލުންކަރުނަ އާދެއެވެ. މިހުރިހާ މަތިވެރިކަމަކީވެސް ޙަޤީޤަތުގައި އިސްލާމްދީނުގެ މޮޅުކަމެވެ. މާތްކަމާއި މަތިވެރިކަމެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އަކީ އެދީނުގެ ރިސާލާތު އުފުއްލެވި ސާހިބާއެވެ. އެދީނުގެ ތެދުވެރި ދާޢީއެވެ. އަހަރެން އިސްލާމްދީނާ ފިކުރާވީ އެކަންކަމާހުރެއެވެ.

comment ކޮމެންޓް