އަންނަ އަހަރު ޗެމްޕިއަން ޓީމަށް ހަ ލައްކަ ރުފިޔާ

މިއަހަރުގެ ސިޔާމް މައުރޫފް ކަޕްގެ ޗެމްޕިއަން ޓީމު މިލަދޫ: އެ ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ މުބާރާތުގެ ދެ ބާނީން، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް އަދި ފައިނަލް މެޗުގެ ހާއްސަ މެހެމާން ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން

އަންނަ އަހަރުގެ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް ހުށަހަޅާ ފައިސާގެ އިނާމު ވެސް ބޮޑުކުރަން ނިންމައި މުބާރާތުގެ އެއް ބާނީ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު އެކަން އިއުލާން ކުރައްވައިފިއެވެ.

ނ. އަތޮޅުގެ ކުޅުންތެރިންނާއި ޓީމުތަކަށް އެ އުފާވެރި ހަބަރު ސިޔާމް ދެއްވާފައިވަނީ، މިއަދު ހަވީރު ބޭއްވި މިއަހަރުގެ ސިޔާމް މައުރޫފް ސޮކާ ކަޕްގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިޔާމް ވިދާޅުވީ، މިމުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށާއި އަންނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 600،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާނެ ކަމަށެވެ. އަދި އެ މުބާރާތަކީ ނ. އަތޮޅުގެ ރައްޔިތުން ފުޓްބޯޅައަށް ބަހައްޓާ ފޯރިގަދަކަމުން އެ އަތޮޅުގައި ބާއްވާ މުބާރާތެއް ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިމުބާރާތަކީ ނިސްބަތުން ބަލާއިރު އެންމެ އަގުބޮޑު ކުޅިވަރު މުބާރާތް. އަޅުގަނޑުގެ ބޭނުމަކީ މިމުބާރާތް މިއަށްވުރެ ފުރިހަމަކުރުން. އެގޮތުން އަންނަ އަހަރުވެސް މުބާރާތުގެ ފައިސާގެ އިނާމު ބޮޑުކުރާނަން. އަންނަ އަހަރު ޗެމްޕިއަން ޓީމަށް 600،000 ރުފިޔާ ހުށަހަޅާނަން. އަދި އެހެން މަގާމުތަކަށް ހޮވޭ ޓީމުތަކަށް މިއަހަރުވެސް ދިން ފައިސާގެ އިނާމުތައް ހަމަޖެހިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި 1-0 ގެ ނަތީޖާއަކުން ލަންދޫ ބަލިކުރުމަށްފަހު، މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިލަދޫއެވެ. ޗެމްޕިއަންކަން ހޯދި މިލަދުއަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، ރަނަރަޕް ލަންދުއަށް ދީފައިވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނު މާޅެންދުއަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 25،000 ރުފިޔާއެވެ. އަދި މުބާރާތުގައި އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނު މިލަދުއަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 10،000 ރުފިޔާއެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ނަމުގައި އެ މުބާރާތް ބާއްވަން ފަށާފައިވަނީ 2015 ވަނަ އަހަރެވެ. އެ އަހަރު ވެސް ޗެމްޕިއަން ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، ރަނަރަޕް ޓީމަށް ދީފައިވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އެއަށްފަހު މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، ރަނަރަޕް ޓީމަށް ދީފައިވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

އިނާމުދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް އިތުރަށް ވިދާޅުވީ، މުބާރާތަށް މަޝްހޫރު ފުޓްބޯޅަ ލެޖެންޑުން ގެންނަމުންދަނީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ކުރިއެރުވުމުގެ މަގްސަދުގައި ކަމަށާއި މުބާރާތުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި އޮއްޓަރު ހުރި ކުޅުންތެރިން އުފެއްދުން ހިމެނޭ ކަމަށެވެ.

މިއަހަރުގެ މުބާރާތާއި މިދިޔަ އަހަރުގެ މުބާރާތް ވެސް ނިމިގެންދިޔައީ މަޝްހޫރު ފުޓްބޯޅަ ދެ ލެޖެންޑަކާއެކުއެވެ. މިއަހަރުގެ މުބާރާތުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ފުޓްބޯޅަ ލެޖެންޑް ޑިޑިއާ ޑްރޮގްބާ ގެނެސްފައިވާއިރު، މިދިޔަ އަހަރުގެ މުބާރާތުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ގެނެސްފައިވަނީ ބާސެލޯނާ އަދި ސްޕެއިންގެ ފުޓްބޯޅަ ލެޖެންޑް ކާލްސް ޕުޔޯލްއެވެ.

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރިއެވެ.

comment ކޮމެންޓް