އަތް ދޮވުމަކީ ބަލިތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއް

ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އަޅާށޭ ބުނާ އަޑު އަބަދުވެސް އަހަމެވެ. މި ފިޔަވަޅަކީ ހަމައެކަނި ވެކްސިނެއް ޖަހާލައިގެން ތިބުމެއް ނޫނެވެ. އެއީ އަމިއްލަ ނަފުސަށް ނުކުރި ލޯތްބެއް އެހެން ބަޔަކު ތިމާގެ ނަފްސަށް ނުކުރާނެކަން ދަނެ ތިމާގެ ނަފްސުގެ ސާފުތާހިރުކަމަށް އިސްކަން ދިނުމެވެ. ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅަކީ އަތް ދޮވުމެވެ.

ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަކީ ވެކްސިން ޖެހުމަށްވުރެވެސް ރައްކާތެރި ގޮތެއް ކަމަށް އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލުން ބުނެފައިވެއެވެ. ހާއްސަކޮށް ރޯގާއާއި ވައިރަލް ހުން ފަދަ އާންމު ބަލިތަކުން ރައްކާތެރިވުމަށް މިއީ އެޅުން ބުއްދިވެރި އަދި މުހިއްމު ފިޔަވަޅެކެވެ.

"ސަތޭކަ ޕަސެންޓް ޖާމް ފްރީ"ކޮށް ނުވަތަ އެއްވެސް ވަރަކަށް ޖަރާސީމު ނެތި، އަތް ބޭއްވުމަކީ ވާނެ ކަމެއް ނޫނެވެ. ނަމަވެސް ވީހާވެސް ގިނައިން ރަނގަޅަށް އަތް ދޮވުމަކީ މުހިއްމު ކަމެކެވެ.

އަތް ދޮންނަންވީ ކޮން ވަގުތަކު؟

  • ކާއެއްޗެހި ތައްޔާރު ކުރުމުގެ ކުރިންނާއި ފަހުން.
  • ކެއުމުގެ ކުރިން.
  • ބަލި މީހަކަށް އެހީވުމުގެ ކުރިންނާއި ފަހުން.
  • ޒަހަމްވެފައި ހުރި ތަނެއްގައި އަތްލުމުގެ ކުރިންނާއި ފަހުން.
  • ކޮންޓެކްޓް ލެންސް ލެއްވުމުގެ ކުރިން އަދި ފަހުން.
  • ފާޚާނާ ބޭނުން ކުރުމަށް ފަހު.
  • ކުޑަ ދަރުފުޅުގެ ނެޕީ ބަދަލުކޮށް ސާފު ކުރުމަށް ފަހު.
  • ކެއްސާ ކިނބިހި އެޅުމަށްފަހު.
  • ދިރޭ އެއްޗެހި (ޕެޓްސް) އާ ކުޅުމަށްފަހު، އެފަދަ އެއްޗެއްސަށް ކާންދިނުމަށް ފަހު.
  • ކުނި (ގާބޭޖް)ގައި އަތްލުމަށް ފަހު.
  • އަތް ހަޑިވުމުން، އެފަދަ ގޮތަކަށް އިހްސާސްވާނަމަ.

އަތް ދޮންނަން ވީ ކިހިނެއް؟

އަތް ދޮވުން އެންމެ ރަނގޅު ގޮތަކީ، ފެނުން އަތް ތެންމާލުމަށްފަހު ސައިބޯނި ލައިގެން 20 ސިކުންތު ވަރު އުނގުޅައި، ސައިބޯނިތައް ފެނުން ދޮވެގެންނެވެ. އަތް ދޮންނައިރު އަތުގެ ނުފުށުގައްޔާއި، އަތުގެ ކަޅުހަން އަދި ނިޔަފަތިތަކުގެ ކައިރިވެސް ރީތިކޮށް ދޮންނަންވާނެއެވެ.

އަތް ދޮވުމަށްފަހު ޓިޝޫއަކުން ރީތިކޮށް އަތް ފޮހެން ވާނެއެވެ.

ބައެއް މީހުން އަތް ދޮވުމުގެ ބަދަލުގައި ސެނިޓައިޒާ ބޭނުން ކުރެއެވެ. ނަމަވެސް ސައިބޯނި ލައިގެން އަތްދޮވުމުން އަތުގައި ހުންނަ ޖަރާސީމުތައް ފިލާގޮތަށް ސެނިޓައިޒާއިން ޖަރާސީމުތައް ނައްތައެއް ނުލާނެއެވެ.

މައުލޫމާތު: ހެލްތް ޑައިޖެސްޓް

comment ކޮމެންޓް