ޕެންޓަގަނުން އެތައް މިލިއަން ޑޮލަރުގެ ސިއްރު ޔޫއެފްއޯ ޕްރޮގްރާމް ހިންގާފައިވޭ

އެމެރިކާގެ ޕެންޓަގަން އިން ވަނީ ޔޫއެފްއޯ ތަހުގީގު ކުރާ އަގުބޮޑު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ޑިސެމްބަރު 17): އެމެރިކާގެ ޕެންޓަގަނުން ވަނީ ގޮތް ނޭނގޭ އުދުހޭ ތަކެތި (ޔޫއެފްއޯ) ތަހުގީގު ކުރުމަށް އެތައް މިލިއަން ޑޮލަރުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފި އެވެ.

ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން 2007 ވަނަ އަހަރުން 2012 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިޔަ އެޕްރޮގްރާމްތަކަކީ މީގެ ކުރިން އެމެރިކާގެ ސެނެޓުގެ މެޖޯރިޓީ ލީޑަރުގެ ގޮތުގައި ހުންނެވި ޑިމޮކްރެޓިކް ސެނެޓަރެއް ކަމަށްވާ ހެރީ ރެއިޑްގެ ހިޔާލެކެވެ.

އެޑްވާންސްޑް އެރޯސްޕޭސް ތްރެޓް އައިޑެންޓިފިކޭޝަން ޕްރޮގްރާމުގެ ނަން ދީފައިވާ އެޕްރޮގްރާމުގެ ލިޔެކިޔުންތަކުގައި، އާދަޔާ ހިލާފު މަތިންދާބޯޓުތަކާއި ވައިގެ މަތީގައި އެއްވެސް އެހީއަކާ ނުލައި އޮންނަ ތަކެތި ސިފަކޮށްދީފައިވެ އެވެ.

ނަމަވެސް ސައިންސުވެރިން ވަނީ އެފަދަ ގޮތް ނޭނގޭ ކޮންމެ އެއްޗަކީ އޭލިއެނުން ދުނިއެއަށް އައި ކަމުގެ ހެއްކެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ހެރީ ރޭޑް ވަނީ އެއީ މީގެ ކުރިން އެއްވެސް ބަޔަކު ނުކުރާ ކަމެއް ކަމަށާއި އެހެންކަމުން އެފަދަ ޕްރޮގްރާމެއް ހިންގުމަކީ އޭނާ ލަދުގަންނަ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ނިއު ޔޯކް ޓައިމްސްއިން ބުނާ ގޮތުގައި އެޕްރޮގްރާމަށް ޑިޕާޓްމެންޓް އޮފް ޑިފެންސުން ވަނީ 20 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ. އަދި 2012 ވަނަ އަހަރު އެޕްރޮގްރާމަށް ފަންޑު ކުރުން ހުއްޓާލި ނަމަވެސް އޮފިޝަލުން ވަނީ ގޮތްނޭނގޭ މަތިންދާބޯޓުތައް ފަދަ ތަކެތި ތަހުގީގު ކުރުން ކުރިއަށް ގެންގޮސްފައި ކަމަށް އެނޫހުން ބުންޏެވެ.

ނަމަވެސް ކޮންގްރެސްގެ ކުރީގެ މުވައްޒަފަކު ވަނީ އެޕްރޮގްރާމުގެ މަގުސަދަކީ ވާދަވެރި ގައުމުތަކުގެ ޓެކްނޮލޮޖިކަލް ކުރިއެރުންތައް މޮނިޓާ ކުރުން ކަމަށް ވެދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އިން ވަނީ މީގެ ކުރިން ސިއްރުކޮށްފައިވާ އެތައް މިލިއަން ލިޔެކިޔުންތަކެއް އާއްމުކޮށްފައެވެ. (ބީބީސީ)

comment ކޮމެންޓް