އާސެނަލަށް މި ސީޒަންގެ ލީގު ކާމިޔާބުކުރުމަކީ ނާދިރުކަމެއް: ލަކަޒެޓް

ފްރާންސް ފޯވަޑް އެލެކްސެންޑާ ލަކަޒެޓް ގަބޫލުކުރާ ގޮތުގައި މި ސީޒަންގެ ޕްރިމިއާ ލީގު އެޓީމަށް ކާމިޔާބުކުރެވޭނީ އަޖާއިބެއް މެދުވެރިވެގެން --- ފޮޓޯ: ގެޓީ

އާސެނަލަށް މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރެވޭނެ އެއްވެސް ގޮތެއް މިހާރު ނެތް ކަމަށް އެޓީމުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އެލެގްޒެންޑާ ލަކަޒެޓް ބުނެފި އެވެ.

އާސެނަލްގެ ތާރީޚުގައި ވެސް އެޓީމުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މިދިޔަ ހޫނު މޫސުމުގެ ޓްރާންފާގައި އެ ޓީމާ ގުޅުނު ލަކަޒެޓް ބުނީ، އޭނާ އެ ކްލަބާ ގުޅުނު އިރު ވެސް ޓީމުގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ، ކުރިއަށް އޮތް ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުން ކަމަށެވެ.

އިނގިރޭސި ލީގު ކަޕްގައި އަންނަ ބުދަ ދުވަހުގެ ރޭ ވެސްޓްހޭމްއާ ދެކޮޅަށް އާސެނަލް ނުކުންނަ އިރު، ޕްރިމިއާ ލީގުގައި އެޓީމު އޮތީ، ލީގު ލީޑަރު މެންޗެސްޓާ ސިޓީއަށް ވުރެ، 17 ޕޮއިންޓް ފަހަތުގަ އެވެ.

"މިހާރު ދެން މިފަހަރުގެ ލީގު ކާމިޔާބުކުރުމަކީ ނާދިރުކަމެކޭ ބުނެވޭނީ،" ލަކަޒެޓް ބުންޏެވެ.

"އެއީ ހަމަ އަޖައިބެއް ފަދަ ކަމެއް މެދުވެރިވާން ޖެހޭނީ. ސިޓީ އެބަޖެހޭ ބައިވަރު މެޗުތަކުން ބަލިވާން އަހަރެމެން ލީގު ހޯދާ ނަމަ، އެކަމަކު އެ ކްލަބު ރެކޯޑް އެންމެނަށް ވެސް އެނގޭ. މިހާރު އެންމެ ބޮޑު އަމާޒަކަށް ވެފައި މިއޮތީ، ޗެމްޕިއަންސް ލީގަށް ކޮލިފައިވުން. ލީގު ލިބިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު."

އާސެނަލަށް ބަދަލުވުމާ ގުޅޭ ގޮތުން ލަކަޒެޓް ބުނީ، އޭނާ އެކްލަބާ ގުޅުނީ ކޯޗް އާސެން ވެންގާގެ ސަބަބުންކަމަށެވެ. އަދި ވަަރަށް ކުރިންސުރެ ވެސް އެ ކްލަބާ ގުޅެން ވިސްނަމުން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ވެންގާ އަކީ އަހަރެން މި ކްލަބާ ގުޅެން މެދުވެރިވި ސަބަބު. ކޯޗާ ބައްދަލުވެ ދެކެވުނު ވާހަކަތަކުގެ ސަބަބުން މި ކަލްބާ ގުޅުނީ."

ލަކަޒެޓް ބުނީ، އާސެނަލް ފަދަ ބޮޑު ކްލަބަކާ ގުޅުން ވެގެން ދިޔައީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ލިބުނު ވަރަށް ރަނގަޅު ފުރުސަތަކަށް ކަމަށާއި، އޭގެ ސަބަނުން އޭނާ އަށް ވަރަށް ރަނގަޅު ތަޖްރިބާތަކެއް ލިބެމުންދާ ކަމަށެވެ.

ފްރާންސްގެ ލިއޯންއިން، އާސެނަލަށް ލަކަޒެޓް ބަދަލުވީ 46.5 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ލަކަޒެޓް އައުމުގެ ކުރިން އާސެނަލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ 2013 ވަނަ އަހަރު ރެއާލް މެޑްރިޑުން އެ ކްލަބަށް ގެނައި ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލްއެވެ. އޮޒިލް އާސެނަލާ ގުޅުނީ 42.5 މިލިއަން ޕައުންޑްގެ އަގަކަށެވެ.

comment ކޮމެންޓް