ވެނެޒުއޭލާގެ ފަސްޓް ލޭޑީގެ އާއިލާގެ ދެމެމްބަރަކު އެމެރިކާގައި 18 އަހަރަށް ޖަލަށް

ކާމްޕޯ ފްލޮރެސް އާއި ފްރެންސިސްކޯ ފްލޮރެސްގެ މައްޗަށް ވަނީ 18 އަހަރުގެ ޖަލު ހުކުމެއްކޮށްފައި -- ފޮޓޯ: ރޮއިޓާސް

ކަރާކަސް (ޑިސެމްބަރު 15): ވެނެޒުއޭލާގެ ރައީސްގެ އަނބިކަނބަލުން ސީލިއާ ފްލޮރެސްއަށް ބޮޑުދައިތަ ކިޔާ ދެ މީހަކު މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި 18 އަހަރަށް ޖަލަށް ލުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ކާމްޕޯ ފްލޮރެސް އާއި ފްރެންސިސްކޯ ފްލޮރެސްގެ މައްޗަށް ޖަލު ހުކުމް ކުރީ އެމެރިކާއަށް 800 ކިލޯގެ ކޮކެއިން އެތެރެ ކުރަން މަސައްކަތް ކުރި ކަން މިދިޔަ އަހަރު ސާބިތުވުމުންނެވެ. އެމެރިކާގެ ޑްރަގް އެންފޯސްމެންޓް އޭޖެންސީ (ޑީއީއޭ)އިން 2015 ވަނަ އަހަރު އެދެ މީހުން ހައްޔަރު ކުރީ ހެއިޓީންނެވެ.

ޕްރޮސިކިއުޓަރުން ވިދާޅުވި ގޮތުގައި އެ ދެ މީހުން އެމެރިކާ އަށް ކޮކެއިން އެތެރެކުރަން މަސައްކަތް ކުރީ ވެނެޒުއޭލާގެ ރައީސްގެ އާއިލާއަށް ހާއްސަ ފްލައިޓަކުންނެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އަނބިކަނބަލުން ސީލިއާ ފްލޮރެސް -- ފޮޓޯ: ގެޓީ

އެމައްސަލައާ ގުޅިގެން ވެނެޒުއޭލާއިން ވަނީ އެމެރިކާ އިން އެ ދެ މީހުން ވަގަށް ނަގާފައިވާ ކަމަށް ބުނެފަ އެވެ. އޭގެ މަގުސަދަކީ ވެނެޒުއޭލާ ސަރުކާރު ބަލިކަށި ކުރުން ކަމަށް ބުނެފަ އެވެ. އެހެންކަމުން އެ ދެ މީހުންގެ މައްޗަށް ޖަލު ހުކުމް ކުރުމަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހީނަރުވެގެން ދާނެ ކަމެއް ކަމަށް ބުނެފަ އެވެ.

މި އަހަރުގެ ޖުލައި މަހު އެމެރިކާ އިން ވަނީ ވެނެޒުއޭލާއިން އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ އެގައުމުގެ އިސް އޮފިޝަލުންނާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ސަބަބުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ އެމެރިކާ އިން އެގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުން ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

މަޑޫރޯގެ އަނބިކަނބަލުން ސީލިއާ ފްލޮރެސްއަކީ ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ. އަދި އޭނާ ވަނީ 2006 ވަނަ އަހަރުން ފެށިގެން 2011 އާ ހަމައަށް މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވައިފަ އެވެ. (ބީބީސީ)

comment ކޮމެންޓް