ދިއްދޫ ގޮނޑުދޮށުގައި ދުވަސްވީ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދިއްދޫ --

ހއ. ދިއްދޫ ގޮނޑު ދޮށުގައި އުމުރުން ދުވަސްވީ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހާޝިމް މިއަދު ސަން އަށް ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 70 ވަރަކަށް އަހަރުގެ އެ ރަށު ހައްވާ އަލީ ކަމަށެވެ. އޭނާ އަކީ އާންމުކޮށް ބޭރަށް ނިކުމެ އުޅޭ މީހެއް ނަމަވެސް މަރުވެފައި އޮއްވައި ފެނުނު ސަރަހައްދަށް އާންމުކޮށް ގޮސް އުޅޭ މީހެއް ނޫން ކަމަށް ވެސް ހާޝިމް ވިދާޅުވި އެވެ.

"އެސަރަހައްދަށް ދިޔަ ބަޔަކަށް ފެނިގެން ހޮސްޕިޓަލަށް ގެންދިޔައީ. ޑޮކްޓަރުން ލަފާކުރައް ވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް[މަރުވީ]،" ނައިބު ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޭ ތިނެއް ޖެހި އިރު ވެސް ހައްވާ ގޭގައި އޮތް ކަމަށް އާއިލާ އިން ބުނާ ކަމަށެވެ.

"އެ ދިމާލުގައި [މަރުވެފައި އޮއްވައި ފެނުނު ސަރަހައްދު] އޭނާގެ ތިމާގެ މީހަކު އުޅޭ. ހީވަނީ އެ ގެއަށް ދަނިކޮށް މަގު އޮޅިގެން އަތިރިއަށް ދެވުނީ ކަމަށް. މަރުވެފައި އޮއްވައި ފެނުނު އިރު އަނެއްހެން ބޭރުފުށުން ގެއްލުމެއް ނެތް."

ހާޝިމް ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށާއި ހައްވާގެ ހަށިގަނޑު މިހާރު އޮތީ އެރަށު ހިނަވާގޭގައި ކަމަށެވެ.

ހައްވާ އަލީގެ މަރާ ގުޅޭ ގޮތުން ފުލުހުން ބުނީ ދިއްދޫ އިރުމަތީ ފަރާތު މޫދުގައި 80 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 09:10 ހާއިރު ކަމަށެވެ.

ހައްވާގެ މަރާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންތައް ބެލުމަށް ފަހު ހަށިގަނޑު އާއިލާ އާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް