މަރުގެ މައްސަލައަކާ ގުޅިގެން އިންޑިއާގެ އުފާވެރިކަމާ ބެހޭ މިނިސްޓަރު ހޯދަނީ

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ އުފާވެރިކަމާ ބެހޭ މިނިސްޓަރު ލާލް ސިންހް އާރުޔާ -- ފޮޓޯ: ޕްރަދޭޝް18

ދިއްލީ (ޑިސެމްބަރު 15): އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ހިނގި މަރުގެ މައްސަލައަކާ ގުޅިގެން އެސްޓޭޓުގެ އުފާވެރިކަމާ ބެހޭ މިނިސްޓަރު، ނޫނީ ހެޕިނަސް މިނިސްޓަރު ހޯދަން ފަށައިފި ކަމަށް ފުލުހުން ބުނެފި އެވެ.

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ މެމްބަރެއް ކަމަށްވާ ލާލް ސިންހް އާރުޔާ ހޯދަމުން ދަނީ 2009 ވަނަ އަހަރު އިދިކޮޅު ޕާޓީއެއްގެ މެމްބަރަކު މަރާލި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކުރަން އަންގާރަ ދުވަހު ކޯޓުން އަމުރެއް ނެރުނު ފަހުން އޭނާ ގެއްލިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ލާލް ސިންހް ކޯޓަށް ހާޒިރު ކުރަން ޖެހެނީ އަންނަ ހަފްތާގެ އަންގާރައިގަ އެވެ. އަދި ފުލުހުން ވަނީ އެހާއިރަށް އޭނާ ހޯދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މަދްޔަ ޕްރަދޭޝް އަކީ އެސްޓޭޓުގެ ރައްޔިތުންގެ އުފާވެރިކަން އިތުރުކުރުމަށް ޓަކައި އެކަމަށް ހާއްސަ ޑިޕާޓްމެންޓެއް ގާއިމު ކުރި އިންޑިއާގެ ފުރަތަމަ ސްޓޭޓެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އެޑިޕާޓްމެންޓު އިފްތިތާހު ކުރި ފަހުން އުފާވެރިކަމާ ބެހޭ މިނިސްޓަރުގެ ގޮތުގައި ހުންނެވީ ލާލް ސިންހެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް