ނޭނގި ހިތާ ކުޅެލީ - 10

"އޭނަ ކޮބާ؟ " އިމާދުއްދީން އަހައިލީ އާދައިގެ ވަރަށް ވުރެ ބާރަށެވެ.

"ނުފެނުނު. އަޅުގަނޑު ވަރަށް ހޯދައިފިން. ނޭގޭ ލުކުމާން އެންމެފަހު ވަގުތު އެގޮތަށް ފިލަންވީ ކީއްވެކަން.....އައިމް ސޮރީ.." ލިވިއާ ސާފުބަހުން ހަގީގަތް ކިޔައިދިންއިރު ހޮނު ގުގުރިއެއްހެން އެއަޑު އިވުނީ ހަމައެކަނި އިމާދުއްދީންގެ ކަންފަތަކަށް ނޫނެވެ. އެހެން މެހުމާނުންނަށްވެސް އިވުނެވެ.

"ލިވިއާ ސަވާނާއަށް ހެޔޮއެދޭ މީހެއްނަމަ ކޮންމެވެސް ގޮތަކަށް އެންމެނަށް އޮޅުވާލީހެއްނު. އެކްސިޑެންޓެއްވެގެން ހޮސްޕިޓަލުގައޭ އޮތީ ބުންޏަސް މާ ރީތިވާނެ......." ނަބީލާ ނުރުހުމާއިއެކު ބުނެފައި އެތެރެއަށް ދާން ހިގައިގަތެވެ.

"ނަންނިގެ ބައްޕަ ކައިރީ ދޮގުހަދާކަށް ނުކެރުނު..." ލިވިއާ އިސްޖެހިއެވެ. އިމާދުއްދީން ބޮލުގައި އަތް އަޅާލައިގެން ހުރެފައި ލިވިއާއަށް ފަނޑު ހިނިތުންވުމެއް ދިނެވެ.

އިސާހިތަކު ތުންތުންމަތިން އެވާހަކަ ދެކެވެންފެށިއެވެ. ސަވާނާ އިންނަން އުޅުނު ފިރިހެންކުއްޖާ ކައިވެނި ކުރަން ބޭނުންނުވެގެން ފިލީއެވެ. ސަވާނާގެ އޮފީހުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އެވާހަކަ ވީ އެންމެ ހޫނު ޚަބަރުކަމުގައެވެ. ލުކުމާންގެ ސަބަބުން ހިތުގައި ހަސަދަވެރިކަން ހިނގާފައިވާކުދިންނަށް އެކަން ވީ އުފާވެރި ޚަބަރަކަށެވެ. ސަވާނާއަށް މަލާމާތްކޮށް ސިއްރު ސިއްރުން ހިތަށް އައިގޮތަކަށް އެވާހަކަދެއްކިއިރު އެހެން މީހުންވެސް އެފަދައެވެ. ސަވާނާ ހީވަނީ ކާޓޫނެއްހެންނޭ ކިޔައިގެން ޖޯކުޖެހިއެވެ. މުއްސަދިވިޔަސް އެއްވެސް ކަހަލަ ފާޑުވެރިކަމެއްނެތެވެ. ލުކުމާންއަށް ހީވާގޮތުން ސަވާނާއަށް ވުރެ މުއްސަދި އަންހެނަކު ފެނުނީއެވެ. އެހާ ރީތި ފިރިހެނަކާއި އިންނަން ކިތަންމެ ސަވާނާއެއް ދުނިޔޭގައި ވާނެކަމާއިމެދު އެކަކުވެސް ޝައްކެއްނުކުރެއެވެ.

ނަބީލާގެ ހިތް ހިތާމައިން ކުދިކުދިވީ އެންމެ ސަބަބަކާއިހުރެއެވެ. އެކަމުން ސަވާނާއަށް ކުރާނެ އަސަރުތައް އިހުސާސްކުރެވިފައެވެ. ސަވާނާ ހާދަ ދެރަވާނެއެވެ. ހާދަ ލަދުގަންނާނެއެވެ. އެވެސް އޮފީސް އެންމެންގެ ކުރިމަތީގައެވެ. ގަސްތުގައި ލުކުމާން އެކުއްޖާ ލަދުގަންނަވާ އަގު ވައްޓައިލީއެވެ. ސަވާނާ ދެން އޮފީހަށް ދާނީ ކޮން މޫނަކާއިގެން ހެއްޔެވެ؟ ލަދުންގޮސް މީހަކާއި ހަތަރުކަޅި ހަމަކުރަންވެސް އެކުއްޖާ ފަކީރަށް ކެރޭނެހެއްޔެވެ؟ ރަށުގައި ގަން ހިންގުމެކޭ އެއްވެސް ތަފާތެއްނެތެވެ. ނަބީލާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.

ސަވާނާ އެންމެ ކުރިން ޖެހުނު ކޮޓަރިއަށްވަދެ އެތާހުރި ސޯފާއެއްގައި ކުޑަގޮތަކަށް ޖައްސައިލީ ހެދުން ހަޑިވެދާނެތީއެވެ. އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލެވެނީ ހާސްކަމާއިއެކުގައެވެ.

"ލޫކް ވެއާ އާ ޔޫ. ޕްލީޒް ކަމް. އަހަންނަށް އެނގޭ ލޫކް ނައީ ކީއްވެކަން؟ އެންމެ ފަހު ވަގުތު ކައިވެނި ނުކުރާނަމޭ ހިތަށް އެރީ ދޯ......އައި ޑޯންޓް ކެއާ އޭ ކޮންމެ ބައްޔެއް ހުއްޓަސް. ކޮންމެފަދަ އުނިކަމަކާއިއެކުގައިވެސް އެކީ އުޅެން ބޭނުމީ....ޕްލީޒް ކަމް ބެކް. ޕްލީޒް އައި ބެގް ޔޫ. އެންމެންވެސް އެތިބީ އިންތިޒާރުގައި. ލޫކް ނައިއްޔާ އަހަރެން ކިހާ ލަދެއް ގަންނާނެ. އެއްވެސް މީހަކާއި ފޭސް ކުރާނެ ހިތްވަރެއް ނުހުންނާނެ......" ސަވާނާ އިނގިލީގައި ދައިގަތެވެ. ކުއްލިއަކަށް ދޮރު އަޑާއަށް ހުޅުވާލާފައި މަންމަ ބޯ ދިއްކޮށްލައިފިއެވެ.

"މަންމަ ބުނިގޮތަށް އެ ފިރިހެނާ ހެދީ. ނަންނި މޮޔަކަމުން ހައްދާލީ. ނަންނި އެހާވަރު މީހަކަށް އިތުބާރުކުރުމުގެ ގޮތުން ވިސްނާލިނަމަ. ބުނާގޮތަށް ނެހެދުނީމަ ދެރަގޮތެއް މިވީ. ލުކުމާން ފިލައިފި. އޭނަ ދިރިއުޅޭ އެޕާޓްމެންޓްގައިވެސް ނެތޯ. އާއިލާ މީހަކުވެސް ނައި........"

"ވަޓް؟ " ސަވާނާ ކޮޅަށް ތެދުވުނީ ލަސްލަހުންނެވެ. އެވަރުންވެސް މޫނަށް އަނދިރިވީހެން ހީވިއެވެ. އެމައުސޫމް ދެލޮލުން ފެންނަމުން ދިޔައީ އެތައް އިހުސާސްތަކެވެ. މޭކަޕްކޮށްފައިވުމުން އެމޫނަށް އިތުރު ކުލައެއް ވެރިނުވިޔަސް ދެލޮލުގެ ޝުއޫރުތައް ހުރީ ހާމައަށެވެ. ސަވާނާގެ މެޔަށް އެސިޑްއެޅިޔަސް ފިހޭނީ އެހާވަރަށެވެ. އެތެރެހަށި އެ ހޫނުން ވިރުނެވެ. ހިތުން ލޭ ކަރުނަ އޮހުނަސް އެދެލޮލުގައި ކަރުނައެއް ނެތެވެ. މަޑުމޮޅިކަމާއިއެކު އޭނަ ހިނގައިގަތީއެވެ. ނަބީލާ ސަވާނާއާއިއެކީ ހިނގައިގަންނަމުން ދިނީ ދީނީ ނަސޭހަތެވެ. ކޮންމެ ކަމެއްވެސް ވާނީ ރަގަޅަށްކަމަށާއި މިއީވެސް އިމްތިހާނެއްކަމުގައި ބުންޏެވެ. ސަވާނާއަށްޓަކާ އެންމެ ރަގަޅު ބައިވެރިޔަކީ ލުކުމާންއަށް ނުވެދާނެތީ މިކައިވެނި ކެންސަލްވީއެވެ. ސަބަބު މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ. އެއަށްވުރެ ރަގަޅު ފިރިޔަކު ސަވާނާއަށްޓަކާ ލިބުމަށް ތަގުދީރުގައިވަނީ ކަމަށް ވެދާނެއެވެ. ނަބީލާ އެދުނީ ނަމާދުކޮށް ދުޢާކުރުމަށެވެ. ސާލިހު ފިރިޔަކު ލިބުމުން ދެދުނިޔެ ބާއްޖަވެރިވާނެކަމުގައި ނަބީލާ ބުނެލީ ކެތްތެރިވަމުންނެވެ. އިންސާނުން ދުނިޔެއަށް ފޮނުއްވި މަގުސަދަކީ އެފަރާތަށް އަޅުކަން ކުރުމެވެ. އާއިލާއެއް ބިނާކުރަންވާނީވެސް އެކަން ވިސްނާފައެވެ. އަޅުވެރި ފިރިޔަކާއި އެކު ދިރިއުޅެން ފެށީމަ ނޫނީ ގެއަކުންވެސް ލިބެންވާ ހިތްހަމަޖެހުމެއް ނުހޯދޭނެއެވެ. ކޮންމެ ކަމެއްގައި އިސްތިޚާރާ ނަމާދުކުރަން ޖެހެނީ އެހެންވެއެވެ. ސަވާނާގެ ސިކުނޑިއަށް އޭނަގެ މަންމަގެ އެއްވެސް ވާހަކައެއް ނުވަނެވެ. ވާނީވެސް އެހެންނެވެ. އެފަކީރުގެ ހިތާއި ސިކުނޑިވަނީ ކަތިލެވިފައެވެ. ގަނޑުވެފައެވެ. އޭނަ ހުރީ އެއްވެސް އެއްޗެއް ވިސްނޭފަދަ ހާލެއްގައެއް ނޫނެވެ.

ކަރުނަ އޮއްސީ ސަވާނާއެއް ނޫނެވެ. ނަބީލާއެވެ. އަމިއްލަ ދަރިއަކަށްޓަކާ އެންމެ ހިތާމަކުރާނީވެސް ހަމަ މައިމީހާއެވެ. ލުކުމާންފަދަ ހަޔާތުގެ ބައިވެރިޔަކު ސަވާނާއަށްޓަކާ ބޭނުން ނުވިކަމުގައި ވިޔަސް މިއީ ނަބީލާ ދެކެން ބޭނުންވިފަދަ ދުވަހެއް ނޫނެވެ. ނަބީލާގެ ހިތްވެސް ހަލާކުވެއްޖެއެވެ. ކަރުނަތައް ހިފެހެއްޓުން އުދަގޫކަމަކަށްވިއެވެ. ދަރިފުޅަށްޓަކާ ހެޔޮ ދުޢާކުރެވުނެވެ.

މުޅި ދުނިޔެވެސް ސަވާނާއަށްޓަކާ ކަރުނައޮއްސާފަދައެވެ. އެހުރިހާ އިރުވަންދެން ދުނިޔެމަތި ރީތިކޮށް އޮވެފައި އުޑުމަތި ބައްދައިލީ ހިނދުކޮޅެއްގެ ތެރޭގައެވެ. ބޯ ވިއްސާރަވިލާތަކުން އުދަރެސް ފުރައިލުމާއިއެކު ބޯކޮށް ވެހެންފެށި ވާރޭގެ ތިކިތައް ފަޒާގައި އެއް އަޑު ހިފާލައިފިއެވެ. ސަވާނާ ލައިގެން ހުރި ހެދުން ބާލާފައި ފާޚާނާއަށް ވަންގޮތަށް މޭކަޕް ފިލުވައިލިއެވެ. އިސްތަށިގަނޑު މައްޗަށް ނަގާ ވޫލްކޮޅަކުން އައްސާލައިފިއެވެ. އެހުރިހާކަމެއް ކުރިއިރު ހިތް ހަލާކުވެފައިވާވަރު މޫނުން ނުދައްކާ އޭނަ ފޮރުވިއެވެ. ހިތް ކުދިކުދިވެ ފައިބާއިރުވެސް ހިތްވަރު ކުރިއަށް ނެރުނެވެ. ކޮންމެވެސް މީހަކު ދޮރުގައި ޓަކިދޭންފެށުމުން ސަވާނާ ދެ ޚިޔާލެއްގައި ހުރެފައި ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ ލިވިއާއެވެ. އަތުގައި ތަބަކެއް ހުއްޓެވެ.

"ނަންނި މިއައީ ކޮފީ ހިފައިގެން..." ލިވިއާގެ އަޑުގައި ތުރުތުރެއް ހުއްޓެވެ. ދެލޮލުގައި ކޮންމެވެސް ވަރެއްގެ ރަތްކަމެއްވިއެވެ. ވަރަށް ރޮއިފަހުރިހެން ހީވިއެވެ.

"ބޯހިތެއް ނެތް....." ސަވާނާގެ މާޔޫސީކަމުން ފުރިފައިވާ މޫނު ފެނުމުން ލިވިއާގެ ދެލޯ ކަރުނުން ފުރެންފެށިއެވެ. ސަވާނާ ހުރީ ގާވެފައިވާ ބުދެއްހެންނެވެ. ރޫހު ގެއްލިފައެވެ. ދިރިހުއްޓަސް މަރުވެފައިވާ ކުއްޖެއްފަދައެވެ.

"ސޮރީ.. އައިމް ރިއަލީ ސޮރީ.." ލިވިއާއަށް ގޮސް ސަވާނާގެ ގައިގާ ބައްދައިލެވުނެވެ. ބާރަށް ރޮވުނެވެ. ލިވިއާއަށް ސަވާނާގެ ހިތުގެ ކެކުޅުން އިހުސާސްކުރެވުނެވެ. އަންހެނަކަށްވެ ހުރެ އޭނައަށް ސަވާނާއަށް ކުރާނެ އަސަރު ކިތަންމެ ރަގަޅަށްވެސް ދެނެގަނެވިއްޖެއެވެ. ކައިވެންޏަށް ރަންކިޔާ ހުރިހާކަމެއް ނިމި ގަޑިއަށް ފިރިހެންކުއްޖާ ނައުމުން އެންމެންގެ ފަރާތުން ލިބޭނެ މަލާމާތާއި ދެކެވޭނެ ވާހަކަތަކަކީ އަންހެންކުއްޖަކަށް އަހާކަށް ފަސޭހަ ވާނެ ވާހަކައެއް ނޫނެވެ. ލަދުންގޮސް މީހުންގެ ކުރިމައްޗަށް ދާކަށް ފަސޭހައެއްނުވާނެއެވެ. އެފަދަ ކަމެއްކޮށްފި މީހަކަށް ދުވަހެއްގެ ކޮޅުންވެސް މާފު ހައްގެއް ނުވާނެއެވެ.

"ނަންނި އާ ޔޫ އޯކޭ؟ " ލިވިއާ ދެލޯ ފޮހެލާފައި ސަވާނާގެ މޫނަށް ބަލައިލިއެވެ. ސަވާނާ އިނީ ލިވިއާއާއި ހަތަރުކަޅިހަމަ ނުކޮށެވެ. ގަބުވެފައެވެ. ލިވިއާ ބިރުގަންނަގޮތްވިއެވެ. ސަވާނާފަދަ ޑިޕްރެޝަން ހުރި އަންހެންކުއްޖަކަށް މިފަދަ ކަމެއް ދިމާވުމުން ވަގުތީގޮތުން މޮޔަވީބާވައެވެ. ނަފްސާނީގޮތުން ކޮންމެފަދަ ގެއްލުމެއްވެސް ވެދާނެއެވެ. ލިވިއާގެ ލޮލުގައި ތާޒާ ކަރުނަ ގިނަވެގަތެވެ. އޭނަ މިއަދު ހާދަ ދެރަވެއްޖެއެވެ. ދުވަހަކު ހިތަށް އަސަރުނުކުރާ ވަރަށް ހިތަށް އަސަރުކޮށްފިއެވެ. ކުށްވެރި އިހުސާސްތަކުގައި ނަފުސް ބަދެވިއްޖެއެވެ.

އޭނަ ސަބަބުން ސަވާނާއަށް ހީނުކުރާހާ ބޮޑު ލަނޑެއް ލިބިއްޖެއެވެ. އޭނަ ފަހަރެއްގައިވެސް ލުކުމާން މިފަދަ ކަމެއް ކޮށްފާނެކަމަކަށް ހިޔެއްނުކުރެއެވެ. ލުކުމާން މިފަދަ ކަމެއް ކުރިއިރު އަންހެނެއްގެ އިހުސާސްތަކާއިމެދު އެއްގޮތަކަށްވެސް ވިސްނައެއް ނުލިއެވެ. މިފަދަ ނުބައި ލަނޑެއް ދިނުމަށްވުރެ ކައިވެނި ނުކުރާނަމޭ ބުނި ނަމަވެސް މާ ރީތިވާނެކަން ނޭގެއެވެ.

"ލިވީ. އައިމް އޯކޭ ބަޓް. އިރުކޮޅަކަށް އެކަނިވެލާން ބޭނުން....އިފް ޔޫ ޑޯންޓް މައިންޑް......" ސަވާނާގެ ލޮލުގައިވީ ހުސްކަމެވެ. އެހެން އެންމެން ސަވާނާއަށްޓަކާ ކަރުނަ އޮއްސާއިރު މިކުއްޖާގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ވައްޓާނުލައެވެ. ލިވިއާނަމަ މިހާރު އޮންނާނީ ހޮސްޕިޓަލުގައެވެ. ރޮއިރޮއި އޭނަ މަރުވެދާނެއެވެ. އެއްގޮތަކަށްވެސް މިފަދަ ކަމަކަށް އޭނައަށް ކެތެއްނުވާނެއެވެ.

"ޕްރޮމިސް މީ. އެއްވެސް ގޯހެއް ނަހަދާނެކަމަށް..."

"ޑޯންޓް ވޮރީ. އަހަރެން ސުއިސައިޑް ނުކުރާނަން..." ސަވާނާ ކުޑަކޮށް ހީލިއެވެ. ހިތާމައިންގޮސް ހިތް ހަލާކުވެފައިވާއިރުވެސް ސަވާނާ އެކުރި ހިތްވަރަށްޓަކާ ލިވިއާގެ ހިތް ތައުރީފުކުރިއެވެ. އެހެން މީހުން ހިތާމައިން ކަރުނަ އޮއްސާއިރު ސަވާނާ އެހެރީ ހީލައިގެންނެވެ. ކެތްކޮށްލައިގެންނެވެ.

އެންމެންގޮސް ނިމުމުން ދޮރު ތަޅުލިގޮތަށް ނިދާބޮކީގެ އަލިން ކޮޓަރިއަށް މަޑު ފެހިކުލައެއް ވެރިވެގެން ހިގައްޖެއެވެ. ކުއިލްޓްދަށަށް ވަދެ ބޮނޑިވެލީ ހިތްހަލާކުވެފައިވާ ކުޑަކުއްޖެއްހެންނެވެ. އެހިތުގައި ވޭން ނާޅާ އެންމެ ތަންކޮޅެއްވެސް ނެތެވެ. އެތެރެހަށި ކުދިކުދިވެގެން ފައިބާފާނެހެން ހީވިއެވެ.

ދިރިއުޅުމަށް އެންމެ ބޮޑު ބަދަލެއް އައިސް އާ ހަޔާތެއް ފެށޭނެކަމަށް ހީކުރި ދުވަސްވެގެން މިދިޔައީ ބިރުވެރިކަމުން ފުރިފައިވާ ހުވަފެނަކަށެވެ. މިއީ ބިރުވެރި ހުވަފެނަކަށް ވާނެނަމައޭ ހިތަށް އެރިޔަސް އެހެންވާނެ އެއްވެސް ގޮތެއްނެތެވެ. ސަވާނާގެ ކަންފަތަށް އިވެނީ އެކި މީހުންގެ ހުނުމުގެ އަޑެވެ. މަލާމާތްކޮށްފައި ހޭ އަޑެވެ. ސަވާނާއަށް ކަންފަތުގައި ބާރަށް އަތް އަޅާލެވުނެވެ. އެއަޑުތަކުން ސަލާމަތްވާން ވެގެންނެވެ. އޭނަ ލޯބިވާހާ ބަޔަކު އޭނައަށް ބޭވަފާތެރިވީއެވެ. އެންމެފަހުން އެ ލިސްޓަށް އިތުރުވި ނަމަކީ ލުކުމާންއެވެ. ލުކުމާން އޭނަގެ ހަޔާތަށް އައީ އިހަކަށް ދުވަހުއެވެ. ނަމަވެސް އިހުސާސްވީ އެތައް ދުވަހެއްވާންދެން ދަންނަ މީހެއް ކަމުގައެވެ. ކުރީއްސުރެން އެނގޭ ގާތް މީހެއްކަމުގައެވެ. ނަމަވެސް އެންމެ ފަހު ވަގުތު އޭނއަށް ބޭވަފާތެރި ވެއްޖެއެވެ. ލަނޑުދީފިއެވެ. ލުކުމާން އޭނަގެ "އިގޯ" ފުނޑު ފުނޑުކޮށްލުމުން ލަދުގަތްވަރަށް ހިތާމަވެސް ކުރިމަތިވެއްޖެއެވެ. ހުރިހާ އުފާތަކުން މަހުރޫމްވެ މަރުވުމަށް އެދެވުނެވެ. މަރު ފިޔަވާ އެހެން އެއްވެސް ކަމަކަށް އޭނަ މިވަގުތު ނޭދެއެވެ. ހުރިހާ ހިތާމަތަކައި މުސީބާތްތަކުން ސަލާމަތްވުމުގެ ގޮތުން މަރުވާނެ ނަމައޭ އެތައް ފަހަރު ހިތަށް އެރިއެވެ.

ހިތާމައިގެ ކަނޑެއްގައި ޣަރަގު ވަމުން ދިޔަ ސަވާނާ ހިމޭނުން އެތައް އިރެއްވާންދެން އޮތެވެ. އިތުރު އެއްޗެއް ވިސްނާނެ އެއްވެސް ހަކަތައެއް ބާރެއް އެ ސިކުނޑިއަކު ނުވެއެވެ.

އިމާދުއްދީން ހުރީ ޝޮކެއްގައެވެ. މޭގައި ރިއްސާތީ ބައްޕަވެސް އޮތީ ނުތެދުވެއެވެ. ލޭގެ ޕްރެޝާ އަދި ކޮލެސްޓްރޯލް މަތިވުމާއިއެކު ބޭސްކާ މީހަކަށްވާތީ އެހާ ބޮޑު ހިތާމައެއް ކުރިމަތިވުމުން ދަރިފުޅާއި ކުރިމަތިލާނެ ހިތްވަރެއްވެސް އޭނަގެ ނެތެވެ. ހިތާމައަކަށްފަހު ހިތާމައެކެވެ. ދަރަނި ބޮޑުކަމާއި ދައްކަން ޖެހޭ ލޯނުތަކުގެ އަދަދު ގިނަވާތީ އެކަމާއިވެސް ބޯ ހާސްވާވަރުވެއެވެ. ކުންފުނިވަނީ ބަގުރޫޓުވުމުގެ މަގުމަތީގައެވެ.

ޖެހިގެން އައި ދުވަހެވެ. ސަވާނާ ފީލިކްސް ނިދާ ތަނުގައި ބާއްވާފައި އެނދަށް އަރާ ޓެޑީ ބެއާ ގައިގާ ބައްދާލައިގެން މޮޅިވެރިގޮތަކަށް އޮތެވެ. ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. ނިދި އެދެލޮލަށް ވެރިވާނީ ކިހިނެއްހެއްޔެވެ؟ އެއަށްވުރެ ބޮޑަށް އޭނައަށްވަނީ ފުން އަސަރުތަކެއްކޮށްފައެވެ. އެދެލޮލުން ކަރުނަ ނައި ކަމުގައިވިޔަސް އޭނަގެ ހިތް ރޯވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އޭނަގެ ހިތް ކުދިކުދިވެ އެތައް ސަތޭކަ އެތިކޮޅުތަކަށް ބުރައިގެން ދިޔަގޮތަށް އެކަނިވެރިކަން އޭނަ ވަށާލާފައިވެއެވެ.

"ސަވާނާ. އަދިވެސް ނުނިދަނީތަ؟ " ނަބީލާ ދޮރުމައްޗަށް އެރިއެވެ.

"ނިދަން މިއުޅެނީ...." ސަވާނާ އޮތީ މަންމަގެ މޫނަށް ބަލަންވެސް ޖެހިލުންވެފައެވެ. އެއްވެސް މީހަކާއި ކުރިމަތިލާނެ ހިތްވަރެއް ދުވަހަކު ލިބޭނެކަމެއް ނޭގެއެވެ.

"މަންމައަށް އެނގޭ. ސަވާނާ ތިއުޅޭ ހާލާއި ހިތާމަކުރާވަރު. ފިރިހެނަކަށްޓަކާ ހިތާމަކުރުމުގެ މާނައެއްނެތް ދަރިފުޅާ. މަންމައަށް ވިސްނޭތީ މިހެން މިބުނީ. ގިނަފަހަރު ކެހިވެރި ލޯބީގެ ދަޅަދައްކައިގެން އިންނާނީ. ދެދުވަސްފަހުން ފޫހިވެ އެހެން އަންހެނެއްގެ ފަހަތުން ދުވަންފަށާނެ. ގިނަ ފިރިހެނުންގެ ހާލު ހުންނާނީ އެގޮތަށް. ނޭގެއެއްނު އެފަދަ ކަމަކުން ސަލާމަތްކުރައްވަން ވެގެން ކަން އޭނައަށް ނާދެވުނީ. މާތް ﷲ އިންސާނުން ދުނިޔެއަށް ފޮނުއްވީ އިމްތިހާނު ކުރުމަށްޓަކާ. މުސީބާތްތަކާއި ހިތާމަތައް އަދި ދަތިތައް ގިނަފަހަރު އުފުލަންޖެހެނީ އެންމެ ލޯބިވާ އަޅުތަކުންނަށް. އެއީ ގިނަގިނައިން އެފަރާތް ހަދުމަވާނެތީ. ސަވާނާ. މިހިތާމައިން އަރައިގަނެވޭނެ ހަމަ އެކަނި ގޮތަކީ ހެއްދެވިފަރާތަށް ދުޢާކުރުމާއި ގުރުއާން ގިނަގިނައިން ކިޔެވުމުން. އޭރުން ސްޓްރެސް ފިލާނެ. ނިކަން ހަމަޖެހިގެން ދެ ރަކުއަތް ނަމާދެއްކޮށްގެން ދުޢާކޮށްބަލަ. މަންމަ މިބުނީ ތެދެއްކަން ސަވާނާއަށް އޭރުން ޔަގީންވާނެ. ތިމާއަށް އެހާ ބޮޑު ކެއްސެއްދިން މީހަކަށްޓަކާ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް އޮހޮރުވާނެކަމެއް ނެތް. އީމާންކަމުގެ ހަވަނަ ރުކުނަކީ މިންވަރުފުޅަށް އީމާންވުން ދަރިފުޅާ......." ނަބީލާ ސަވާނާގެ އިސްތަށިގަނޑުގައި ފިރުމަމުން ވާހަކަދެއްކިއިރު އޯގާތެރިކަމާއި ކުލުނުން އަޑު ފޯވެފައިވިއެވެ. އެ ވާހަކަތައް ސަވާނާ އަހަން އޮތްއިރު އަލަށް އިވުނު ބަސްތަކެއް ފަދައެވެ.

ނަބީލާ އެކިފަހަރު އެކި ގޮތްގޮތަށް އެ ނަސޭހަތް ދީފިއެވެ. ސަވާނާ މަންމަ އެކިޔާ އެއްޗަކާއިމެދު ފުރަތަމަ ފަހަރަށް ވިސްނުން ހިންގައިލިއެވެ. އޭނަދެކެ ހެއްދެވިފަރާތް އެހާ ލޯބިވެވޮޑިގެންވާނަމަ މިހާ ނިކަމެތިކޮށް ހާލުގައި އެފަރާތުން ޖެއްސެވީ ކީއްވެބާވައޭ ހިތަށް އެރިއެވެ. މިހާވަރުގެ ލަދެއް ނުގަނެ ކުރިން ލުކުމާންގެ ހަގީގަތް އެނގޭނެގޮތެއް މެދުވެރި ކުރެއްވިނަމައެވެ. އޭނަގެ ކުށަކީ ކޮބައިހެއްޔެވެ؟ ސަވާނާއަށް ނުވިސްނެނީ ދުނިޔޭގައި ހިތާމައާއި ދެރަކަންތައް ތައް މެދުވެރިވަނީ ހަމައެކަނި ކުށްވެރިންނާއި ފާފަވެރިންނަށް ނޫންކަމެވެ. މިއީ އިމްތިހާނުގެ ގޮވަތިކަމެވެ.

ނަބީލާ ނުކުތުމުން ސަވާނާ މޫނުގައި ބާލީސް ބާރަށް އަޅައިގެން އޮވެ މަސައްކަތްކުރީ އެ ޚިޔާލުތަކުން ދުރުވެ ނިދުމުގެ އަރާމު ދެލޮލަށް ހޯދުމަށެވެ.

ދެތިން ރޭ ވޭތުވެގެން ދިޔައިރު ސަވާނާއަކަށް ނުނިދުނެވެ. ނުވެސް ކެވުނެވެ. ސަވާނާ އެހެން މީހަކާއި ވާހަކަދައްކާކަށް ބޭނުމެއްނުވެއެވެ. އޭނަގެ ހިތްހަމަޖެހުމަކީ ކޮޓަރީގައި ތަޅުލެވިގެން އޮތުމެވެ. ލިވިއާ އޭނަ ދެކެލަން އަޔަސް އަވަހަށް ފޮނުވާލަނީ ކޮންމެވެސް ބަހަނާއެއް ދައްކާފައެވެ. ނަބީލާ ދައްކާ ވާހަކަތައް އެހިކަމުގައިވިޔަސް ނަމާދުކުރާނެ ހިތްވަރެއް ސަވާނާގެ ނެތެވެ. ސަވާނާއަށް ވިސްނެނީ ހަމައެކަނި އޭނަގެ އެކަނިވެރިކަމާއި މެދުގައެވެ. މީހުން ކުރާނެ މަލާމާތާއިމެދުގައެވެ. ވިސްނެނީ އަމިއްލައަށް މަރުވާށެވެ. އެނޫންގޮތެއް ނެތްކަމަށް ހީވިއެވެ. ނަމަވެސް މަންމަގެ ވާހަކަތައް ހަދާންވުމުން އެފަދަ ހިތްވަރެއްކޮށްލާކަށް ނުކެރެއެވެ. އަބަދު އެދެވެނީ މަރަށެވެ. ފޯނު އަލަމާރިއަށް ލީގޮތަށް ފޯނަށް ބަލައިލާކަށްވެސް ސަވާނާ ބޭނުމެއްނުވިއެވެ.

ޝައިތާނާ އިންސާނުންގެ ސިކުނޑީގެ ލަގަން އަތުލަނީ އެންމެ ބަލިކަށިވާ ވަގުތުތަކުގައެވެ. ބިރު ހިތާމަ ނޫނީ ރުޅިވެރިކަންފަދަ ވަރުގަދަ ޖަޒުބާތުތައް އެންމެ ވަރުގަދަވާއިރު ޝައިތާނާ ބޭނުން ގޮތްގޮތް ހަދައިލަން ފަސޭހަވާނެއެވެ. އީމާންތެރިކަން ވަރުގަދަ މީހުން އޮޅުވާލުމުގައި ކާމިޔާބުކުރާއިރު ސަވާނާފަދަ ކުއްޖަކަށްވާނީ ކިހިނެއްހެއްޔެވެ؟ ސަވާނާގެ ސިކުނޑިއާއި ޝައިތާނާ ކުޅެލީ ދާދި ފަސޭހައިންނެވެ. ވިސްނައިދިނީ ސަވާނާގެ އަމިއްލަ ނަފުސްގެ އަގެއްނެތްކަމާއި އެންމެން ރުޅިއަންނައިރު ދުނިޔޭގައި ހުންނަންވީ ސަބަބަކީ ކޮބާތޯއެވެ. މިފަދަ ހިތްދަތި ދިރިއުޅުމަށްވުރެ މަރުވުންވެސް މާ ފަސޭހައެވެ. މީހުންނާއި ކުރިމަތިލާނެ ހިތްވަރެއް އޭނަގެ ނެތެވެ. އެންމެ މޮޅުގޮތްކަމަށް ޝައިތާނާ ވިސްނައިދިން ގޮތް ސަވާނާ ގަބޫލުކުރިއެވެ.

ސަވާނާ އަލަމާރީގައި އޮތް ކަޓަރުނެގިއެވެ.

(ނުނިމޭ)

comment ކޮމެންޓް