ތެލުގެ ވިޔަފާރީގެ މުއާމަލާތްތަކުގައި، އެމެރިކާ ޑޮލަރު ބޭނުންކުރުމުގެ ބަދަލުގައި ޗައިނާއިން އެގައުމުގެ ފައިސާ، "ޗައިނީސް ޔުއާން" ބޭނުންކުރަން ފެށުމަށް ކުރަން ޖެހޭ ޓެސްޓުތައް ކުރުމުގެ ގޮތުން ކުރި ފަސްވަނަ ޓެސްޓުތައް ކާމިޔާބު ކަމާއެކީ ނިންމައިލައިފިއެވެ.
މުރާސިލުން ބުނާގޮތުގައި ޗައިނާގެ އެ ފިޔަވަޅުގެ ސަބަބުން ތެލުގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރަށް މުޅި ދުނިޔެއިން ބަރޯސާވެގެން އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ.
ޝަންގްހާއީ އިންޓަނޭޝަނަލް އެނާޖީ ހިއްސާގެ ބާޒާރުން ނެރުނު ބަޔާނަކާ ހަވާލާދީ ބްލޫމްބާގު ނޫހުން ބުނީ، އެ ހިއްސާގެ ބާޒާރުގައި ކުރި ރިހާސަލްތަކުގައި 647930ގެ ހިއްސާގެ މުއާމަލާތްތައް ހިންގައިފައިވާ ކަމަށާއި އެ ހިއްސާތަކުގެ އަގު 268.2 ބިލިއަން ޗައިނީސް ޔުއާންއަށް އަރާކަމަށެވެ. އަދި އެ ޓެސްޓުތަކުގެ ނަތީޖާއިން، ތެލުގެ ވިޔަފާރީގެ މުއާމަލާތްތަކުގައި މުސްތަގުބަލުގައި ޔުއާން ބޭނުންކުރުމަށް ޝަރުތުހަމަވާ ކަމަށް ވެސް ބްލޫމްބާގުން ބުންޏެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ޗައިނާ ޑިވިޝަންގެ ކުރީގެ ޗީފް، އެސްވާރު ޕްރަސާދު ވިދާޅުވީ ތެލުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި މުޅިން އެމެރިކާ ޑޮލަރަށް ބަރޯސާވުމުގެ ބަދަލުގައި އެހެނިހެން ފައިސާއިން ވެސް މުއާމަލާތްތައް ހިންގުމަކީ މައްސަލައެއް ނޫން ކަަމަށެެވެ. ނަމަވެސް ޕްރަސާދު ވިދާޅުވީ، ބައިނަލަގްވާމީ ވިޔަފާރީގައި ޔުއާން ބޭނުންކުރުން ފުޅާކުރަން ބޭނުންނަމަ ޗައިނާގެ ސަރުކާރުން އެގައުމުގެ އިގްތިސާދާއި އަދި ފައިނޭންޝަލް މާކެޓް ހަރުދަނާ ކުރަން ޖެހޭނެ ކަމަށެވެ.
ވިޔަފާރީގެ މާހިރުން ބުނާ ގޮތުގައި ޗައިނާއިން އެގައުމުގެ ފައިސާ، ތެލުގެ ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރަން ބޭނުންނަމަ ތެޔޮ އުފައްދާ ބޮޑެތި ކުންފުނިތަކުން ޔުއާން ބޭނުންކުރަން ބާރު އަޅަންޖެހޭނެ ކަމަށެވެ.
ޗައިނާގެ ސަރުކާރުން މިއަހަރު ވަނީ ތެލުގެ މުއާމަލާތްތައް ކުރުމަށް ރަނުގެ މައްޗަށް އަގު ކަނޑައަޅައިގެން ޔުއާން ބޭނުންކުރުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފައެވެ. އޭގެ ސަބަބުން ޗައިނާއާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ފަރާތްތަކުން ރަނުން މުއާމަލާތު ކުރުމުގެ ގޮތުން ޔުއާން ރަނަށް ބަދަލުކޮށްގެން ވެސް މުއާމަލާތްތައް ކުރެވޭނެއެވެ.
ތެލުގެ މުއާމަލާތްތަކުގައި ޔުއާން ބޭނުންކުރަން ފަށައިފިނަމަ ރަޝިއާ، އިރާން އަދި ވެނެޒުއޭލާއަށް އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވެސް ލުޔެއް ލިބިގެން ދާނެއެވެ. އެގޮތުން ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރު ބޭނުންކުރުމުގެ ބަދަލުގައި އެ ގައުމުތަކަށް ޔުއާން ބޭނުންކުރެވޭނެއެވެ.
ވެނެޒުއޭލާއިން މިދިޔަ ސެޕްޓެމްބަރުމަހު ވަނީ ތެލުގެ ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރުގެ ބަދަލުގައި ޔޫރޯ ބޭނުންކުރަން ފަށައިފައެވެ. އެކަމާ ގުޅިގެން އެމެރިކާއިން ވަނީ ވެނެޒުއޭލާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.