ޕީޖީ ބިޝާމްގެ ކާރުގައި ރޯކޮށްލި މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން

ޕީޖީ ބިޝާމްގެ ކާރުކޮޅުގައި ރޭ ރޯވި އަލިފާން ގަނޑު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ފަޔާ ފައިޓަރުން ނިއްވާލަނީ --- ފޮޓޯ: އެމްއެންޑީއެފް

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ ކާރުކޮޅުގައި ހުޅުޖަހައި އަންދާލި މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހުގެ ރޭ މެންދަމު، ޖަނަވަރީ މަގުގައި އޮތް ޕީޖީ ބިޝާމްގެ ކާރުކޮޅުގައި ރޯކޮށްލާފައިވާއިރު އެކާރު އެއްކޮށް ވަނީ އަނދައި ހުލިވެފައެވެ.

ފުލުހުން މިއަދު "ސަން"އަށް ބުނީ، އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

"ސަން"އަށް އިތުބާރު ހުރިގޮތަކަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

ބިޝާމްގެ ކާރުކޮޅުގައި ހުޅުޖަހައި އަންދާލުމަކީ ޖިނާޢީ އަދުލުގެ ނިޒާމް ބަލިކަށިކޮށް، ޖިނާއީ އަދުލުގެ ނިޒާމާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ޓަކައި ކުރިމަތިކުރިވި ނުރައްކާތެރި އަމަލެއް ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.

ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލަކީ ޖިނާއި އަދުލު ގާއިމު ކުރުމުގައި މުހިއްމު ފަރާތެއް ކަމަށާއި އެކަމަނާގެ ކާރުކޮޅަށް ދިން ހަމަލާއަކީ ޖިނާއީ އަދުލު ގާއިމުކުރުމަށް ހުރަސްއެޅުމަށް ދިން ހަމަލާއެއް ކަމަށާއި އެކަން ބެލުމަށް ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

ކާރުކޮޅަށް ދިން ހަމަލާއާ ގުޅޭގޮތުން ޕީޖީ ބިޝާމް ވިދާޅުވީ އެ މައްސަލައިގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި އެއީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމްތަކަކަށް ވާތީ އެ ތަހުގީގުތައް ކުރިއަށްދަނީ އެ އޮފީހުގެ ފުރިހަމަ އިރުޝާދާ އެކު ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

"އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އެކަން ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނަން،" ބިޝާމް ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ކާރުކޮޅުގައި ރޯކޮށްލި މައްސަލައިގައި ޝައްކުކުރެވޭ ވަކި ފަރާތެއް ނެތް ކަމަށާއި އެކަން ކުރިބަޔަކުފުލުހުންގެ ތަހުގީގުން އެނގިގެންދާނެ ކަމަށެވެ.

comment ކޮމެންޓް