ލިމްކޮކްވިންގް ޔުނިވާސިޓީގެ އެންމެ ޝަރަފްވެރި އެވޯޑް ދިވެހި ދަރިވަރަކަށް

މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީގެ ޗާންސެލާސް އެވޯޑް ހާސިލްކުރި ޝިމްހާޒު ---

މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީގެ އެންމެ ޝަރަފްވެރި އެވޯޑް ދިވެހި ދަރިވަރަކަށް ލިބިއްޖެ އެވެ.

އެ ޔުނިވާސިޓީގެ މާސްޓާ އޮފް ސައިންސް އިން ކޮމްޕިއުޓިން ނެޓްފޯކިން ކޯހުގެ ހުރިހާ މޮޑިއުލަކުން އޭ ފާސް ހޯދައިގެން އެ ޔުނިވާސިޓީގެ ޗާންސެލާސް އެވޯޑް ލިބުނީ، ގއ. މާމެންދޫ އަށް އުފަން އެރަށު ސައީދު މަންޒިލް، ޝިމްހާޒު އަލީ، 30 އަށެވެ.

އޭގެ އިތުރުން އޭނާ ވަނީ ކިޔެވި ހުރިހާ މޮޑިއުލަކުން އެއްވަނަ ހޯދައި އަހަރުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ވެސް ހޯދައިފަ އެވެ.

ސައިރިކްސް ކޮލެޖުން މަތީ ތައުލީމު ހާސިލް ކޮށްފައިވާ ޝިމްހާޒަކީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މިހާރުގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެކެވެ.

އަދި ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓް (އެސްއޯ)ގައި އޭނާ މަސައްކަތް ކުރިއިރު ފުލުހުންގެ ހިދުމަތުގައި ހަތް އަހަރު ވަނީ ވެފަ އެވެ. ޝިމްހާޒު ޕޭލީވްގެ ދަށުން މެލޭޝިއާ އަށް ކިޔަވަން ދިޔައީ މިދިޔަ އަހަރު އެވެ.

މެލޭޝިއާގައި ހުރެ ޝިމްހާޒު ސަން އަށް ބުނީ، އޭނާއަށް ލިބުނު ނަތީޖާ ހޯދަން ބުރަ މަސައްކަތްތަކެއް ކުރި ކަމަށާއި އެގޮތުން ޔުނިވާސިޓީން ދޭ ފިލާވަޅުތަކާއި އެސައިންޓްމަންޓުތައް ވަގުތަށް ނިންމަން އިސްކަން ދިން ކަމަށެވެ.

"ކިޔަވަން ވަރަށް ބޮޑު ހިތްވަރަކަށްވި އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުން އަދި އަޅުނގަޑުގެ ބޭބެ ޝަހީމް ވެސް. ހާއްސަކޮށް މަންމަ، ބައްޕަ އަދި އަންހެނުން. އޭގެ އިތުރުން ފުލުހުންގެ އިދާރާއަށް ވެސް. ފުލުހުންނަކީ އިންސާނީ ތަރައްގީ އަށް މަސައްކަތްކުރާ ބައެއް،" ޝިމްހާޒު ބުންޏެވެ.

އޭނާ ބުނީ، މެލޭޝިއާގައި ކިޔެވި ޔުނިވާސިޓީގައި ކިޔަވާ ދިވެހި ދަރިވަރުންގެ ފަރާތުން ވެސް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.

comment ކޮމެންޓް