"ދުނިޔޭގައި އެންމެ މަދުން ބޭނުން ކުރާ އެއާޕޯޓު" އިންޑިއާއިން ގަންނަނީ

ލަންކާގެ މައްތަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓު 2013 ވަނަ އަހަރު. އިންޑިއާ އިން ވަނީ އެއެއާޕޯޓު ގަންނަން ނިންމާފައި -- ފޮޓޯ: އޭޕީ

ދިއްލީ (ޑިސެމްބަރު 14): އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާ މިންވަރު ކުޑަކުރުމަށް ޓަކައި، ސްރީ ލަންކާގައި އޮންނަ މަދު ބަޔަކު ބޭނުން ކުރާ އެއާޕޯޓެއް ގަންނަން އިންޑިއާއިން ނިންމައިފި އެވެ.

ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ހުޅުވި މައްތަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓަކީ އަހަރަކު އެއް މިލިއަން ފަސިންޖަރުން ގެނައުމަށް ހަދާފައިވާ އެއާޕޯޓެކެވެ. ނަމަވެސް މިހާރު އެއެއާޕޯޓު ބޭނުން ކުރަނީ މަދު ބަޔެކެވެ. އަދި އެއެއާޕޯޓަށް ފްލައިޓުތަކުން ލިބުނު ފައިދާއަށް ވުރެ، ކާގޯ ޓާމިނަލްތައް ގުދަނުގެ ގޮތުގައި ކުއްޔަށް ދީގެން ލިބުނު ފައިދާ މާބޮޑެވެ.

ނަމަވެސް އިންޑިއާ އިން މިހާރު ދަނީ އެއެއާޕޯޓު 40 އަހަރަށް ކުއްޔަށް ނެގުމަށް ޓަކައި 300 މިލިއަން ޑޮލަރު ދިނުމަށް ތައްޔާރުވަމުންނެވެ.

އިންޑިއާ ކަނޑުގެ ސްޓްރެޓެޖީތަކާ ބެހޭ މާހިރެއް ކަމަށްވާ ޑޭވިޑް ބްރިއުސްޓާ ވިދާޅުވި ގޮތުގައި އެއެއާޕޯޓަށް ހަދާނެ ގޮތެއް އިންޑިއާ އިން ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް އޭނާ ލަފާ ކުރާ ގޮތުގައި އިންޑިއާއިން އެއެއާޕޯޓު ކުއްޔަށް ނަގަނީ އެއީ ޗައިނާއަށް 99 އަހަރަށް ކުއްޔަށް ދީފައިވާ ހަމްބަންތޮޓަ ޑިސްޓްރިކްޓުގެ ބަނދަރާ ކައިރީގައި އޮތް އެއާޕޯޓަކަށް ވުމުންނެވެ.

އިންޑިއާ އިން ވަނީ ޗައިނާއިން އެބަނދަރު އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްފާނެ ކަމުގެ ބިރު މީގެ ކުރިން ފާޅުކޮށްފަ އެވެ. އަދި އެބަނދަރާ ކައިރީގައި އެއާޕޯޓެއް ނެތް ނަމަ އެފަދަ މަރުކަޒެއް ހިންގުމަށް ޗައިނާއަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބްރިއުސްޓާ ވިދާޅުވި އެވެ.

"ހަމްބަންތޮޓާ އެއާޕޯޓު ކޮންޓްރޯލް ކުރުމުން ހަމްބަންތޮޓާ ބަނދަރު ބޭނުން ކުރާ ގޮތުގެ މައްޗަށް އިންޑިއާއަށް ބާރު ފޯރުވޭނެ. އަދި އެއާޕޯޓަކާ ނުލައި ޗައިނާގެ ކަނޑުގެ ސިފައިން ހަމްބަންތޯޓާގައި އަސްކަރީ މަރުކަޒެއް ހެދުމަކީ އުނދަގޫ ކަމެއް. ކުރުކޮށް ބުނާ ނަމަ، އެއާޕޯޓެއް ގަތުމަށް އިންޑިއާ އިން 300 މިލިއަން ޑޮލަރު ހޭދަ ކުރަނީ ޗައިނާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް އެޅުން ހުއްޓުވުމަށް،" ބްރިއުސްޓާ ވިދާޅުވި އެވެ.

ފާއިތުވި އަހަރު ތެރޭގައި ލަންކާއާ އޮތް ގުޅުންތައް އިތުރަށް ވަރުގަދަކޮށްފައިވާ ޗައިނާއިން ވަނީ އެގައުމުގެ ހަނގުރާމަމަތީ ބޯޓުތަކާއި ސަބްމެރިންތައް ލަންކާގައި ބަނދަރުކޮށްފަ އެވެ. އަދި ހަމްބަންތޮޓާ ބަނދަރުގެ ސަބަބުން ޗައިނާގެ ބެލްޓު އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާއާ ޔޫރަޕާ ގުޅުވައިދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ. (ބިޒްނަސްއިންސައިޑާ)

comment ކޮމެންޓް