ލިވަޕޫލާއި އާސެނަލް އެއްވަރުވި އިރު، ޔުނައިޓެޑް އަށް އުނދަގޫ މޮޅެއް

އިނގިރޭސި ޕްރިމިއަ ލީގުގައި މެންޗެސްޓަ ޔުނައިޓެޑާއި ބޯންމައުތު ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް އުނދަގޫ މޮޅެއް ހޯދި އިރު، ލިވަޕޫލް އާއި އާސެނަލް ކުޅުނު މެޗުތައް އެއްވަރުވެގެން ނިމިއްޖެ އެވެ.

ޔުނައިޓެޑް ރޭ މޮޅުވީ އަމިއްލަ ދަނޑުގައި ބޯންމަތްއާ ބައްދަލުކުރި މެޗު 0-1 އިން ކާމިޔާބު ކޮށްގެންނެވެ. ރޭގެ މެޗުގެ ހަމައެކަނި ލަނޑު ޔުނައިޓެޑަށް މެޗުގެ 25 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ. މި މެޗުގައި ޔުނައިޓެޑަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ.

ލީގުގެ ފަސްވަނާގައި އޮތް ލިވަޕޫލް އާއި އަލާން ޕާޑިއުގެ އިރުޝާދުގެ ދަށުން ކުޅޭ ވެސްޓްބްރޮމް ބައްދަލު ކުރި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އިނގިރޭސި ޕްރިމިއަ ލީގުގައި ލިވަޕޫލާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ވެސްޓްބްރޮމް އިން ޚުވަރަށް ޑިފެންސިވް ގޭމެއް ކުޅުނުއިރު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް މެޗުގެ ކުރީކޮޅު ލިވަޕޫލްގެ ރޮބާޓޯ ފަމީނޯ އަށް ވަނީ ލިބިގެން ގޮސްފަ އެވެ. ނަމަވެސް ވެސްޓްބްރޮމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެސްޓްބްރޮމް އިން ވެސް ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ވަނީ ފޮނުވާލާފަ އެވެ. އެގޮތުން ލިވަޕޫލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ރޮބްސަން ކާނޫ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އިނގިރޭސި ޕްރިމިއަ ލީގުގައި އާސެނަލް އާއި ވެސްޓް ހަމް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

އާސެނަލް ރޭ އެއްވަރުވީ ލީގުގެ 19 ވަނައިގައި އޮތް ވެސްޓްހަމް ޔުނައިޓެޑާ ބައްދަލުކޮށެވެ. މި މެޗުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވި ނަމަވެސް ގޯލްޖަހާނެ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިފައިވެ އެވެ. ވެސްޓް ހާމް އަންނަނީ އާ ކޯޗު ޑޭވިޑް މޮއިސްގެ އިރުޝާދުގެ ދަށުން ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ރޭގެ މޮޅާއެކު ޔުނައިޓެޑް ލީގުގެ ދެވަނައިގައި އޮތީ 38 ޕޮއިންޓާ އެކު އެވެ. އެއްތިރީސް ޕޮއިންޓާ އެކު ލީގުގެ ފަސްވަނާގައި ލިވަޕޫލް އޮތްއިރު އާސެނަލް އޮތީ 30 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ.

comment ކޮމެންޓް