އެފްޓީއޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ފައިދާ ކުރާނެ: މަޓާޓޯ

ޗައިނާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަނީ --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި ޗައިނާއާ އެކު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރި (އެފްޓީއޭ)ގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އެކަމުގެ ފައިދާ ކުރާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ތަމްސީލްކުރާ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.

މަޓާޓޯ އިން އިއްޔެ އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، މިނިވަން ވިޔަފާރީގެ އެއްބަސްވުން ދިރާސާކޮށް ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާ ބެހޭ ގޮތުން އެ އެއްބަސް ވުމުގައިވާ ކަންކަން ދިރާސާ ކުރުމުގެ ފުރުސަތު އެ ޖަމިއްޔާ އަށް ލިބިފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ފައިދާ ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މަޓާޓޯ އިން ބުނީ، އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޓްރެވަލް އެޖެންޓުންނަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ޓްރެވަލް އެޖެންސީތައް ހިންގުމުގެ ފުރުސަތު އެ އެއްބަސްވުމުގެ ދަށުން ލިބިފައި ނުވާ ކަމަށާއި އެފަދަ ކަމެއް ކުރާ ނަމަ ރާއްޖޭގެ ގާނޫނާއި ފޮރިން އިންވެސްޓްމަންޓް ޕޮލިސީތަކުން އެކަން ހުއްޓުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މަޓާޓޯ އިން ބުންޏެވެ.

ޗައިނާގެ ފަތުރުވެރިންނާ އެކު މޯލްޑިވިއަން އެއާލައިންގެ ކެބިންކުރޫން ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަޓާޓޯ އިން ބުނީ އިކޮނަމިކް މިނިސްޓްރީ އިން ރާއްޖޭގެ ވިޔަފާރިތަކާ މެދު ގެންގުޅޭ ހެޔޮ ވިސްނުމާއި ރާއްޖޭގެ ޓްރެވަލް އެޖެންޓުން ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ފާހަގަކޮށް އުފާކުރާ ކަމަށެވެ.

ރާއްޖެ އިން ޗައިނާއަށް ކުރާ ސީދާ ދަތުރުތަކުގެ ފައިދާތައް ފާހަގަކޮށް، މަޓާޓޯ އިން ބުނީ، ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ޗައިނާގެ އިތުރު ސިޓީތަކަށް ސީދާ ދަތުރުތައް ރާއްޖެ އިން ކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޓްރެވަލް އެޖެންޓުންނަށް ޗައިނާގެ އެކި ސިޓީތަކުގައި ޓްރެވަލް އެޖެންސީތައް ހިންގުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޗައިނާގެ ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލަކީ ރާއްޖެ އެވެ. އަދި ފާއިތުވި ހަތް އަހަރު ތެރޭގައި ރާއްޖޭގެ ޓޫރިޒަމް މާކެޓްގައި އެންމެ ކުރީގައި އޮންނަ ގައުމުކަމަކީ ޗައިނާ ކަމަށް މަޓާޓޯއިން ބުންޏެވެ. އަދި ޔުނައިޓެޑް ނޭޝަން ވާލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ)ގެ މިދިޔަ އަހަރުގެ ރިޕޯޓުތައް ދައްކާ ގޮތުން ވެސް ޗައިނާއަކީ މުޅި ދުނިޔޭގެ ވެސް އައުޓްބޮންޑް ޓޫރިޒަމްގެ އެންމެ ކުރީގައި އޮތް ގައުމުކަން އެޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފަ އެވެ.

comment ކޮމެންޓް