ރަޝީދު މަރުވި މައްސަލާގައި ކުޑަކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

އިބްރާހިމް ރަޝީދު އާދަމްގެ ޖަނާޒާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މާލޭ ދަފްތަރު 1140 އިބްރާހިމް ރަޝީދު އާދަމް މަރުވި މައްސަލާގައި އަނެއް ސައިކަލް ދުއްވި ކުޑަކުއްޖާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ މިހާރު 17 އަހަރު ފުރިފައިވާ އެކުއްޖާގެ މައްޗަށް އުފުލާފައި ވަނީ މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ ކަމަށެވެ. ހާދިސާ ހިނގިއިރު އެކުއްޖަގެ އުމުރަކީ 16 އަހަރެެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:15 އެހައިކަންހާއިރު، ހުޅުމާލޭ ނިރޮޅުމަގުގެ ދެކުނުން އުތުރަށް ބާރުސްޕީޑުގައި އެ ކުއްޖަ ސައިކަލް ދުއްވާފައި ދަނިކޮށް، އެސަރަހައްދުން ކަނާތްފަރާތަށްވާގޮތަށް އަނބުރާލި ސައިކަލްޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ.

އެ އެކްސިޑެންޓާ ގުޅިގެން ލިބުނު ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ރަޝީދު މަރުވެފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.

އެކުއްޖާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.

ކުޑަކުއްޖާ ދުއްވި ސައިކަލްގެ ފަހަތުގައި އިން ކުއްޖާ ވެސް ފުލުހުން ހައްޔަރުކުރިއެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ އުފުލާފައެއްނުވެއެވެ. އެދުވަހު އެކްސިޑެންޓުވުމުން ސައިކަލް ދުއްވި ކުއްޖާ ވަނީ ފިލާފައެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ގާނޫނީ ވަކީލަކު ހަމަޖައްސަން ދައުވާ ލިބޭ ކުއްޖާ އަށް ފުރުސަތުދީފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ.

comment ކޮމެންޓް