ކޮރަޕްޝަނުގެ މައްސަލައެއްގައި އެކުއެޑޯގެ ނައިބު ރައީސް ހަ އަހަރަށް ޖަލަށް

ކޮރަޕްޝަނުގެ މައްސަލައެއްގައި އެކުއެޑޯގެ ނައިބު ރައީސް ހޯހޭ ގްލާސް ހަ އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައި -- ފޮޓޯ: އީޕީއޭ

ކީތޯ (ޑިސެމްބަރު 14): ކޮރަޕްޝަނުގެ މައްސަލައެއްގައި އެކުއެޑޯގެ ނައިބު ރައީސް ހޯހޭ ގްލާސް ހަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ގްލާސް ޖަލަށް ލުމަށް ހުކުމް ކުރީ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އޯޑެބްރެކްޓުން ދިން 13.5 މިލިއަން ޑޮލަރުގެ ރިޝްވަތު ހޯދި ކަމަށް ސާބިތުވުމުންނެވެ.

އޯޑެބްރެކްޓަކީ ސަރުކާރުގެ ކޮންޓްރެކްޓުތައް ހޯދުމަށް ޓަކައި އާއްމު ގޮތެއްގައި ރިޝްވަތުދޭ ކުންފުންޏެކެވެ. އެގޮތުން 12 ގައުމަކަށް ރިޝްވަތުގެ ގޮތުގައި 788 މިލިއަން ޑޮލަރު ދީފައިވާ ކަމަށް އެކުންފުނިން ވަނީ އެއްބަސްވެފަ އެވެ. އެކުންފުންޏާ ގުޅުން ހުރި މައްސަލަތައް ދަނީ މެކްސިކޯ، ޕެރޫ، ޕެނަމާ އަދި ބްރެޒިލްގައި ބަލަމުންނެވެ.

ޕްރޮސިކިއުޓަރުން ވިދާޅުވި ގޮތުގައި ގްލާސް އެ ފައިސާ ހޯދާފައި ވަނީ އޭނާގެ ބޮޑުބޭބެ ރިކާޑޯ ރިވޭރާ މެދުވެރިކޮށެވެ. އޭގެ ސަބަބުން ރިވޭރާ އާއި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ވަނީ ހަ އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.

ދެހާސްތޭރަ ވަނަ އަހަރުން ފެށިގެން ނައިބު ރައީސްކަން ކުރައްވަމުން ގެންދަވާ ގްލާސް ވަނީ އެ މައްސަލައާ ގުޅިގެން މިދިޔަ އޮގަސްޓު މަހު މަގާމުން ސަސްޕެންޑުކޮށްފަ އެވެ. އަދި އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް