އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ޒަމްބްރޯޓާ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

ޗުއްޓީއަށް ރާއްޖެއައި އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ޒަމްބްރޯޓާ އާއެކު އެއާޕޯޓުގެ ސްޓާފަކު ފޮޓޯއެއް ނަގަނީ --- ފޮޓޯ/ ފޭސްބުކް

އިޓަލީގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ލެޖެންޑް ޖިއަންލޫކާ ޒަމްބްރޯޓާ ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެއެވެ.

އިޓަލީގެ ޔުވެންޓަސް، މިލާންގެ އިތުރުން ބާސެލޯނާއަށް ވެސް ކުޅެފައިވާ ޒަމްބްރޯޓާ ރާއްޖެ އައިސްފައިވަނީ މިއަދު ދުބާއީ މަގުން ރާއްޖެ އައި އެމިރޭޓްސްގެ ފްލައިޓަކުން ނެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އާއިލާއާ އެކު ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ނަމަވެސް އޭނާ ޗުއްޓީ ހޭދަ ކުރާނީ ކޮން ތަނެއްގައި ކަމެއް އަދި ނޭނގެއެވެ.

އިޓަލީގެ ކޯމޯ އަށް އުފަން ޒަމްބްރޯޓާ ފުޓްބޯޅަ ކެރިއަރު ފެށީ 1994 ވަނަ އަހަރު އޭނާގެ އުފަން އަވަށުގެ ކުލަބުންނެވެ. އަދި އިޓަލީގެ އެފްސީ ބާރީ އަށް ބަދަލުވި ހިސާބުން މަޝްހޫރުކަން ލިބި 1999 ވަނަ އަހަރު ޖުވެންޓަސް އަށް އޭނާ ބަދަލުވި އެވެ.

ޔުވެންޓަސްގައި ޒަމްބްރޯޓާ ހޭދަކުރި ހަތް ސީޒަންގައި އެ ކުލަބަށް އިޓަލީ ލީގު ޖެހިޖެހިގެން ދެ އަހަރު ހޯދައި ދީފައިވާއިރު، 2002 އަދި 2003 ވަނަ އަހަރުގެ ސްޕާކޮޕާ އިޓަލިއާނާގެ ތަށި އުފުލާލިއިރު 2003 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެ ކުލަބް ގެންގޮސް ދީފައިވެ އެވެ.

ޔުވެންޓަސް އަށްފަހު ޒަމްބްރޯޓާ ދެން ބަދަލުވީ ސްޕެއިންގެ ބާސެލޯނާ އަށެވެ. އެ ކުލަބުގައި ދެ އަހަރު ހޭދަ ކުރުމަށްފަހު އޭނާ އަނެއްކާ ވެސް ބަދަލުވީ އިޓަލީ ލީގުގެ މިލާނަށެވެ.

އެ ކުލަބާއެކު ޒަމްބްރޯޓާ ވަނީ އޭނާގެ ތިން ވަނަ އިޓަލީ ލީގު ކާމިޔާބު ކޮށް 2011 ވަނަ އަހަރުގެ ސުޕަކޮޕާ އިޓަލިއާނާ ހޯދުމުގައި އިސް ދައުރެއް އަދާ ކޮށްފައެވެ. ޒަމްބްރޯޓާ ފުޓްބޯޅަ ކެރިއަރު ނިންމާލީ 2014 ވަނަ އަހަރު ސްވިސް ކުލަބް ޗިއަސްސޯގައި އެއް ސީޒަން ހޭދަ ކުރުމަށްފަހު އެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ޒަމްބްރޯޓާ އަކީ ކާމިޔާބު ކުޅުންތެރި އެކެވެ.

އެގޮތުން ތިން ފީފާ ވޯލްޑު ކަޕާއި ތިން ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް އަދި 2009 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަން ކަޕްގެ އިތުރުން 2000 ވަނަ އަހަރުގެ ސަމާ އޮލިމްޕިކްސްގައި އޭނާ ވަނީ އިޓަލީގެ ގައުމީ ޓީމާއެކު ކުޅެފައެވެ.

އޭގެ އިތުރުން ޒަމްބްރޯޓާ އަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީއަށް ކާމިޔާބު ކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށް އެ މުބާރާތުގައި ދެއްކި ކުޅުމުގެ ސަބަބުން ޓީމް އޮފް ދަ ޓޯނަމެންޓުގެ ތެރޭގައި ހިމެނުނު ކުޅުންތެރި އެކެވެ.

comment ކޮމެންޓް