ހިރަފުސް ނާރާ ތަނަކަށް އަދީބު ބަދަލުކުރަން ޑޮކްޓަރު ލަފާ ދެއްވައިފި

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އަދީބު ދޫނިދޫގައި އޮންނަވާ ގޮޅީގެ ފޮޓޯ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ބަންދުކޮށްފައި ހުންނަތަނަކީ ހިރަފުހުން ރައްކާތެރި ތަނަކަށް ހެދުމަށް ޑޮކްޓަރުން ލަފާ ދެއްވައިފި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި އަދިވެސް އިތުރު ކުށްތަކެއް ސާބިތުވާ ކަމަށް ކަނޑައަޅައި އަދީބަށް ވަނީ އެކި ފަހަރު މަތިން 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މިހާރު އަދީބު ބަންދުގައި ހުންނަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގަ އެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ސޮއިކުރައްވައި ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އައިޖީއެމްއެޗްގެ ލޮލުގެ ޑޮކްޓަރަކަށް އަދީބު ދެއްކުމުން "ދިރިއުޅޭ ތަނަކީ ހިރަފުހުން ރައްކާތެރިވެފައިވާ ތަނަކަށް ވާނެޖެހޭނެ ކަމަށާއި ބަރުތަކެތި އުފުލައި ނޫޅުމަށް" ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަަމަށެވެ.

އެގޮތަށް ޑޮކްޓަރު ލަފާ ދެއްވީ ލޮލުގައި ޖަރާސީމު އުފެދިފައި ހުރުމުން ކަމަށްވެސް ސިޓީގައި ވަނީ ބުނެފަ އެވެ.

ނަމަވެސް މިހާރު އަދީބު ބަންދުކޮށްފައި ބަހައްޓާފައި ހުރި ގޮޅިއަކީ ހިރަފުހުން ސަލާމަތް ކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ގޮޅިއެއް ނޫން ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

އަދި ފާނާ ފްލެޝް ކުރުމާއި ފެންވެރުމަށް ދުވާލަކު އެތައް ފަހަރަކު ބާލިދީއަށް ފެންއަޅައި އުފުލަން ޖެހޭ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

ޑޮކްޓަރުގެ ލަފައާ އެއްގޮތަށް ހިރަފުސް ނާރާ ތަނަކަށް ބަދަލުކޮށްދިނުމުގެ ގޮތުން ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.

އަދީބަށް ގްލޮކޮމާ ޖެހިފައިވާ ކަމަށް މީގެކުރިންވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ. ސިޓީގައި ބުނެފައިވަނީ އަދީބު ހިރަފުސް ނާރާ ތަނަކަށް ބަދަލު ނުކޮށްފިނަމަ އިތުރަށް ލޮލުގެ ހާލަތު ގޯސްވެދާނެތީ ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް އަމަލުކޮށްދިނުމަށެވެ.

comment ކޮމެންޓް