"ދުނިޔޭގެ އެންމެ ވަރުގަދަ ނިއުކުލިއާ ބާރަށް އުތުރުކޮރެއާ ހަދާނަން"

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން. ދުނިޔޭގެ އެންމެ ވަރުގަދަ ނިއުކުލިއާ ބާރަށް އުތުރުކޮރެއާ ހައްދަވާނެކަމަށް އެމަނިކުފާނު ވިދާޅުވި-- ފޮޓޯ: ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ

ދުނިޔޭގެ އެންމެ ވަރުގަދަަ ނިއުކުލިއާ ބާރަށް އުތުރުކޮރެއާ ހައްދަވާނެ ކަމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން ވައުދުވެވަޑައިގެންފި އެވެ.

އުތުރު ކޮރެއާ އިން އިއްޔެ ކުރި މިސައިލް ޓެސްޓާ ގުޅިގެން އެ މިސައިލް އުފެއްދުމުގައި ހަރަކާތެރިވި ބޭފުޅުންނާ ބައްދަލުކުރައްވައި ކިމް ވިދާޅުވީ ދުނިޔޭގެ އެންމެ ވަރުގަދަ ނިއުކުލިއާ ބާރުގެ އިތުރުން އެންމެ ވަރުގަދަ މިލިޓަރީ ބާރަށް ވެސް އުތުރުކޮރެއާ ހައްދަވާނެ ކަމަށެވެ.

ކިމް އެފަދައިން ވިދާޅުވި އިރު އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ރެކްސް ޓިލަސަން ވަނީ ޝަރުތަކާ ނުލައި އުތުރުކޮރެއާއާ ވާހަކަދައްކަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

އުތުރުކޮރެއާގެ އަތުގައި ނިއުކުލިއާ ހަތިޔާރު ހުރުމަކީ މުޅި ސަރަހައްދަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެކަން ބަލައިނުގެނެވޭނެ ކަމަށް މީގެ ކުރިން އެމެރިކާ އިން ބުނި ކަމުގައި ވިޔަސް ޓިލަސަން ވިދާޅުވީ އުތުރުކޮރެއާ އިން ބޭނުން ކޮންމެ ވަގުތަކު ވާހަކަތައް ބާއްވަން އެމެރިކާ އިން ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް ޓިލަސަން ވިދާޅުވީ ވާހަކަތައް ފެށުމުގެ ކުރިން ޓެސްޓުތައް ކުޑަދުވަސް ކޮޅަކަށް މެދުކަނޑާލަން ޖެހޭނޭ ކަމަށެވެ.

ޓިލަސަން ވިދާޅުވީ އުތުރުކޮރެއާ އިން ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމަށް ބާރުއެޅުމުގެ ގޮތުން އެމެރިކާ އިން ދަނީ ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރަމުންނެވެ.
"އަޅުގަނޑު ކުރިންވެސް ދެންނެވިން ޑިޕްލޮމެޓިކް ގޮތުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން އުތުރުކޮރެއާއިން ބޮން އަޅަންދެން." ޓިލަސަން ވިދާޅުވި އެވެ.

އުތުރުކޮރެއާ އިން ކޮރެއާ ސަރަހައްދުގައި ދޭތެރެދޭތެރެއިން ކުރަމުންދާ ނިއުކުލިއާ އަދި މިސައިލް ޓެސްޓުތަކުގެ ސަބަބުން އެ ސަރަހައްދު ވަނީ ވަރަށް ނުތަނަވަސްވެފަ އެވެ.

comment ކޮމެންޓް