ސެންޓާރާ ގްރޭންޑް ރިސޯޓު ކައިރިއަށް ޑައިވަށް ދިޔަ ޗައިނާ މީހާ އަދިވެސް ނުފެނޭ

ސެންޓާރާ ގުރޭންޑް ރިސޯޓުގެ މޫދު ކޮޓަރި ތަކެއް ފެންނަ ފޮޓޯއެއް --- ފޮޓޯ/ ކެންވުޑް ޓްރެވަލް

އދ. އަތޮޅުގައި އޮންނަ ސެންޓާރާ ގްރޭންޑް ރިސޯޓު ކައިރިއަށް އިއްޔެ ފްރީ ޑައިވް އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ސެންޓާރާ ގުރޭންޑް ރިސޯޓުގެ އުތުރު ފަރާތަށް ފްރީ ޑައިވް ކުރަން ފައިބައިގެން އުޅެނިކޮށް އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުންދަނީ އެ ރިސޯޓުގެ ޑައިވް ސެންޓަރުގައި މަސައްކަތް ކުރަމުންދާ ޗައިނާ ޑައިވް އިންސްޓުރަކްޓަރެކެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އެ މީހާ އަދި ނުފެންނަ ކަމަށާއި ކޯސްޓްގާޑުގެ ޑައިވަރުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އޭނާ ހޯދުމަށް އެ ސަރަހައްދުގެ ސީ ސާވޭސް ބަލަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ޗައިނާ މުވައްޒަފު ގެއްލިގެން އެމްއެންޑީއެފަށް އެ ރިސޯޓުން ރިޕޯޓް ކުރީ އިއްޔެ ހަވީރު 5:34 އެހައިކަންހާއިރުއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ގެއްލުނު މީހާ އެންމެ ފަހުން ލައިގެން ހުރީ ގަދަ ނޫ ކުލައިގެ ސްކޫބާ ޕްރޯ ޑައިވް ޝޯޓީ ސޫޓެކެވެ. އަދި އޭނާ އަކީ އިސްކޮޅުގައި ފަސް ފޫޓް ހުރި ދޮން މީހެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް