މާލޭގައި ރަހީނުކޮށްގެން ގެންގުޅުނު ބިދޭސީއަކު ފުލުހުން ސަލާމަތްކޮށްފި

މާލޭ މަގުމަތީގައި ބިދޭސީންތަކެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހޯމަދުވަހުން ފަށިގެން މާލޭގައި ރަހީނުކޮށްގެން ގެންގުޅުނު ބިދޭސީއަކު ފުލުހުން ސަލާމަތްކޮށްފިއެވެ.

އެ ބިދޭސީ މީހާއަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އެމީހާ ރަހީނުކޮށްފައިވަނީ ހޯމަދުވަހުގެ މެންދުރު 11:00 އެހައިކަންހާއިރުއެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިދޭސީމީހާ ރަހީނުކޮށްފައިވަނީ ބިދޭސީންތަކެކެވެ. އެ އެންމެންނަކީ ވެެސް ބަނގުލަދޭޝަށް ނިސްބަތްވާ މީހުންނެވެ.

އެބިދޭސީމީހާ ރަހީނުކުރީ ބިދޭސީއެއްގެ އަތުން ލޯނެއް ނަގައި އެފައިސާ ނުދެއްކުމުންކަމަށް ބުނެއެވެ. އަދި އެމީހާ ރަހީނުކުރިކަން އެނގުނީ އެ ބިދޭސީމީހާގެ ދަރިފުޅަށް ގުޅައި ބައްޕަ ދޫކޮށްލަން ބޭނުންނަމަ އެ ދެބަފައިންގެ ގެ ރަހީނުކުރި މީހުންގެ ނަންމައްޗަށް ބަދަލު ކުރުމަށް ޑިމާންޑް ކުރުމުންނެވެ.

ބިދޭސީ މީހާ ހައްޔަރުކޮށްގެން ގެންގުޅެފައިވަނީ މާލޭ ގެއެއްގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އަދި އެމީހާ ރަހީނުކުރިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރަހީނުކުރި ބިދޭސީ މީހާގެ ދަރިފުޅެވެ.

ރަހީނުކުރި ބިދޭސީމީހާ ސަލާމަތްކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި ބިދޭސީއަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ހޯމަ ދުވަހު ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެެއްވައެވެ.

comment ކޮމެންޓް