އަލަބާމާގެ ސެނެޓު އިންތިހާބުގައި ޓްރަޕްމަށް ބޮޑެތި ޕްރެޝަރުތަކެއް

އެމެރިކާގެ ސެނެޓުގެ އިންތިހާބުގައި އަލަބާމާ ސްޓޭޓްގެ ފަރާތުން ވާދަކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓް ރޯއީ މުއާ. ޓްރަމްޕްގެ ޕާޓީއަށް ނިސްބަތްވާ ރޯއީ ބަލިވެވަޑައިގެންނެވި އިރު، އޭނާއަށް ވަނީ ޖިންސީގޯނާ ކުރުމުގެ ތުހުމަތު ކުރެވިފައި-- ފޮތޯ: އޭޕީ

އެމެރިކާގައި ކުރިއަށް ދިޔަ އަލަބާމާ ސްޓޭޓްގެ ސެނެޓުގެ އިންތިހާބުގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެވަޑައިގެންފި އެވެ.

ޓްރަމްޕަށް މި ފަހަރު ޕްރެޝަރުތައް ކުރިމަތިވެ ވަޑައިގެންނެވީ ސެނެޓްގެ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން އަލަބާމާ ސްޓޭޓަށް ކުރިމަތިލެއްވި ކެންޑިޑޭޓް ރޯއީ މުއާ ބަލިވުމުންނެވެ. އަލަބާމާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޑަގް ޖޯންސް އެވެ.

މިހާތަނަށް ވޯޓުގެ 99 ޕަސެންޓް ގުނާނިމިފައިވާ އިރު، ޑަގް އުޅުއްވަނީ ރޯއީއަށް ވުރެ 1.5 ޕަސެންޓް ކުރީގަ އެވެ.

ޓްރަމްޕްއެކޭ އެއްފަދައިން ރޯއީއަށް ވެސް ވަނީ އަންހެނުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުތަކާ ކުރިމަތިލާންޖެހިވަޑައިގެންފަ އެވެ. ރޯއީ ރިޕަބްލިކަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ޕާޓީގެ މެމްބަރުން ދެކޮޅު ހެއްދެވި ނަމަވެސް ޓްރަމްޕް ވަނީ ރޯއީ އެންޑޯސްކޮށްފަ އެވެ. އެހެންކަމުން ރޯއީއާ މެދު ރިޕަބްލިކަން ޕާޓީ ވެސް ވަނީ ދެބައިވެފަ އެވެ.

އެމެރިކާގެ ސެނެޓުގެ އިންތިހާބުގައި އަލަބާމާ ސްޓޭޓްގެ ފާރާތުން ކާމިޔާބުކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓް ޑަގް ޖޯންސް. އިންތިހާބުގައި ޓްރަމްޕް އެންޑޯސްކުރެއްވި ކެންޑިޑޭޓް ވަނީ ބަލިވެވަޑައިގެންފައި -- ފޮޓޯ: ރޮއިޓާސް

ރިޕަބްލިކަން ޕާޓީގެ ސެނެޓް ލީޑަރު މިޗު މެކްކޮނެލް ވަނީ ރޯއީ އިންތިހާބުން ވަކިވުމަށް ގޮވާލައްވައިފަ އެވެ. އަދި ޕާޓީގެ އެހެން ސެނެޓް މެމްބަރުން ވިދާޅުވީ ރޯއީ އިންތިހާބުވެވަޑައިގެންނެވިޔަސް މަގާމުން ދުކުކުރައްވާނެ ކަމަށެވެ.

އެމެރިކާގެ ރައިީސްގެ މައްޗަށް ކުރެވިފައިވާ ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކުގެ މައްސަލާގައި ޓްރަމްޕަށް ދަނީ ވަރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެވަޑައިގަންނަމަވަމުންނެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ތަހުގީގު ކުރުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖުލީހުގެ 56 އަންހެން މެމްބަރަކު ވަނީ ގޮވާލައްވައިފި އެވެ.

ޓްރަމްޕްގެ މައްޗަށް ޖިންސީގޯނާގެ ތުހުމަތުކޮށްފައިވާ ދަނޑިވަޅު، އެމެރިކާގައި އެތަކެއް ސިޔާސީ މީހުންނާއި ހޮލީވުޑްގެ ގިނަ ބަޔަކު އެފަދަ ތުހުމަތުތަކާ ހުރެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

comment ކޮމެންޓް