އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ސެޕްޓެމްބަރު 4 ގައި ފަށަނީ

އިންޑިއާ 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކަމިޔާބު ކުރުމަށް ފަހު--

މިމަހު ބަނގުލަދޭޝްގައި ބޭއްވުމަށް ކުރިން ތާވަލްކޮށްފައި އޮތް 12 ވަނަ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ފަށަން ކުރިން ހަމަޖައްސާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއިން ވަނީ އެ ތާރީޚްގައި މުބާރާތް ބާއްވާނަމަ ބައިވެރި ނުވެވޭނޭކަމަށް ބުނެފައެވެ. މިއާއެކު އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ އެދުމުގެ މަތިން މުބާރާތް އަންނަ އަހަރަށް ފަސްކުރުމަށް ސާފް ކޮމެޓީން ވަނީ ނިންމާފައެވެ.

އަންނަ އަހަރުގެ މުބާރާތުގައި ވާދަކުރާނީ ހަތް ޓީމެވެ. އެއީ ބަނގުލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އެވެ. މީގެ ކުރިން އެ މުބާރާތުގައި ބައިވެރިވި އަފްޣާނިސްތާން އަންނަ އަހަރު ބައިވެރިއެއް ނުވާނެއެވެ. އެ ގައުމު ވަނީ މެދުތެރޭ އޭޝިއާގެ މުބާރާތްތަކުގައި ވާދަކުރުމަށް ނިންމާފައެވެ.

މީގެ އިތުރުން އެންގުން ތަކާކާ ޚިލާފުވުމުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކޮށް އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭ ގޮތަށް ހަދާފައެވެ. އެހެންކަމުން ފީފާ އިން ސަސްޕެންޝަން އުވާނުލާ ހިނދެއްގައި ޕާކިސްތާނަށް އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަނުކުރެވޭނެއެވެ.

އެ މުބާރާތުގެ އެންމެ ކާމިޔާބު ކްލަބަކީ އިންޑިއާއެވެ. ޖުމުލަ 11 ފަހަރު މުބާރާތް ބާއްވާފައި ވާއިރު، އޭގެ ތެރޭން ހަތް ފަހަރު އިންޑިއާ ވަނީ އެ މުބާރާތް ކާމިޔާބުކޮށްފައެވެ. ސްރީލަންކާ، ރާއްޖެ އަދި ބަނގްލަދޭޝް ވަނީ މުބާރާތް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

comment ކޮމެންޓް