ޕާކިސްތާނު ރުޕީގެ އަގު ވެއްޓިއްޖެ

ޕާކިސްތާނު ރުޕީސްގެ ނޫޓުތަކެއް، ޕާކިސްތާނުގެ ސެންޓްރަލް ބޭންކުން ފައިސާގެ ކޮންޓްރޯލް ދޫކޮށްލުމުން ފައިސާގެ އަގު ވަނީ ވެއްޓިފައި--ފޮޓޯ: ނިއުސް އިންޓަނޭޝަނަލް

އިސްލާމްއާބާދު (13 ޑިސެމްބަރު): ޕާކިސްތާނުގެ އިގްތިސާދަށް ދިމާވެފައިވާ ހީނަރުކަމުގެ ސަބަބުން އެ ގައުމުގެ ސެންޓްރަލް ބޭންކުން ޕާކިސްތާން ރުޕީސްގެ ކޮންޓްރޯލް ދޫކޮށްލުމުން އެ ގައުމުގެ ފައިސާގެ އަގު ވެއްޓިއްޖެ އެވެ.

ޕާކިސްތާނުގެ ސެންޓްރަލް ބޭންކުން ފައިސާގެ ކޮންޓްރޯލް ދޫކޮށްލީ މިދިޔަ ހުކުރު ދުވަހު އެވެ. އިއްޔެއާ ހަމައަށް ޑޮލަރަކަށް ޖެހޭ ޕާކިސްތާނު ރުޕީގެ އަގު މިހާރު ވަނީ 110.25 ވެއްޓިފަ އެވެ. ދެހާސް ފަނަރަ ވަނަ އަހުރުގެ ޑިސެމްބަރު މަހުން ފެށިގެން ޑޮލަރުގެ އަގު ހުރީ 104-105 ރުޕީސްއާ ދެމެދު ހިފެހެއްޓިފަ އެވެ.

ޕާކިސްތާނު ރުޕީގެ އަގު ވެއްޓިފައި މިވަނީ އެ ގައުމުގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށްވަމުގެ ސަބަބުންނެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި އިންވެސްޓަރުންގެ އިތުރުން އިގްތިސާދީ މާހިރުން ވެސް ވަނީ ރުޕީސްގެ ކޮންޓްރޯލް ދޫކޮށްލުމަށް ގޮވައިލައިފަ އެވެ.

ދެހާސް ސާދަ އިން ފެށިގެން ޕާކިސްތާން ރުޕީސް ފާހަގަވެފައި ވަނީ މުޅި އޭޝިއާގެ އެންމެ "ސްޓޭބަލް" ފައިސާގެ ގޮތުގަ އެވެ.

ޕާކިސްތާނުގެ ލީޑިން ފައިނޭންޝިއަލް ކޯޕަރޭޝަނެއް ކަމަށްވާ އީއެފްޖީ ހާމިސް ޕާކިސްތާނުގެ ސީއީއޯ، މުޒައްމިލް އަސްލަމް ރޮއިޓާސް އަށް ވިދާޅުވީ ސެންޓްރަލް ބޭންކުން މިހާރު ޑޮލަރުގެ އަގު ކަނޑައަޅަނީ ޑިމާންޑާ ސަޕްލައިއަށް ބަލައިގެން ކަމަށެވެ.

ޕާކިސްތާނުގެ ސެންޓްރަލް ބޭންކުން ބުނީ ފައިސާގެ އަގު ދަށްކުރުމުން އިގްތިސާދު ކުރިއެރުމަށް އެހީތެރިވެދޭނެ ކަމަށާއި އަދި ދަރަނިތައް އަދާކުރުމަށް ކުރިއަށް ވުރެ ފަސޭހަވެގެންދާނެ ކަމަށެވެ.

ރޮއިޓާސް

comment ކޮމެންޓް