ހަޑާސްފީލްޑް ބަލިކޮށް ޗެލްސީ ޔުނައިޓެޑާ އަރާ ހަމަކޮށްފި

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ހަޑާސްފީލްޑާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ހަޑާސްފީލްޑާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާ އެކު ޗެލްސީން ކާމިޔާބުކޮށް ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފި އެވެ.

ހަޑާސްފީލްޑްގެ ދަނޑުގައި ރޭ ކުޅުނު އެ މެޗު ޗެލްސީން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާ އެކު ޔުނައިޓެޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 35 ޕޮއިންޓާ އެކު ޗެލްސީ އޮތީ ލީގުގެ ތިންވަނައިގަ އެވެ. ރޭގެ މެޗުން ބަލިވި ހަޑަލްސްފީލްޑް އޮތީ 18 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގަ އެވެ.

ރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޗެލްސީންނެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު ވިލިއަން ދިން ޕާހަކުން މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޓިއެމޯ ބަކަޔޯކޯ އެވެ. އަދި ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މާކަސް އޮލޮންސޯ ނަގައިދިން ހުރަހަކުން ވިލިއަން ވަނީ ޗެލްސީގެ ލީޑު ފުޅާކޮށްދީފަ އެވެ.

ދެ ލަނޑުގެ ލީޑަކާ އެކު ފުރަތަމަ ހާފް ޗެލްސީން ނިންމާލި އިރު، ދެވަނަ ހާފްގެ ކުރީކޮޅު ޕެޑްރޯ ވަނީ ޗެލްސީގެ ތިން ވަނަ ލަނޑު ޖަހައިދީ މޮޅު ޔަގީންކޮށްދީފަ އެވެ. އެ ލަނޑަށް ފަހު ވެސް މި ހާފުގައި ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ޗެލްސީން ވަނީ ތަނަވަސްކޮށްފަ އެވެ.

ހަޑާސްފީލްޑްގެ ހަމައެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ލޯރެންޓް ޑެޕޮއިޓްރޭ އެވެ.

ޗެލްސީގެ އިތުރުން ބާންލީ ވެސް ވަނީ ރޭ ސްޓޯކް ސިޓީ ބަލިކޮށް ލީގުގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފަ އެވެ. ތާވަލުގެ ހަތަރު ވަނާގައި ބާންލީ އޮތީ 31 ޕޮއިންޓާ އެކު އެވެ.

comment ކޮމެންޓް